"މިއީ ކުރު ދަތުރެކެވެ. ހަޔާތް ރީތިގޮތުގައި ހޭދަކޮށް އެހެން މީހުންނަށް އޯގާތެރިވާށެވެ."
***
އިރުއޮއްސި ރަތްވިލާތަކުން އުޑުމަތި ހުޅުދާންވެފައިވާއިރު އެމަންޒަރު ރީތިކަމުން ޔަޝަލް ފޮޓޯނަގަމުން ދިޔައެވެ. ގަސްތަކުގެ ތެރޭގައި މިނިވަންކަމާއެކު އުޅެވުނީ މިފަހުން ގެ އަމާންތަނަކަށްވެފައި ވުމުގެ ހިތް ހަމަޖެހުމާއެކުގައެވެ. ކުއްލިއަކަށް ފަޒާ ފިނިވެލިޔަސް ހަށިގަނޑުގައި ފިނި ވައިރޯޅިއެއް ބީހިލިފަދަ އިހުސާސެއް ކުރެވި ގައިން ހީބިހި ނަގައިގަތެވެ. ޔަޝަލް ބެންޗުމަތީގައި އޭނަ ބޭއްވި ފޯނާއި ވާހަކަފޮތް އަދި ތަޅުދަނޑި ނަގަންވެގެން ބަލައިލިއިރު އެތާ އޮތީ މަލެކެވެ.
"ޔަގީން ޚަލީސީކޮށްލި ކަމަކަށް ވާނީ...ޖެއްސުމަކަށް ފޮރުވީ..."
ޔަޝަލް އެތަން މިތަން ހޯދަ ހޯދާފައި ވަށައިގެން ކަޅި ހިންގައިލިއެވެ.
"ކޯނޗެއް ތިހޯދަނީ؟ އިރުއޮއްސި އަނދިރިވީމަ ގަސްތަކުގެ ތެރޭ ނޫޅެ އަވަހަށް އެތެރެއަށް ވަދޭ..."ސޯފިއާ ޔަޝަލްއަށް ގޮވަންފެށިއެވެ. ޔަޝަލް ފަތްތަރުތަކާއި އަރާ ހަމަވެފައިވެސް ފަހަތަށް ބަލައިލީ މީހަކު ވައިއަޑަކުން އޭނަގެ ނަން ކިޔައިލިހެން ހީވެފައެވެ.
"މަންމާ ޚަަލީސީ ނާދޭތަ؟"
"ކީއްކުރަން ޚަލީސީ ގެންނަނީ. ޖަބްރީލްވެސް އޭނައާއިހެދި އުޅެނީއެއްނޫން. އެއަށްވުރެ ރުބާބް މާ ރަގަޅު..."
"ޖިންނިއެއްކަން އެނގިހުރެ މަންމަ ތިއުޅެނީ ރުބާބްއާއި ޖަބްރީލް ގުޅުވަން..."ޔަޝަލް ހިތްހަމަނުޖެހޭގޮތްވިއެވެ.
"އިންސިންނަށްވުރެ ޖިންނިން ރަގަޅުފަހަރުވެސް އާދޭ..." ސޯފިއާ ޗުއްކަނޑައިލިއެވެ.
"މަންމައަށް އިންސިންގެ ފަރާތުން ނުބައި ތަޖުރިބާ ކުރެވުނަސް އެންމެން އެއްގޮތެއްނުވާނެ. ޚަލީސީގެ ރަަގަޅުކަން ފެނުމުން ވަރަށް ލައިކްވެވިއްޖެ..."
"ވާހަކަ ގިނަނުކޮށް ނަމާދުކުރަން ޔަޝަލްވެސް ދޭ..."
