އަޖިނޮމޮޓޯ އަކީ ބްރޭންޑް، އެއީ އަސްލު އެމްއެސްޖީ!

ދިވެހިންނަށް "އަޖިނޮމޮޓޯ" އަކީ ކޯޗެއްކަން ބުނެފިއްޔާ ވަގުތުން އެނގޭނެއެވެ. ނަމަވެސް އެމްއެސްޖީ އޭ ބުނެފިއްޔާ ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް މިއީ ގުޅުންހުރި އެއްޗެކެވެ.

ދިވެހިން އަޖިނޮމޮޓޯ ކަމަށް ކިޔައި މި ޕްރޮޑަކްޓަކީ އަސްލު އެމްއެސްޖީއެވެ. އެމްއެސްޖީ ނުވަތަ މޮނޮސޯޑިއަމް ގްލޫޓަމޭޓް ރާއްޖެއަށް އެންމެ އާންމުކޮށް އެތެރެ ކުރަނީ އަޖިނޮމޮޓޯ ކިޔާ ބްރޭންޑަކުންނެވެ. މިއީ ޖަޕާނުގެ ބަޔޯޓެކް ކުންފުންޏެއްގެ އުފެއްދުމެކެވެ. އެއާއެކު އުފެއްދުމުގެ ނަމުގައި ހަރުލާފައި އޮތީ ބްރޭންޑު ނަމެވެ.

އެހެންވީމާ އެމްއެސްޖީ އަކީ ކޮބައިކަން ނޭނގުނަސް މިއީ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ނަމަވެސް ބައެއް ދިވެހީންގެ މެދުގައި މިއާ ގުޅިގެން އޮންނަނީ ފާޑެއްގެ ގޯސް ހީކުރުންތަކެއް ހީކުރެވިފައެވެ.

ކޮބާ އެމްއެސްޖީއަކީ؟

އެމްއެސްޖީ އަކީ ކާއެއްޗެއްހީގެ ރަހަ ހެޔޮވަރު ކުރުމަށް ބޭނުންކުރާ ސީޒަނިން އެކެވެ. އެމްއެސްޖީ އަކީ އާންމުކޮށް ކާއެއްޗެހީގައި އުމާމީ ނުވަތަ ސޭވަރީ ރަހަ ލައްވަން ގެންގުޅޭ ސީޒަނިން އެކެވެ. މީގެ ސަބަބުން ކާއެއްޗެހީގައި މަސް ރަހަ ހުރުމާއި ލާ ރަހަތައް ގަދަ ނުކޮށް ހުރިހާ ރަހަތަކެއް އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެއެވެ.

އުމާމީ ރަހަ އަކީ އާންމުކޮށް އިންސާނުން ދެނެގަންނަ ފަސް ރަހަތަކުގެ ތެރޭގައި ހިމެނޭ އެއް ރަހައެވެ.

އެމްއެސްޖީ އަކީ 'ޕްލާންޓް ބޭސްޑް' ފްލޭވާއެކެވެ. އެހެންވީމާ ހަށިގަނޑަށް ނުރައްކާތެރި މާއްދާތަކެއް މިއަކު ނުހިމެނޭނެއެވެ.

"ޔޯގަޓް ފަދަ ތަކެތި ފާމެންޓް ކުރާ ގޮތަށް އެއްޗެހި ފާމެންޓް ކޮށްގެން އުފައްދާ ސީޒަނިން އެއް މިއީ،" ނިއުޓްރީޝަން ސައިންޓިސްޓެއް ކަމަށްވާ ޓިއާ ރެއިންސް ކިޔައިދިނެވެ.

ގޯސް އެއްޗެއް ކަމަށް ބުނަނީ ކީއްވެ؟

އެމްއެސްޖީ އަކީ ގޯސް އެއްޗެއް ކަމަށް ބުނެ ވާހަކަ ދެކެވެން ފެށީ 1968 ގައި އެމެރިކާ ހިސާބުންނެވެ. އެ ދުވަސްވަރު ދެކެވެން ފެށީ ޗައިނާގެ ކާއެއްޗެހި ވިއްކާ ރެސްޓޯރެންޓެއްގައި އެމްއެސްޖީ ބޭނުން ކުރުމުގެ ސަބަބުން މީހުން ބަލި ވާ ވާހަކައެކެވެ. އެއީ "ޗައިނީޒް ރެސްޓޯރެންޓް ސިންޑްރޯމް"ގެ ނަމުގައި އެމެރިކާގެ ޑޮކްޓަރަކު ލިޔެ ޝާއިއު ކުރި ސިޓީއަކާ ގުޅިގެންނެވެ.

އެއާއެކު، ކެއްކުމުގައި ބޭނުންކުރި ބަނގުރަލާއި އެ ނޫން ވެސް ތަކެތީގެ ސަބަބުން ދިމާވި ބައެއް އެލާޖީގައި އެމްއެސްޖީ ކުށްވެރިވާ ކަމަށް ގިނަ ބަޔަކު ނިންމަން ފެށިއެވެ. އެއަށް ފަހު ރެސްޓޯރެންޓެއްގައި އެއްވެސް ކަހަލަ އެލާޖީއެއް ފަދަ ކަމެއް އޮތުމުން އެމްއެސްޖީ ގޯސްކޮށް ވާހަކަ ދެކެވެން ފެށިއެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ސުވާލު އުފެއްދުމެއް ނެތި އެމެރިކާގެ ރެސްޓޯރެންޓްތަކުގައި އެމްއެސްޖީ ބޭނުންކުރުން ހުއްޓާލަން ފެށީ ހަގީގަތެއް ނެތް ވާހަކަތަކެއް ދެކެވެން ފެށުމުންނެވެ. އެއަށްފަހު އެތައް އަހަރެއް ވީ އިރު ވެސް ހުޅަނގުގައި އެ ލޭބަލް ކުރަމުން ދިޔައީ ނުރައްކާތެރި އެއްޗެއްގެ ގޮތުގައެވެ.

ނަތީޖާއެއް ގޮތުން އަސްލެއް ނުބަލައި ދުނިޔޭގެ އެހެން ސަރަހައްދުގައި ވެސް އެމްއެސްޖީ ބޭނުން ކުރުން ގޯސް ކަމަކަށް ވާން ފެށިއެވެ. ނަމަވެސް މިހާރު މިއީ ދޮގު ވާހަކައެއް ކަން އެނގި، އެކަން މަޑު މަޑުން އަންނަނީ ބަދަލުވަމުންނެވެ.

މަސްދަރު: ސީއެންއެން

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު