އަހްމަދު ހުސައިން، 59އަކީ ހަކުރު ބަލި ހުންނަ މީހެކެވެ. ލޭގެ ޕްރެޝަރު ވެސް މަތީގައި ހުންނަ މީހެކެވެ. މީގެ ކުރިން އޭނާއަށް ވަނީ ސްޓްރޯކެއް ވެސް ޖެހިފައެވެ.
އެ ހިތާމަވެރި ކަންތައްތަކާއެކު، މީގެ ދެ އަހަރު ކުރިން އޭނާގެ ލޮލުގެ ފެނުން މުޅިން ގެއްލުނެވެ. ލޯ ފުސްވެ، ދެ ކަޅި ވެސް އެއްކޮށް ހުދުވީއެވެ.
އޭގެ ފަހުން، ފާއިތުވީ ދެ އަހަރު އޭނާގެ ދަރިން ބައްޕަ ގޮވައިގެން އެތައް ޑޮކްޓަރުންނެއްގެ ގާތަށް ހިނގައްޖެއެވެ. މަގުސަދަކީ ބައްޕަގެ ލޮލަށް އަލުން ފެންނާނޭކަމުގެ އުންމީދު އޮތުމެވެ. އެހެންވެ، އެ ކަން ހާސިލުކުރާށެވެ.
އެކަމަކު ހުރިހާ ޑޮކްޓަރުން ވެސް ބުނަނީ އެއީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށެވެ. ސަބަބުތައް ވެސް ޑޮކްޓަރުން ދައްކައެވެ. އޭނާގެ ހަކުރުގެ ލެވެލް ހުންނަނީ ވަރަށް މަތީގައެވެ. ޕެނިކްވުމަކީ އިތުރު ސަބަބެކެވެ.
ލޮލުގެ އަލިކަން ހުސައިންއަށް ނުލިބޭތާ ދެ އަހަރު ވީއެވެ. އަމިއްލަ ދަރިން ގާތުގައި ތިބެމެ ލޮލަކަށް ނުފެނެއެވެ. ގުދުރަތުގެ ރީތި މަންޒަރުތަކެއް ނުފެނޭމެއެވެ. ލޮލުގެ ފެނުން ގެއްލުމުން އޭނާގެ ދިރިއުޅުން ހަގީގަތުގައި މި ފާއިތުވެދިޔަ ދެ އަހަރު ދައްޗެވެ. އެއީ ހިތާމައެއް މެއެވެ.
އަހްމަދުގެ ދަރިފުޅު ޝަފްރާޒް އަހްމަދު ހުސައިން "ސަން"އަށް ކިޔައިދިން ގޮތުގައި ބައްޕަގެ ލޯ ފުސްވެ ނުފެންނަން މެދުވެރިވީ ސްޓްރޯކެއް ޖެހި ބައްޕަގެ ވާތްފަޅި ވާގި ގޮސްފައިވަނިކޮށްނެވެ. އެއީ 2017ވަނަ އަހަރުއެވެ.
ރާއްޖެ އައިސް އުޅޭ ޗައިނާގެ ޓީމަކުން ވަނީ ހޯމަ ދުވަހު ލޮލުގެ އޮޕަރޭޝަން ކޮށްފައެވެ. އެކަމަކު، އެއީ 50/50ގެ އޮޕަރޭޝަނެއް ކަމަށް ޑޮކްޓަރުން ފުރަތަމަ ވެސް ބުންޏެވެ.
"ބައްޕަގެ ލޯ ވަރަށް ފުސްވެފައި އިނީމަ، ރާއްޖޭގައި ނެތް މެޝިނެއް ވެސް އެ މީހުން ގެނައީ ބޭރުން،" ޝަފްރާޒް ކިޔައިިދނެވެ.
އެ މެޝިން ގެނެސް މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލާ ހަދިޔާ ވެސް ކޮށްފައެވެ. އެއީ ވަރަށް ބޮޑަށް ބޮޑުވަރުވެފައިވާ ލޯތަކަށް ފަރުވާކުރާ މެޝިންތަކެވެ.
އެކަމަކު އޮޕަރޭޝަންކުރަން ވެއްދި އިރު ވެސް ޑޮކްޓަރުން ދީފައި އޮތީ މާ އުންމީދީ ޖަވާބެއް ނޫނެވެ. އޭނާ ވަރަށް ބޮޑަށް ތެޅޭތީ އާއި އުމުރަށް ވެސް ރިއާޔަތްކޮށް އޮޕަރޭޝަން ކާމިޔާބުވުމަށްވުރެ ރަނގަޅީ ނުވުން ކަމަށެވެ. އެކަމަކު، އެ ކަމާ ކުރިމަތިލާން އާއިލާއިން ބޭނުންވީއެވެ.
"އެ މީހުން ވެއްދީ ވެސް ވަކި ހިސާބަކުން މެދުކަނޑާލަން ވެއްޖިއްޔާ މެދުކަނޑާލާ ގޮތަށް،" ޝަފްރާޒް ކިޔައިދިނެވެ.
