ގާސިމްގެ ކެމްޕެއިން މެނޭޖަރުކަން އިލްހާމާއި އަމީނަށް

ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް --- ފޮޓޯ/ ޖުމްހޫރީ ޕާޓީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން މެނޭޖަރަކަށް އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ހަމަޖައްސައިފިއެވެ.

ޖޭޕީގެ ކައުންސިލް ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކެމްޕެއިންގެ އެންމެހާ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލައި ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން, ދެކުނުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އިލްހާމެވެ. އިލްހާމްއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅާއި އައްޑޫ ސިޓީއެވެ. އަދި، މާލޭގެ ދެބައިކުޅަ އެއްބައި ވެސް އޭނާއާ ވަނީ ހަވާލު ކޮށްފައެވެ.

އޭނާ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލިހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލީސް މެންބަރުކަން ވެސް ކުރައްވައިފައެވެ. އެފްއޭއެމްގެ ރައީސްކަން ވެސް ކުރައްވާފައިވާ އިލްހާމް ވަނީ ޑީއާރްޕީގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޕީޕީމްގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޖޭޕީގެ ޑެޕިޔުޓީ ލީޑަރު ކަމުގެ މަގާމާއި މަޖިލިސްގެ ޖޮއިންޓް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމާއި ގާސިމްގެ އެޑްވައިޒަރުކަން ވެސް ކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިލްހާމް ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް ހަމަޖައްސާފައިވާ އަމީނާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި މާލޭގެ ދެ ބައިކުޅައެއްބައެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީނަކީ ފެށުނީއްސުރެ، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ އެއް ބޭފުޅެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީނެވެ. އެ މަނިކުފާނު ވަނީ އެ މަސައްކަތުގައި އިލްހާމަށާއި އަމީނަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ޕާޓީގެ އެންމެހާ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީން ވަކިން ނުވަތަ އެ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ނިންމާފައިވާއިރު, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އަންނަނީ އެ ޕާޓީއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

comment ކޮމެންޓް