ދުނިޔޭގެ މަންޒިލްތަކަށް ފަސޭހައިން ދަތުރު ކުރެވޭނެ ފުރުސަތުތައް ފަހިވެެފައި އޮތުމަކީ ފަތުރުވެރިކަން ކުރިއެރުވުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށާއި އެ ކަން ޔަގީންކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މޮންޓެނިގްރޯ ސަރުކާރުން އިންތިޒާމު ކޮށްގެން ބޭއްވި ބްރިޖިން ޓޫރިޒަމް ޑެސްޓިނޭޝަންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ މި ކޮންފަރެންސަކީ ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން ޓޫރިޒަމަކީ އެންމެ މަންޒިލަކަށް އޮންނަ ކަމެއް ނޫން ކަމަށާއި އެއީ ބައިނަލްއަޤްވާމީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް އޮންނަން ޖެހޭ ފުރުސަތެއް ކަމަށް މައުސޫމް ވިދާޅުވިއެވެ. އަދި، އެ މަންޒިލްތައް ގުޅައިލައި ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް އޮތުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖެއަކީ ވެސް ކިތަންމެ ދުރުގައި އޮންނަ ގައުމެއް ނަމަވެސް މޮންޓެގްރޯއަށް ގޮސް އެ ކޮންފަރެންސްގައި ބައިވެރިވުމަށް މަގުފަހިވީ މި ބްރިޖިންގެ ސަބަބުން،" މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މިދިޔަ އަހަރު ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރިއިރު އެއީ ރާއްޖެއަށް މުހިއްމު ކާމިޔާބީތަކެއް ވެސް ލިބުނު އަހަރެއް ކަމަށެވެ.
އެގޮތުން ފާއިތުވި ތިން އަހަރު ވެސް ރާއްޖެއަށް ވޯލްޑް ޓޫރިޒަމް އެވޯޑްސްއިން ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބުމަކީ ލިބުނު އެންމެ ބޮޑު އެއް ކާމިޔާބުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެންވެ އަޅުގަނޑުމެން ވަރަށް އުފާވޭ ރާއްޖެއަކީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނޭ ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖިން ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސަށް ދިޔަ ޓޫރިޒަމް މިނިސްޓްރީގެ ވަފުދު -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެ ލަގަބު ލިބުމުގައި ގިނަ ސަބަބުތަކެއް ހުރި ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން ކަމަށެވެ.
މޮންޓެގްރޯގައި އޮންނަ ކޮންފަރެންސްގައި ބައިވެރިިވުމަށް ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންގެ ވަފުދެއް އެ ގައުމަށް ދަތުރުކުރީ މި މަހު 11 އިން 12 އަށެވެ.