19:00
ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މައްޗަށް އަބުރުގެ ދައުވާ އާއި ލިބިވަޑައިގެންފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން 4.4 މިލިއަން ރުފިޔާ ހޯއްދެވުމަށް ޕީއޭގެ ރައީސް އަބްދުﷲ ޔާމީން މަދަނީ ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ޔާމީންގެ ޤާނޫނީ ވަކީލު އައްބާސް ޝަރީފް މިއަދު ވިދާޅުވީ އިލްޔާސްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރެއްވުމަށް ހުށަހެޅުއްވީ ރައީސް މުހައްމަދު ނަޝީދަށް އިލްޔާސް ލަބީބު ފޮނުއްވި ސިޓީއެއްގައި "ޕީޕަލްސް އެލަޔަންސާ ގުޅުމުން ރަނގަޅު ގޮތްތަކެއްވާނެ" ކަމަށް އޭނާ ގާތު ޔާމީން ވިދާޅުވެފައިވާ ކަމަށް ލިއުއްވާފައި ވާތީ ކަމަށް. އަދި އިލްޔާސް ލަބީބު ރައީސް ނަޝީދަށް ފޮނުއްވާފައިވާ އެ ސިޓީގައި ވިދާޅުވެފައި ވަނީ ދޮގު ވާހަކެއް ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
އައްބާސް އިތުރަށް ވިދާޅުވީ އެ ސިޓީގެ ސަބަބުން ޔާމީންގެ ލިބިވަޑައިގެންފައިވާ މައުނަވީ ގެއްލުމުގެ ބަދަލާއި މަދަނީ ގެއްލުމުގެ އިތުރުން އަބުރު ރައްކާކުރުމުގެ ހަޢްޤު ނިގުޅައިގެންފައިވާތީ އެތިން ކަމުގެ ބަދަލު ހޯއްދެވުމަށް އެދި ހުށަހަޅުއްވަފައިވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ކެބިނެޓް އިސްތިއުފާ ދެއްވި މައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ އެބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ބައެއް މެންބަރުން ރިޝްވަތް ހުށަހަޅުއްވާފައިވާ ކަމުގެ ޝަކުވާތައް ސަރުކާރަށް ލިބުމާ ގުޅިގެން ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތުގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެދެބޭފުޅުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ އެ ތުހުމަތުގެ މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިނުވާ ކަމަށް ބުނެ ޝަރުއީ ކޯޓުތަކުން ވަނީ އެ ދެބޭފުޅުން މިނިވަންކޮށްފަ އެވެ.