އޮޕަރޭޝަނަށް ހޭދަވީ ތިރީހަކަށް މިނެޓެވެ. އެއަށްފަހު، ބެންޑޭޖްގަނޑު ނެގީ އިއްޔެގެ ވަގުތެއްގައެވެ. ރިސްކެއް ނަގައި ކުރި އެ އޮޕަރޭޝަން ވީ ކާމިޔާބެވެ. ހުސައިންގެ ލޮލުގެ ފެނުން އަނބުރާ ލިބުނީއެވެ.
ލޮލުގެ ފެނުން މީގެ ދެ އަހަރު ކުރިން ގެއްލުމުން ހުސައިންއަށް އުޅެން ޖެހުނީ ދަތި ދިރިއުޅުމެކެވެ. އެހެން ނަމަވެސް، އޭނާއަށް ދަރިންގެ އަޅާލުމާއި ލޯބި ލިބެއެވެ.
"ލޮލުގެ ފެނުން ގެއްލުނު އިރު ވެސް ބައްޕައަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް. އެހެންވީމަ ލޮލަށް ނުފެންނަން ފެށި ހިސާބުން އެއްކޮށް ބަރޯސާވާން ޖެހުނީ މީހުންނަށް،" ޝަފްރާޒް ކިޔައިދިނެވެ.
ލޮލުގެ ފެނުން ގެއްލުމުގެ ކުރިން އަމިއްލައަށް އޭނާ ކައި ވެސް ހެދިއެވެ. އެކަމަކު، ފަހުން އަމިއްލައަށް ނުވެސް ކެވެއެވެ. ބައެއް ފަހަރަށް ތަށިތައް ވެސް ތެޅިފައި އެބަހުއްޓެވެ.
ދެން ހުސައިންގެ އެންމެ ބޮޑު ހިތާމައަކަށްވީ ފާއިތުވެދިޔަ ދެ ރޯދަ މަހު ވެސް އޭނާއަށް ގުރުއާން ޚަތިމު ނުކުރެވުމެވެ. އެކަމަކު، އޮޕަރޭޝަނަށް ފަހު މިހާރު ޚަތިމު ބަލައިގެން ޤުރުއާން ވެސް ކިޔެވެއެވެ.
"ދެ ރޯދަ މަސް ދިޔައިރު ނުކިޔެވިގެން ބައްޕަ ވަރަށް ޝަކުވާ ކުރި. މިހާރު ހުރީ ވަރަށް އުފަލުން،" ޝަފްރާޒް ބުންޏެވެ.
ޝަފްރާޒް ވަނީ ބައްޕަގެ ލޮލަށް ފެނުނުކަމުގެ އުފާވެރި ޚަބަރު ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ. އެޔާއެކު އޭނާއަށް އެތައް މެސެޖެއް ދަނީ ލިބެމުންނެވެ.
"މި ސްޓޭޓަސް ޖަހައިގެން 50ހަކަށް މީހުން މެސެޖުކޮށްފި މިހާރު ވެސް. ޗައިނާ އެމްބަސީއަށް ގުޅައިގެން ދުވަސް އިތުރުކުރެވޭތޯ މި މަސައްކަތް ކުރަނީ،" ޝަފްރާޒް ބުންޏެވެ
އެ އޮޕަރޭޝަން ކުރި ޑޮކްޓަރުން ރާއްޖޭގައި ތިބެނީ ޖޫންމަހާ ހަމައަށެވެެ. އެއީ ޗައިނާގެ ޑޮކްޓަރުންނާއި ޕްރޮފެސަރުންގެ ޓީމެކެވެ.
ޝަފްރާޒްގެ ޓްވީޓަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލީ ޝިންގް ވެސް ވަނީ ރިޕްލައިކުރައްވައިފައެވެ. އޭނާ ވިދާޅުވީ ހުސައިންގެ ލޮލަށް ފެނުމުގެ ޚަބަރަކީ ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ. އަދި ރާއްޖޭގެ އިތުރު މީހުންނަށް ވެސް ޗައިނާގެ މި ޓީމުގެ ފަރާތުުން ފަރުވާ ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ކޮވިޑަށްފަހު ޗައިނާގެ އެހީގެ ޓީމުތައް ޒިޔާރަތްކުރި ފުރަތަމަ ގައުމަކީ ރާއްޖެއެވެ. އެއީ ހުސައިން ފަދަ އެތައް ބައެއްގެ ނަސީބެވެ.
ދެ އަހަރު އަނދިރި ދުނިޔެއެއްގައި ހޭދަކުރުމަށްފަހު އަލިކަމަށް ހުސައިން ލޯ ހުޅުވާލީ އިއްޔެގައެވެ. އެއީ އޭނާއާއި މުޅި އާއިލާއަށް ވެސް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.