އައްޑޫ ސިޓީގައި އިމާރާތްކުރަށް ނިންމާފައިވާ އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްއާއެވެ.
މި އެއްބަސްވުމުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޢާއިޝަތު ރިޒްނާއެވެ. އަދި، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.
އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭ ނިންމާ ގޮތަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓްއާ މި މަސައްކަތް ހަވާލުކުރީ 128,342,040.30ރ. (ސަތޭކަ އަށާވީސް މިލިއަން ތިންލައްކަ ސާޅީސް ދެހާސް ސާޅީސް ރުފިޔާ ތިރީސް ލާރި) އަށެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސްއަކީ، މިހާރުގެ މޮޑާން ޑިޒައިން އަދި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރު ކުރެވިފައިވާ ސްމާޓް ކޯޓު ކޮމްޕްލެކްސްއެކެވެ.
މި އިމާރާތް ފަރުމާކުރެވިފައިވަނީ 3 ފްލޯ (ގްރައުންޑް، ފަސްޓް، ސެކަންޑް) ހިމެނޭ ގޮތަށެވެ. ގްރައުންޑް ފްލޯގައި ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާއިރު، ފަސްޓް ފްލޯ ވަނީ ސިވިލް ކޯޓު އަދި ފެމިލީ ކޯޓުގެ މަސައްކަތްތައް ކުރެވޭ ގޮތަށް ފަރުމާކުރެވިފައެވެ. އަދި، މި އިމާރާތުގެ ސެކަންޑް ފްލޯ ފަރުމާކުރެވިފައި ވަނީ އިދާރީ އޮފީހާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޑުއެހުންތައް ބޭއްވޭ ގޮތަށެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ބުނީ ސަރުކާރުގެ ޤައުމީ ތަރައްޤީގެ އެކްޝަން ޕްލޭންގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޑިސްޓްރިކްޓް ކޯޓު ޤާއިމް ކުރުމަށް ހިމެނުމާ އެކު، މި އިމާރާތް ޑިޒައިންކޮށްފައި ވަނީ ޑިސްޓްރިކްޓް ކޯޓް ކޮންސެޕްޓަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޑިސްޓްރިކްޓް ކޯޓު ގާއިމް ކުރެވުމުން ރައްޔިތުންނަށް އަދުލްއިންސާފަށް ވާސިލްވުމަށް ފަސޭހަ ވެގެންދާނެ ކަމަށް އެ އެޑްމިނިސްޓްރޭޝަނުން ވަނީ ބުނެފައެވެ.
"އެކި މަރުޙަލާތަކުގައި ހުރި ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިމުމުން މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެގެންދާނެ" ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެފައިވެއެވެ.
2018ވަނަ އަހަރުން ފެށިގެން ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ގޮތުގައި، އިމާރާތް ކުރުމުގެ 20 ޕްރޮޖެކްޓެއް ޝަރުޢީ ދާއިރާއިން އަންނަނީ ކުރިއަށް ގެންދަމުންދެއެވެ.
އެގޮތުން 2018ވަނަ އަހަރުން ފެށިގެން މަރާމާތާއި ޖާގަ އިތުރުކުރުމުގެ މަސައްކަތް ނުވަ ކޯޓެއްގައި ކުރިއަށް ގޮސް ވަނީ ނިންމާލާފައެވެ. އަދި، ފަސް ކޯޓެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.