ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާ ފައިސާ ނުދެެއްކުމުން ދައުވާކޮށްފި

ފުށިދިއްގަރު ފަޅަށް ދެ އުޅަނދު އުރިފައި: އެ މައްސަލައާ ގުޅިގެން ކުރި ޖޫރިމަނާ ވަނީ ނުދައްކާ ---

މީގެ ހަތް އަހަރު ކުރިން ކ. ފުށިދިއްގަރު ފަރަށް އެމްއެމް އެކްސްޕޯޓްގެ ބާޖެއް އެރުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެގޮތުގައި ދައްކަން ޖެހޭ 100 މިލިއަން ރުފިޔާ ދެއްކުމަށް ދިން ފަހު މުހުލަތު ހަމަވި އިރު ވެސް އެ ފައިސާ ނުދެއްކުމުން އެ ކުންފުންޏާ ދެކޮޅަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޓަގްތަކާއި ބާޖްތައް ފަރަށް އެރުމުގެ ތާރީޚެއް އޮތް އެމްއެމް އެކްސްޕޯޓަށް އެ ޖޫރިމަނާ ދައްކަން އެކި ފަހަރުމަތިން ދިން މުހުލަތު ހަމަވިއިރު ވެސް އެ ކުންފުނިން ފައިސާ ދައްކާފައެއް ނުވެއެވެ.

އެ ފައިސާ ނުދެއްކުމުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެޓާނީ ޖެނަރަލް (އޭޖީ) އޮފީހަށް މިދިޔަ އަހަރުގެ ޖުލައި މަހު ވެސް މައްސަލަ ހުށަހަޅައިފައެވެ.

އޭޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު ފާތިމަތު ހަލީމް "ސަން"އަށް ވިދާޅުވީ ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ކަމަށެވެ.

މި ދެ އުޅަނދު ފަރަށް އެރުމުން ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވިކަމަށް އީޕީއޭގެ ސާވޭއިން ދައްކާކަމަށް އެ އެޖެންސީއިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ ގެއްލުމުގެ އަގު ގާތްގަނޑަކަށް 110 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އެހެން ނަމަވެސް، ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާއެވެ.

އެމްއެމް އެކްސްޕޯޓްގެ ޓަގެއް މިމަހު ކުރީކޮޅު ވެސް ވަނީ ހއ. ދިއްދޫ ފަރަށް އަރައިފައެވެ. އެ ޓަގު ނުނެގި ދެ ދުވަހެއް އެ ތަނުގައި އޮވެ ކައުންސިލުން ކަންބޮޑުވުން ވެސް ފާޅު ކުރިއެވެ.

އީޕީއޭގެ ޓީމެއް އެ ފަރަށް ވެފައިވާ ގެއްލުންތަކުގެ ސާވޭ ހެދުމަށް ދާން ވަނީ ނިންމައިފައެވެެ.

comment ކޮމެންޓް