ސޯފިއާ އެތެރެއަށް ވަނުމާއެކު އަނެއްކާ ޔަޝަލް ދުއްވައިގަތީ ގަސްތަކުގެ ތެރެއަށް ވަދެ ފޯނު ބޭއްވުނުތަނެއް ބެލުމަށެވެ. އެހެން އެއްޗެހި ގެއްލުނަސް ފޯނަކީ މުހިއްމު އެއްޗެކެވެ. މިފަހަރު ހައިރާންވެ ލޯބޮޑުވާވަރުވިއެވެ. އޭނަ ބެހެއްޓިތަނުގައި ހުރިހާ އެއްޗެއް ހަމަޔަށް ހުއްޓެވެ. މިއީ ކާކުގެ ސަމާސާއެއްހެއްޔެވެ؟ އެފަދަ ކަމެއް ކުރިޔަސް ކުރާން ހުރީ ލާނެތް ޚަލީސީއެވެ. އެކަމަކު އެހާ ގިނައިރުވާންދެން ޚަލީސީ ފިލައިގެން އުޅުމަކީވެސް ގަބޫލުކުރަން އުދަގޫވެސް ކަމެކެވެ. ޖިންނިންގެ އެއްވެސް ކަމެއް މިގޭގައި ނެތްކަމަށް ރާގީ ބުނެފައިވާއިރު އެބަހަށް ޔަޝަލް އިތުބާރުކުރެއެވެ.
***
ޔަޝަލް ބަލަން އޮތް ދަރުސަކުން ތަވީދާއި ބެހޭގޮތުން ބައެއްކަންތައްތައް އޮޅުންފިލިއެވެ. ހަގީގަތުގައި ޔަޝަލްވެސް ގަބޫލުކުރަނީ ޝިފާދެއްވަނީ ހެއްދެވި ފަރާތުންކަމަށެވެ. ބައެއްފަހަރު ޖިންނިންގެ ފަރާތުން ރައްކާތެރިކަން ހޯދުމަށް އެހެން އެއްޗެހި ލިޔެ ޝިރުކުވެސް ކުރާ މީހުން އުޅެއެވެ. ތަވީދުން ރައްކާތެރިކަން ލިބޭނެކަމަށް ގަބޫލުކުރުމަކީވެސް ޝިރުކުނޫން ކޯނޗެއްހެއްޔެވެ؟
"މަންމަ އަބަދުވެސް މި ފަށް ހަށިގަނޑާއި ވަކިނުކުރާށޭ ބުނަނީ ކީއްވެތަ؟ މި ސިލްވާ ފަށުގައި ހުރީ ކޮން ކަމެއްތަ؟މިގޭގައި ފަންޑިތައާއި ސިހުރުކަންތައްތައް އޮތްކަން އަހަންނަށްވެސް އެނގޭ. މީގައިވެސް އެފަދަ ބާރެއް ހުރީކަން ނޭގޭ...އެހެން ކަމަށްވަންޏާ މި އަޅައިގެން ހުންނާކަށް ބޭނުމެއްނޫން..."ޔަޝަލް ހިތެއްގެ ބައްޓަމަށް އޮތް ފަށުފޫ ހުޅުވައިލުމާއެކު އޭނަގެ ހިތް އަވަސްވެލިއެވެ. އޭގެ ތެރޭގައި އޮތީ ފުއްލާދުލީގައި ލިޔެފައިވާ ތަވީދެކެވެ. ޔަޝަލް ވަގުތުން އޭނަގެ މަންމަގާތަށްގޮސް ސުވާލުކޮށް މައްސަލަޖެއްސިއެވެ.
"މަންމާ. ބައެއް ޝޭޚުން ބުނާގޮތުން މިއީ ޝިރުކެއް. އަލުން ދީނަށް ވަންނަ ހިސާބުގައި މިތިބީ. އަޅުގަނޑު ދެން މިފަށް ނާޅާނަން...."ޔަޝަލް އޭނަގެ މަންމަގެ އަތަށް ފަށްލެއްވިއެވެ.
