ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

އުސްފަސްގަނޑު ސަރަހައްދުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކެއް --- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމުން ތަންފީޒުކުރުން ލަސްކުރަން ތާއީދުކޮށް ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ހައިކޯޓުން މި މައްސަލައިގައި ނެރުނު އަމުރަކީ، ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ގާތްގަނޑަކަށް 200 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމިފައިވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސައިލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ތާއީދުކޮށް ނެރުނު އަމުރެކެވެ. ސިވިލް ކޯޓުން އެ އަމުރު ނެރުނީ ރަޖިސްޓްރީ ބާތިލުކުރި ބައެއް އުޅަނދުތަކުގެ ވެރިން އެ މައްސަލައިގައި ޓްރާންސްޕޯޓާ ދެކޮޅަށް ދައުވާކުރުމުންނެވެ.

https://sun.mv/175824

ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި މި މައްސަލަ މި މަހުގެ ހަތްވަނަ ދުވަހު ވަނީ އެ ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުގެ ރަޖިސްޓްރާ ގޮތެއް ނުނިންމަވައެވެ.

ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލައިގައި ޓްރާންސްޕޯޓާ ދެކޮޅަށް ހައިކޯޓުން ނެރުނު އަމުރުގައި ވަނީ ހުކުމުގައި ވަނީ މައުޟޫއީ މައްސަލައެއްގެ ތެރެއިން ރަޖިސްޓްރީތަކުގެ ސައްޙަކަމާ މެދު ގޮތެއް ކަނޑައެޅޭނެ ކަމަށާއި ނަމަވެސް އޭގެ ކުރިން ރަޖިސްޓްރީތައް ބާތިލުކުރި ކުރުން ދަމަހައްޓައި ވަގުތީ އަމުރެއް ނެރެފިނަމަ އެ ކަމުގެ ގެއްލުމާއި އުނދަގޫ ލިބޭނެ 87 މީހުން ތިބޭއިރު އޭގެން ދައުލަތަށް ލިބޭނެ ސީދާ ގެއްލުމެއް ނެތް ކަމަށެވެ.

އެހެންކަމުން 'ބެލެންސް އޮފް ކޮންވީނިއަންސް' އުސޫލުގެ ދަށުން ގެއްލުން ބޮޑަށް ތަޙައްމަލު ކުރަންޖެހޭ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ކަމަށް ވުމުން، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތު ނިންމުމުގައި، ސިވިލް ކޯޓުގެ އަމުރު ދެމެހެއްޓިއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ، ފަނޑިޔާރު މުހައްމަދު ނިޒާމާއި، ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

comment ކޮމެންޓް