އެސްއޭޖޭސީޓީޓީސީ: ރާއްޖޭގެ ޒުވާން ޓީޓީ ޓީމަށް ފަސް މެޑެލް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޖޫނިއާ ކެޓަގަރީގައި ވާދަކުރާ ރާއްޖޭގެ ޓީމު -- ފޮޓޯ/ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް (އެސްއޭޖޭސީޓީޓީސީ) 2023 ގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ފަސް މެޑެލް ހޯދައިފިއެވެ.

އިންޑިއާގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއިން ހޯދާފައިވަނީ ދެ ރިހި މެޑެލް އާއި ތިން ލޯ މެޑެލްއެވެ. ޓީޓީއަކީ ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ މެޑެލް ހޯދައިދޭ ކުޅިވަރެވެ.

އެސްއޭޖޭސީޓީޓީސީގައި ރާއްޖޭގެ އަޚްޔާރު އަހުމަދު ޚާލިދާއި ފާތިމަތު ދީމާ އަލީގެ ޕެއާ އިން ޖޫނިއާ މިކްސް ޑަބަލްސް އިވެންޓުގެ ރިހި މެޑެލް ހޯދި އިރު، އެ ޕެއާ އިން ފައިނަލުގައި ވާދަކޮށްފައިވަނީ އިންޑިއާގެ ޕެއާއާ ދެކޮޅަށެވެ. އަދި އަންހެނުންގެ ޖޫނިއާ ޑަބަލްސް އިވެންޓުން ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހީމްގެ ޕެއާ ރިހި މެޑެލް ހޯދި އިރު، އެ ޕެއާ ވެސް ފައިނަލުގައި ވާދަކޮށްފައިވަނީ އިންޑިއާގެ ޕެއާއާ ދެކޮޅަށެވެ.

ފިރިހެނުންގެ ޖޫނިއާ ޑަބަލްސް އިވެންޓުން އަޚްޔާރާއި މުހައްމަދު ތާބިން ސުޖާއުގެ ޕެއާ ލޯ މެޑެލް ހޯދީ އިންޑިއާގެ ޕެއާއާ ވާދަކޮށްގެންނެވެ. އަދި ބަންގުލަދޭޝްގެ ޕެއާއާ ވާދަކޮށް ރާއްޖޭގެ އައުން އިބްރާހިމް ލަތީފާއި އުމީރު މުހައްމަދު މުއިއްޒުގެ ޕެއާ އިން ފިރިހެނުންގެ ކެޑޭޓް ޑަބަލްސް އިވެންޓުގެ ލޯ މެޑަލް ހޯދި އިރު، އަންހެނުންގެ ކެޑޭޓް ޑަބަލްސް އިވެންޓުން މިޝްކާ އާއި އާއިޝަތު ޒާރާ ޝާހިލް ލޯ މެޑެލް ހޯދީ ނޭޕާލްގެ ޕެއާއާ ވާދަކޮށްގެންނެވެ.

އޭގެ އިތުރުން ޖޫނިއާ ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އަޚްޔާރާއި ދީމާ ޖާގަ ހޯދާފައިވާ އިރު، ރާއްޖޭގެ މިޝްކާ ވަނީ ކެޑޭޓް ސިންގަލްސް އިވެންޓުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާގައި އަޚްޔާރު ނުކުންނަން ޖެހޭނީ ބަންގުލަދޭޝްގެ ކުޅުންތެރިޔަކާ ދެކޮޅަށެވެ. އަދި ކުއާޓާގައި ދީމާ އަދި މިޝްކާ ނުކުންނަން ޖެހޭނީ ސްރީލަންކާގެ ދެ ކުޅުންތެރިޔަކާ ދެކޮޅަށެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ހަތަރު ފިރިހެން ކުޅުންތެރިންނާއި ހަތަރު އަންހެން ކުޅުންތެރިން ވާދަކުރެއެވެ. އަދި ކެޑޭޓް ކެޓަގަރީގައި ވާދަކުރަނީ ތިން ފިރިހެން ކުޅުންތެރިންނާއި ތިން އަންހެން ކުޅުންތެރިންނެވެ.

comment ކޮމެންޓް