ރައީސަށް ''ވަގަށް'' ގޮވި މައްސަލައިގައި މުޣުނީ މަގާމުން ވަކިކޮށްފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ -- ފޮޓޯ/ އެންއީއޯސީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ 'ވަގެއް' ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވި މައްސަލައިގައި އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ހަސަން މުޣުނީ މިއަދު ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މިކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބުރޭ) މީގެކުރިން "ސަން"އަށް ވިދާޅުވީ މުޣުނީގެ އެ ޓްވީޓަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލު ކުރަން އެކުލަވާލާފައިވާ ސުލޫކީ މިންގަނޑާ ހިލާފް ޓްވީޓެއް ކަމުން އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

މުޣުނީގެ ރަސްމީ އެކައުންޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ރައީސް ޞާލިހަކީ "ވަގެއް" ކަމަށް ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ ކުންފުނިތަކުގެ އިސްވެރިންނަކީ ވެސް ނާގާބިލު ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. އަދި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ ނަން ފާހަގަކޮށް ކޮރަޕްޓް ބައެއް ކަން ފާހަގަކުރައްވަމުން، ކޮރަޕްޝަން ނިމެން ދެން އޮތީ އެންމެ ހަތަރު މަސް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފަހުން އޭނާ ވަނީ އެ ޓްވީޓް ޑިލީޓް ކޮށްލާފައެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މުޣުނީ މީގެ ކުރިން ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ އެ މަގާމުގައި ހުންނަވާތާ ތިން އަހަރު ފަހުން މިދިޔަ އަހަރުގެ މާޗުގައި ރައީސް ވަނީ ސްޓެލްކޯގެ އެމްޑީއަކަށް އަހުމަދު ޝަރީފް (އީސީ ޝަރީފް) ހަމަޖައްސަވާފައެވެ.

comment ކޮމެންޓް