ޅ. ކުރެންދޫގައި ހުންނަ ޅ. އަތޮޅުމަދަރުސާގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ޝެލީން މުހައްމަދު ހޮވިއްޖެއެވެ.
އެ ސްކޫލްގައި ހުކުރު ދުވަހުގެ ރޭ ވަނީ ފާއިތުވެދިޔަ ދިރާސީ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފައެވެ.
އެ ސްކޫލުން އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ފަސް ދަރިވަރުން ވަނީ ހޮވައިފައެވެ. އެ ސްކޫލްގެ އެންމެ މޮޅު ފަސް ދަރިވަރުންނަކީ:
- އައިޝަތު ޝެލީން މުހައްމަދު
- އަހްމަދު ނާއިޝް މުހައްމަދު
- އައިމިނަތު ޝައިހް ތާހާ
- އާސިޔަތު އިމްތިޝާލް އަހްމަދު
- ފާތިމަތު ފާލްތާ މުހައްމަދު
ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓަކަށް ހޮވުނީ ވެސް ނާއިޝްއެވެ. އަދި އެންމެ މޮޅު ގާލް ގައިޑަކަށް ހޮވުނީ އިމްތިޝާލްއެވެ.
އެ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފައިވަނީ ތަފާތު ގޮތަކަށެވެ. ސަޤާފީ ބޮޑުމަސް ތިން ބަޔަކަށް ބަހައިލައިގެން ވަނީ ހުށަހަޅައިދީފައެވެ.
އެ ސްކޫލުން ބުނާ ގޮތުގައި މި ކަމުގެ މަގުސަދަކީ އުވެމުންދާ އެ ފަދަ ސަގާފީ ކަންކަން ދިރުވައި އާލާކުރުމެވެ. އެ ގޮތުން ރަށުގެ އެ ކަމުގައި ފަންނުވެރިންގެ އެހީތެރިކަމާއެކު ބޮޑުމަސް ހެދުމުގެ މަސައްކަތްކުރާ ގޮތާއި ހުށަހަޅައިދޭ ގޮތް ދަރިވަރުންނަށް ދަސްކޮށްދޭން މަސައްކަތްކޮށްފައިވެއެވެ.