ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ އެންޖީއޯ) އިން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްސަ ވޯކްޝޮޕް ޓްރެއިނިންއެއް ބާއްވައިފިއެވެ.
ރަފީ އެންޖީއޯއަކީ މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސާ ޑރ. އާއިޝަތު ރަފިއްޔާ ހިންގާ އެންޖީއޯއެކެވެ.
މި ޓްރެއިނިންގައި ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި ޓްރެއިނިންގައި ޒުވާނުންގެ އިތުރުން ކުންފުނިތަކުގެ މެނޭޖަރުންނާ ޓީމްތަކުގެ ލީޑަރުން ވެސް ވަނީ ބައިވެރިވެފައެވެ.

ރަފީ އެންޖީއޯ އިން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޚާއްސަ ވޯކްޝޮޕް ޓްރެއިނިން -- ސަން ފޮޓޯ
މި ޓްރެއިނިންގެ މައިގަނޑު މަގްސަދަކީ ތަފާތު އެކި މީހުންނާ އެކު އުޅެން އެނގި، ރަނގަޅަށް މުއާމަލާތު ކުރަން އެނގުމެވެ. މި ކޯސް ނަންގަވައިދެއްވީ ތިއޭޓާ ސްޕެޝަލިސްޓް އެންޑް ކޯޗް އެނާ ލުއިސް ލެއިޑެންއެވެ.
ކޯހާ ގުޅިގެން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މި ކޯހުގެ އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް ރީއްޗަށް މުހާތަބު ކުރަން ދަސްކޮށްދިނުން ކަމަށެވެ.
"މި ޓްރެއިނިންއަށް ފަހު އެންމެ އުފާވާނީ އަދި އަޅުގަނޑު ދެކެން ބޭނުންވާ މަންޒަރަކީ ޓްރެއިނިން އިން ދަސްވި ކަންކަން ދިރިއުޅުމުގެ އަމަލީ މައިދާނުގައިވެސް ޓްރެއިިންގެ ބައިވެރިން ބޭނުން ކުރުން" ތިއޭޓާ ސްޕެޝަލިސްޓް އެންޑް ކޯޗް އެނާ ލުއިސް ލެއިޑެން

މި ޓްރެއިނިން ކުރިއަށް ގޮސްފައިވަނީ ސަމާސެޓް ހޯލްގަ އިއްޔެގެ ވަގުތެއްގައެވެ.
"ރަފީ އެންޖީއޯ" އަކީ މިފަދަ ގިނަ ޓްރެއިނިންތަކެއް ކުރިއަށް ގެންދާ އެންޖީއޯއެކެވެ. މީގެ ކުރިން ވެސް ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ވެސް ޓްރެއިނިންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެންޖީއޯގެ ފައުންޑާ ރަފިއްޔާއަކީ އެފަދަ ކަންކަމުގައި ޒުވާނުން ޝާމިލުކުރުން އިތުރުކޮށް، ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ފަރާތެކެވެ.