ބަޓިކް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ބަޓިކް އެއާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ 8:30ގައި ޖައްސާފައިވާއިރު، ބޯޓަށް މަރުހަބާ ކިޔާފައިވަނީ ޚާއްސަ ވޯޓާ ސެލިއުޓްއަކުންނެވެ. ބަޓިކް އެއާގެ ފުރަތަމަ ދަތުރުގައި، 57 ފަސިންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.

ބަޓިކް އެއާއިން ރާއްޖެއާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަތުރުތައް ބާއްވާނެއެވެ. ދަތުރުތައް ރާވާފައިވަނީ ރާއްޖެއިން ސްރީލަންކާއަށް އެއަށްފަހު މެލޭޝިއާއަށާއި އަދި ސިދާ ރާއްޖެއާއި މެލޭޝިއާއި ދެމެދުގައެވެ. ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގެ ސީދާ ދަތުރުތައް އަންނަ ޖޫންމަހު ފަހުކޮޅު ފަށާނެއެވެ.

މީގެ ކުރިން މަލިންޑޯއެއާގެ ނަމުގައި އޮޕަރޭޓްކުރަމުން އައި އެއާލައިން ބަޓިކް އެއާއަށް ބަދަލުކޮށް ގިނަ މަންޒިލްތަކަށް ދަތުރުކުރުމަށް އެ އެއާލައިނުން ޚާއްސަ ޕްރޮމޯޝަންތަކާއެކު ގިނަ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ.

ބަޓިކް އެއާގެ ދަތުރުތައް ފެށުން --

ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއަރއިން ބޭނުންކުރާނީ ބޮއިންގ 737 މަރުކާގެ ބޯޓެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ.

ބަޓިކް އެއާ އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ. އެގޮތުން މިމަންޒިލްތަކުން ރާއްޖެއަށް ފަސޭހަކަމާއެކު ދަތުރުވެރިންނަށް އައުމުގެ މަގުފަހިވާނެއެވެ.

އަލަށް މި ފެށި ދަތުރުތަކާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިން ވެސް އިތުރުވާނެކަމަށް އަންދާޒާކުރެވެއެވެ.

comment ކޮމެންޓް