"ނޫން ނޫން ނޫން ޔަޝަލް. ދަރިފުޅަކަށް ނޭގޭނެ. މިއީ ވަރަށް މުހިއްމު ފަށެއް. މިފަށް ވަކިކޮށްފިއްޔާ ޖިންނިން އަވަލާނެ..."
"ތިއީ އޭ މައްސަލައަކީ މަންމާ. ތިގޮތަށް ގަބޫލުކުރުން..."
"ގަބޫލުނުކޮށް ކުރާނީ ކީއްތަ؟ މަންމަ ވަރަށް ބޮޑު ގޯހެއް ހަދާފައިވަނީ...މަންމަ.........."ސޯފިޔާގެ ލޯ ކަރުނުން ބަރާވިއެވެ.
"ކޮންކަމެއްތަ މަންމާ..."
"މަންމަ އެވާހަކަ ބުނާކަށް ނެތިން. އެކަމަކު އިހަށް ޔަޝަލް މިފަށް އަޅައިގެން އުޅެއްޗޭ. މަންމަ ބުނަންދެން..."
ޔަޝަލްގެ އަތުގައި ހިފައިގެން މަންމަ އާދޭސްކުރަންފެށުމުން އެވަރަށް މަންމަ ދެރަކޮށްލަން ނުކެރިގެން ފަށް ކަރުގައި އަލުން އެޅިއެވެ. ނަމަވެސް އޭނަގެ ކޮޓަރިއާއި ހަމަޔަށް ދެވެންދެނެވެ. ކޮޓަރިއާއި އަރާހަމަވީއިރަށް ޔަޝަލް އެފަށުފުލުގައިވާ ތަވީދު ނެގީ ދީނުން ބޭރުވެ ހުރެ މަރުވެދާނެކަމުގެ ބިރާއިއެކުގައެވެ. އޭނަ އެހެން އެއްވެސް ފަރާތެއްގެ ރައްކާތެރިކަމެއް ބޭނުމެއްނޫނެވެ. ﷲގެ ރައްކާތެރިކަމުން އޭނައަށް ފުދެއެވެ. ދެއިރު ޒިކުރުކުރުމުން ޖިންނި ޝައިތާނުންގެ އުދަގޫތަކުން ސަލާމަތްވާނެކަމުގައި އޭނަ އަޑުއަހާފައިވެއެވެ. މަންމަމެންގެ އެހުންނަނީ ބޯދާ ވިސްނުންތަކެވެ. ކާފަވެސް "ސޯފިއާ މަންޒިލް" ރައްކާތެރިކުރަން ޖިންނިންނާއި ހަވާލުކުރިފަދައިން މަންމަވެސް މޮޔަކަމުން އޭނަ ވެސް ޖިންނިއަކާއި ހަވާލުކުރީކަންނޭގެއެވެ. ޔަޝަލް ހިނިވެސް އައެވެ. ޚަލީސީ ނޫނީ ރުބާބް ހުރިނަމައެވެ. ރުބާބްމަތިން ހަނދާންވުމާއެކު އަވަހަށް ގުޅައިގެން އެގެއަށް ދާނެކަމުގައި ބުނެލިއެވެ. ކާފަބަލިވުމާއެކު އެމީހުން އެމެރިކާއަށް ހިޖުރަކުރަން އުޅޭތީ އެވާހަކަވެސް ރުބާބްގާތުގައި ހާމަކުރިއެވެ.
***
ޔަޝަލް އިނގިރޭސި ވާހަކަފޮތެއް ކިޔަން ސޯފާގައި އޮތްވާ ހަކާން ސަލާމްދިނުމުން ބުރުގާ އަވަހަށް ރަގަޅުކޮށްލަމުން ޖަވާބުދިނެވެ.
"ޖަބްރީލް އެބައުޅޭތަ؟" ހަކާން އަހައިލިއެވެ.
"ކާފަ ގާތުގައިހެން ހީވަނީ. ޚަލީސީވީ ކޮންތާކު؟" ޔަޝަލް ސުވާލުކުރިއެވެ.
