ރާއްޖޭގެ އެންމެ އުތުރުން، ކުޅުދުއްފުށި ސިޓީގައި އުރީދޫގެ ފަން ރަން ބޭއްވުމަކީ އެސިޓީއަށް ލިބުނު ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި ބޭއްވި ފަން ރަންގެ ތަޖުރިބާ "ސަން"އާ ހިއްސާކުރައްވަމުން މޭޔަރު ވިދާޅުވީ ކުޅުދުއްފުށީގައި ބޭއްވި ރަންއަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، އެކަމުގެ އެންމެ ބޮޑު ހެއްކަކީ އެ ފަންރަންގައި 3،000 މީހުން ބައިވެރިވުން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި [ފަން ރަން އަކީ] 3،000 އަށް ވުރެ ގިނަ ބައިވެރިން، އެކި ރަށްރަށުން ކުޅުދުއްފުއްޓަށް އައިސް އެންޖޯއިކުރި، ވަރަށް ފުރިހަމަ ހަރަކާތެއް،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އުރީދޫ ފަންރަންއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ރަންއަށް ވެފައި، އެ ރަންއަކީ އެ ސިޓީގައި ވެސް ބޭއްވި އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ރަން ކަމަށެވެ.
އެ ރަންގައި ކުޅުދުއްފުއްޓާއި ބޮޑު ތިލަދުންމަތީގެ ރައްޔިތުންނާއި ވިޔަފާރިތަކުން ވެދިން އެހީތެރިކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެ ރަންގައި ބޭނުންކުރި ހުރިހާ ތަކެއްޗާއި، އެރަންގެ އިންތިޒާމުތައް ހަމަޖެއްސުމުން ފެށިގެން ގޮސް އެރަންގެ މިޔުޒިކާ ހަމައަށް ވެސް ޝާމިލުވީ ކުޅުދުުއްފުއްޓާއި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ފަރާތްތައްކަން މޭޔަރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އެކަމަކީ ކުޅުދުުއްފުއްޓާއި ބޮޑު ތިލަދުންމައްޗަށް ލިބުނު ބޮޑު ފަހުރަކާއި ކުރިއެރުމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެރަށުގެ ތިން މަދަނީ ޖަމިއްޔާއަކަށް ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބުމަކީ އެ ޖަމިއްޔާތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
އެގޮތުން އިވެންޓް މެނޭޖްމެންޓްގެ ގޮތުގައި ހަރަކާތްތެރިވި ޑަބްލިއު ކްރާފްޓް، ފޮޓޯގްރަފީގެ ގޮތުން ހަރަކާތްތެރިވި އައި ވެލް، އެންޓެޓައިންމެންޓްގެ ގޮތުން ހަރަކާތްތެރިވި މިސްކާލް ބޮޑުވެރި އާއި ޑީޖޭ ޝާފީ އާއި ސްޓޭޝަން އިންޗާޖުންގެ ގޮތުގައި ހަރަކާތްތެރިވި ކުލަބު ހިރަފުސް، ޒިގްޒެގް ފޯ ޔޫތް ލިންކޭޖް އަދި ކުލަބު ކޮރަލްސް ފާހަގަކޮށްލެވެއެވެ.
"އެގޮތުން ފާހަގަކޮށްލަން ބޭނުން ތިން ޖަމިއްޔާ އަކުން ވަރަށް އެކްޓިވް ރޯލްއެއް ކުޅެ، ސްޓޭޝަން އިންޗާޖެއްގެ ގޮތުގައި މަސައްކަތް ކުރި. މިއީ ފުދޭވަރެއްގެ ރަނގަޅު އެކްސްޕޯޝާއެއް އެ ޖަމިއްޔާތަކަށް ލިބޭނެ ކަމެއް،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އެ ރަން ބޭއްވި ދުވަސްވަރަކީ އެ ސިޓީއަށާއި އެ ސަރަހައްދަށް ވިއްސާރަ ދުވަސްވަރަކަށް ވުމުން، ކޮންމެވެސް ވަރަކަށް މީހުން އައުން މަދުވި ކަމަށެވެ. އެހެން ނަމަވެސް، އެ ރަންގައި ބައިވެރިވުމަށް ރަށުން ބޭރުން ގިނަ ފަރާތްތަކެއް އަމިއްލަ ލޯންޗުތަކުގައި އަދި އާރްޓީއެލް ފެރީ ފަދަ ތަކެތީގައި އެރަށަށް ދިޔަ ކަމަށެވެ.
އެގޮތުން ހދ އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލު މެމްބަރުންނާއި، ރައީސުންނާއި އަދި ހދ. މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވެސް އެ ރަންގައި ބައިވެރިވެވަޑައިގަތް ކަމަށް މޭޔަރު ވިދާޅުވިއެވެ.
"ތަންކޮޅެއް ވިއްސާރަ ދުވަސްވަރަކާ ދިމާވީ. އެހެން ނޫން ނަމަ ށަވިޔަނި އަތޮޅުން ވެސް ގިނަ މީހުން އައީސް. އެކަމަކު ވެސް ރަށުން ބޭރުން ގިނަ ބަޔަކު އައުމުން ވަރަށް ހިތްހަމަ ޖެހޭ،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އާތިފް ވިދާޅުވީ އެ ރަންގައި ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ. އެގޮތުން އެރަށު ހޮސްޕިޓަލާއި، ފުލުހުންނާއި، ސިފައިންނާއި، ރެޑް ކްރެސެންޓް، އެމްޓީސީސީ އަދި ޕަބްލިކް ވޯކްސް ފަދަ ކުންފުނިތަކާއި މުއައްސަސާތައް މޭޔަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެ ސިޓީގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކުން އެ ރަން ފުރިހަމަ ކުރުމަށް ދެއްވި އެހީތެރިކަން ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
އެސިޓީގައި ބޭއްވި ފަންރަންގެ ފެންވަރާ މެދު ގިނަ ފަރާތްތަކުން ހިތްހަމަ ޖެހި، އެވާހަކަތައް މޭޔަރަށް ގުޅާފައި ވެސް ބުނި ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެ ސިޓީގެ އަޒުމަކީ ފަހަރަކަށް ވުރެ ފަހަރެއް އެ ހަރަކާތް ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުން ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެހެންކަމުން ކައުންސިލުގެ ފަރާތުން އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތައް އިތުރު ކުރުމަށް، އަދިވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ.
"މާލެ އިން ބޭރުން ބޭއްވޭ އެންމެ ބޮޑު ރަން ބޭއްވުމުގެ ފުރުސަތު ކުޅުދުއްފުއްޓަށް ދިން ކަމަށްޓަކައި އަޅުގަނޑުމެންގެ ފަރާތުން އުރީދޫގެ ސީއީއޯ އަދި މެނޭޖްމެންޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." މޭޔަރު ވިދާޅުވިއެވެ.