ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ ގޮތުން ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރަންވޭ ދިއްލުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފިއެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީ "ސަން" އަށް ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓަށްފަހު ދެން އެންމެ އަވަހަށް ރަންވޭގައި ލައިޓު ޖެހުމުގެ މަސައްކަތް ފެށޭނީ، ހއ. ހޯރަފުއްޓާއި ގދ. މާވަރުލު އެއާޕޯޓުގެ ކަމަށެވެ.
މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު، ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ ދެ އެއާޕޯޓްގެ ރަންވޭގައި ލައިޓް ޖެހުމުގެ މަސައްކަތް ނިންމާލެވޭނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ ވިދާޅުވީ، މާވަރުލު އެއާޕޯޓާއި ހޯރަފުށި އެއާޕޯޓަކީ ފަތުރުވެރިންގެ އިތުރުން އެ ދެ އެއާޕޯޓް އޮންނަ ސަރަހައްދުގެ ގޮތުން ދިވެހީންނަށްވެސް ވަރަށް މުހިއްމު ދެ އެއާޕޯޓް ކަމަށާއި، އުއްމީދަކީ ރަންވޭ ދިއްލުމުގެ މަސައްކަތް ނިމި ރޭގަނޑުގެ ދަތުރުތައް އަވަހަށް ފެށުން ކަމަށެވެ.
"ލައިޓް ޖެހުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރިއަށް. ގެންނަންޖެހޭ އިކުއިޕްމަންޓްތައްވެސް ކުރިއަށްއޮތް ދެހަފުތާގެ ތެރޭގައި ގެނެސް ނިމޭނެ،" ރިޒްވީ ވިދާޅުވިއެވެ.
ހއ. ހޯރަފުށީ އެއާޕޯޓަކީ 1،200 މީޓަރުގެ ދިގު އަދި 35 މީޓަރު ފުޅާ ރަންވޭއެއް އޮންނަ، އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެކެވެ. ގދ. މާވަރުލު އެއާޕޯޓަކީ 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭ އެއް އޮންނަ އެއާޕޯޓެކެވެ. މި ދެ އެއާޕޯޓުވެސް ތަރައްޤީ ކޮށްފައިވަނީ އެމްޓީސީސީންނެވެ.
ރާއްޖޭގެ ކޮންމެ ރަށަކުން 20 މިނިޓުން ދަތުރުކުރެވޭ އެއާޕޯޓެއް އޮތުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ އެއާޕޯޓްތަކުގެ ތެރެއިން، މ. މުލި، ފ. މަގޫދޫ އަދި ރ. އަލިފުށީގައި ގާއިމްކުރާ އެއާޕޯޓުގެ މަސައްކަތް ނިމި މި އަހަރުތެރޭ ޚިދުމަތްދޭން ފެށޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.