"މަންމަމެންނަށް މިގެއާއި ބެހޭގޮތުން ފާޑުފާޑު އަޑުއިވިގެން އެހެންވެ ރުގުޔާ ކުރަން ގެންދިޔައީ. ޝިލް ބީ ބެކް. ނޯ ވޮރީސް..."ހަކާން ޔަޝަލްއާއި ހަތަރުކަޅިހަމަކޮށްލިއެވެ. އެ ނަޒަރުން ޔަޝަލްއަށް އުދަގޫވިއެވެ. މީހުންގެ ލޮލަށް ބަލާފައިވެސް އޭނައަށް އެމީހާގެ ސިކުނޑީގައި ހިނގާކަންތައް ރޭކާލައެވެ. ހަކާން އޭނައާއި ގަޔާވާކަން އެނގުމުން ފޫހިވާގޮތްވިއެވެ. ޔަޝަލްއަށް ކަމުދާ އެއްވެސް ފިރިހެނަކު މި ކައުނަކު ނުވެއެވެ.
"އޯ.....ފޯނުންވެސް ނުގުޅޭތީ..."
"ޚަލީސީ ބަލި އެހެންވީމަ ރަގަޅުވީހާ އަވަހަކަށް ޔަޝަލްމެން ގާތަށް އަންނާނެ އިންޝާﷲ.. އަހަރެން މިއައީ ޔަޝަލް ކައިރިއަށް ކަމަކު އެދެން..."
ހަކާން ދެން ބުނި ޖުމްލައިން ޔަޝަލްގެ ތުންފަތުގައިވީ ހިނިތުންވުން ގެއްލުނެވެ. ހަކާން އެހާ މަޑުމަޑުން ހުރެފައި ކުއްލިއަކަށް ކައިވެންޏަށް އަހާފާނެކަމަށް އޭނަ ހިތަކަށްވެސް ނާރެއެވެ. އޭނައަށް ޝައްކުކުރެވުނީ ރަގަޅަށެވެ. މިފިރިހެނުން ތިބެނީ ރީތި އަންހެންކުއްޖެއް ނުފެނިފައެވެ. ޔަޝަލްގެ ސީރިޔަސް ނަޒަރު މީހަކު ލަދުގަންނަވާލާނެއެވެ.
"ސޮރީ....އައިމް ޓޭކެން..."
"ތަންކޮޅެއް ލަސްވީ ދޯ..." ހަކާން އިސްޖެހުނެވެ.
ޔަޝަލް ބޯޖަހައިލިއެވެ.
***
ހަކާން ކާފަގާތުގައި އެ ވާހަކަދެއްކީ ހަޔާތުގައި އައި އެންމެ ލަދުގަތް ދުވަސްކަމަށް ބުނެފައެވެ. ކާފަވެސް ހުނެވެ. ޔަޝަލްއަށް ވިސްނައިދޭނެކަމުގައި ކާފަ ބުނުމުން ހަކާންގެ ހިތުގައި އުއްމީދުގެ ކަންޏެއްރޯވިއެވެ. ކާފަ ޔަޝަލްއަށް ވިސްނައިދިނީ ހަކާންފަދަ އަޚުލާގު ރަގަޅު ދީނީ ޒުވާނެއް މިޒަމާނުގައި ފެނުމަކީ ނާދިރުކަމެއްކަމަށާއި އެ ހުށަހެޅުން ގަބޫލުކުރުމަށެވެ. ނޫނީ ފަހުން ހިތާމަކުރަން ޖެހިދާނެކަމުގައެވެ. ޔަޝަލްއަށް އެކަން ގަބޫލެއްނުކުރެވުނެވެ.
