ނައިބު ރައީސް ބަންގްލަދޭޝްގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް އެ މަނިކުފާނު ބަންގްލަދޭޝްގެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ރިޔާސީގަނޑުވަރުގައެވެ.

ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ އައު ރައީސްގެ މަގާމާ މުހައްމަދު ޝަހާބުއްދީން ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ފަރާތްޕުޅުން ތަހުނިޔާ ވިދާޅުވެފައެވެ. އަދި، ދެ ގައުމުގެ ދެމެދުގައި އޮތް 45 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެ ގައުމަށް ވެސް ފައިދާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ބަންގްލަދޭޝްގައި އިއްޔެ އާއި މިއަދު ކުރިއަށް ދިޔަ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސް ގައި ނައިބު ރައީސް ރޭ ތަގުރީރު ކުރައްވާފައި ވާއިރު، އެ ގައުމުގެ ބޮޑު ވަޒީރު ދެއްވި ފަރިއްކޮލެއްގައި ވެސް އެމަނިކުފާނު ރޭ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއިން ބަންގްލަދޭޝްއާއެކު ސިޔާސީ ގުޅުން ގާއިމް ކުރީ 22 ސެޕްޓެމްބަރު 1978 ގައެވެ.

comment ކޮމެންޓް