***
އެމެރިކާއަށް އެކުޑަ އާއިލާ ފޯރީ ދުވާލުގެ ވަގުތެއްގައެވެ. އެމީހުން ދިރިއުޅެން ހަމަޖެހިފައިވާ ގެއަށްދިޔަ މަގުގައި މުޅިންވެސް އޯކްފަދަ ގަސްތަކާއި ގަސްބޮނޑިތަކާއި ބޮޑެތި ހިލަތަކެވެ. ހަވޭލީއެއްފަދަ އެ ބޮޑުގެ ފެނުމުން އެންމެން ހައިރާންވިއެވެ. ހީވަނީ ބޯދާ ވާހަކަތަކުގައި ސިފަކޮށްދީފައިވާފަދަ ގަނޑުވަރެއްހެންނެވެ. އެގެ ރާނާފައިވާ އަޅިކުލައިގެ ގާތައްވެސް އަތުން ކޮށާ ރީތިކޮށް ހަދާފައިވާފަދައެވެ. މަތީބަޔަށް އަރަން ދެފަރާތުގައި ފުޅާ ސިޑިތަކެވެ. އަލިފާން އަންދާތަނުގެ ޑިޒައިންވެސް ފުރިހަމައެވެ. ބޮޑު ހޯލްއަކާއި އެތައް ކޮޓަރިތަކެވެ. ސީލިންގައި އެލުވާފައިވާ ކްރިސްޓަލް ބައްތިތަކާއި ފާރުގައި ހަރުކޮށްފައިވާ ފާނޫޒުތައްވެސް އެހާ ޝާހީއެވެ. ގޭގެ ފަހަތުން ފެންނަން އޮތީ ބޯ ޖަންގައްޔެއްފަދައިން ގަސްތަކާއި ފަރުބަދަތަކެވެ. ގަރުނެއްވެފައިވާ އޯކް ގަސް ކޮޅަށް ހުރީ އެގަހުގެ ހައިބަވަންތަކަން ދައްކަމުންނެވެ.ގަސްތަކާއި ވިނަތަކުގެ ފެހިކަން ގަދަކަމާއެކު ލޮލަށް ފިނިކަން ގެނެސްދެއެވެ. ނަމަވެސް ބަގީޗާ ނުބެލެހެއްޓުމުގެ ސަބަބުން ގަސްތަކާއި ވިނަތައް މުޅިތާ ސުމާރެއް ނެތްގޮތަކަށް ހެދިފައިވިއެވެ. އެކިކުލައިގެ މާތަކުން ފޮނިބޮމުންދާ ބަޅިދުތަކާއި ކޮކާތައް އުދެހުމުން ދިޔައީ މިނިވަންކަމާއެކުގައެވެ. ހުދު ރީދޫ އަދި ރަތް ފިނިފެންމާ ވިލާތައްގޭގެ ފާރާއިއެއްކޮށް އަރާ މާތަކުން ފުރާލާފައެވެ. ދޫނިތަކުގެ ލަވަޖެހުމުގެ އަޑުން މުޅި މާހައުލުގެ ހިތްގައިމުކަން އެތައް ގުނަ އިތުރުކުރުވާފައިވިއެވެ. ޔަޝަލް ހުންނަން ޚިޔާރުކުރީ މަތީބައިގެ ކޮޓަރިއެކެވެ. އެންމެންވެސް ދަތުރުވަރުބަލި ފިލުވައިލަން އެމީހަކަށް ލިބުނު ކޮޓަރީގައި މަޑުކޮށްލީ ކެއުމަށްފަހުގައެވެ.
"ޚަލީސީ އަންނާނެނަމަ.....ވަރަށް މިސްއެބަވޭ..." ޔަޝަލް ބެލްކަނީގައި ހުރެ ފޮޓޯނަގަމުން ދިޔައެވެ. ނޫކުލައިގެ ޖިންސަކާއިއެކު ރަތްކުލައިގެ ޓޮޕަކާއި ބުރުގާކޮޅެއްގައި ޔަޝަލްފެންނަލެއް ވަރަށް ރީއްޗެވެ.
"ޔަޝަލް..އެއީ ތެދުވާހަކައެއްތަ؟" ސޯފިއާގެ އަޑު އިވުމުން ޔަޝަލް އެނބުރި ބަލައިލިއެވެ.
"ކޮން ވާހަކައެއްތަ މަންމާ..."
"ހަކާން އިންނަން އެހި ވާހަކަ ކާފަ ބުނި..."
"ހަހަ..ކާފަވެސް ދޯ...އާނ ހަކާން އެހެންބުނި. އެކަމަކު ވަގުތުން ނޫނެކޭ ބުނިން..."
"ޔަޝަލް ތިހެދީ ރަގަޅަށް. ތަންޒީލާ ކިތަންމެ ހިތްހެޔޮ މީހެއްކަމަށް ހެދިގެން ހުއްޓަސް އަޑުނުބައި ކެހިވެރި އަންހެނެއް. ދަރިންވެސް ވަކި ރަގަޅެއްނުވާނެ. ޚަލީސީއަށްވުރެ ރުބާބްވެސް ރަގަޅޭ ބުނީ އެހެންވެ.. ހަގީގަތުގައި ޚަލީސީއެއްނޫން ގޯހީ. އޭނަގެ މަންމަ...ޔަޝަލް އޭނައާއި ގުޅުނުނަމަ ފަހުން ދެރަވާންޖެހޭނީ. އޭނަ ތެދުވެރިއެއްނުވާނެ..."ސޯފިޔާ އެހާވަރަށް އެ އާއިލާދެކެ ރުޅިއަންނަންޖެހޭ ސަބަބެއް ނޭގެއެވެ. ބައެއްފަހަރު އެކޮޅަށް ހުންނަހެންވެސް ހީވެއެވެ. އަނެއްބައިފަހަރު ދިމާ އިދިކޮޅެވެ.
"އެހެންތަ؟ ނަސީބެއްނު..."
"ކާފައަކަށްވެސް ނޭގޭނެ. މަންމަ ސިއްރެއް ބުނެފާނަން...ޔަޝަލްގެ ބައްޕައާއި ރައްޓެހިވެގެން އުޅެނިކޮށް ތަންޒީލާ ޕްރެގްވީ....."
"ވަޓް؟"
"އާނ. މިވާހަކަ ނުބުނަން މަންމަ ހުރީ އެކަމަކު ހަކާން ޔަޝަލްގެ ފަހަތުގައި އަޅުވައިލީމަ ދަރިފުޅަށް ކޮންމެހެންވެސް އެނގެން ޖެހޭނެއޭ ހިތްބުނީ...މީހަކު ބުނީއެއްނޫން. މަންމަގެ ލޮލަށް އެ މަންޒަރުފެނުނީ. ހިތަށް ނާރާ ތަންޒީލާއަކީ އެކަހަލަ މީހެކޭ..މަންމަގެ އެކުވެރިއެއްގެ ގޮތުގައި ހުރެ މަންމަ ރައްޓެހިވެގެން އުޅުނު މީހާ ޖަހައިގަންނަން އުޅޭނީ ކިހާ ނުބައިވީމަ. ތަންޒީލާގެ އެކުވެރިންގެ ފިރިން ޖަހައިގަތުމަކީ އޭނަގެ ނުބައި ސިފައެއް. އެހެން އަންހެނުންގެ އިހުސާސްތަކަށް ގަދަރުކުރުމެއްނެތް. ޔަޝަލް...އެއްވެސް މީހަކަށް އިތުބާރުކުރާކަށް ނުވާނެ. ކޮންމެ ފަހަރަކު މަންމައަށް އެ ފިިރިހެނުންވެސް ކެހިދިނީ. އެހެން އެވަނީ އަންހެނުންގެވެސް ފާޑުހުންނަ ގޮތުން ދޯ. މަންމަ އެކަނި ފިރިހެނުން ކުށްވެރިއެއް ނުކުރާނަން...."
ޔަޝަލް އަނގަމަތީގައި އަތް އެޅިގޮތަށް ލޯބޮޑުކޮށްލިއިރު މޫނު ހުދުވެ އަނބުރައިގެންފާނެހެން ހީވިއެވެ. އެވަރުގެ ވާހަކައެއް މަންމަ ހަދަހަދައިގެން ދައްކަފާނެކަމަކަށް ގަބޫލެެއް ނުކުރެވުނެވެ. ތަންޒީލާގެ އެ އުފާވެރި ހިނިތުންވުމާއި ހަމަޖެހޭ މޫނުގެ އަނދިރި ފަޅިއެއް ވާކަމަށް ގަބޫލުކުރުން ފަސޭހައެއްވެސް ނުވިއެވެ. ޔަޝަލްއަށް ލިބުނު ޝޮކުން އަރައިގަންނަން ވަގުތުކޮޅެއްނެގިއެވެ. އޭނަ އައިސް މަންމަގެ ގައިގާ ކުޑަކޮށް ބައްދާލައިފިއެވެ.
"އައިމް ސޯ ސޮރީ މަންމާ...."
އިރުއޮއްސި އަނދިރިވުމުން ފިނިކަން ގަދަވާންފެށިއެވެ. ޔަޝަލް މަޣުރިބުނަމާދުކޮށްލައިގެން ތިިރިއަށް އައިއިރު މަންމައާއި ކާފަ މިކާލް އަދި ޖަބްރީލް އޭނަގެ އިންތިޒާރުގައި ކާކޮޓަރީގައެވެ. މިއޮތް ބޮޑުގޭގައި މާ މީހުން މަދޭ ޔަޝަލް ހިތަށް އެރިއެވެ.
"މި ހިސާބުގަނޑު މާ ފަޅުހެން ހީވޭ. ސިޓީއިން ބޭރުގައިވީމަ ތަންކޮޅެއް ސްކޭރީ..."ޔަޝަލް ގޮނޑިއެއް ދަމާލައިގެން އިށީނެވެ.
"މިއީ ސިޓީއާއި ކައިރި. ކިހާ އަރާމު..ޔަޝަލް ކޮލެޖާއިވެސް ކައިރި..."
"ކާންޓް ވެއިޓް. ސަމަރ ނިމިގެން ކޮލެޖް ފެށޭނެ...ޚަލީސީވެސް ހުރިނަމަ..."ޔަޝަލްއަށް ބުނެވުނެވެ.
ބާރު ވައިރޯޅިއަކާއިއެކު ދޮރުފަތް ތެޅިލިއެވެ.
"މިތަންތަނަށް ސަމަރގައި ކުއްލިކުއްލިއަކަށް ތަންޑާސްޓޯމްވެސް އާދޭ. ހެއިލްވެސްއެހެން ހުރެފައި...."މިކާއިލްވެސް އެހެން ބުނެލީ ޝައްކެއްގެ މަތީގައި އިނދެފައެވެ. ރޫހާނީކަމެއް ހެއްޔޭ ހިތާހިތުން ސުވާލުކުރެވުނެވެ. އެންމެން އެކީ ކާންފެށިޔަސް ޖަބްރީލް ތަބީއަތުގައި ހިމޭން އަދި މަޑުމައިތިރިކަމެއް ހުއްޓެވެ. މަންމައާއިމެދު އަދިވެސް ހިތް ސާފުނުވާއިރު އެންމެން އެކީ އާއިލާއެއްފަދައިން ކަމުންދާއިރު ބައްޕަގެ ހަގީގަތް އެނގެންވެސް އެހާ ބޭނުންވިއެވެ. އޭނަ މަރުވެގެންދާއިރު ވެސް މަންމަ އެސިއްރު ހާމަނުކުރާނީހެއްޔެވެ؟
"ލަވްލީ ވެދަރ..."ޔަޝަލް ކުޑަދޮރުކައިރިއަށް ގޮސް މޫނު ޖައްސައިލިއެވެ.
ނުނިމޭ