ކަލިނަރީ ޗެލެންޖުގެ ވަނަތައް ހޮވައިފި

ކަލިނަރީ ޗެލެންޖުގެ ވަނަވަނައަށް އައި ފަރާތްތަކަށް އެވޯޑު ދިނުމުގެ ތެރެއިން --- ފޮޓޯ/ ޓުވިޓާ

ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ، ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިޔާ މޯލްޑިވްސް އެގްޒަބިޝަންގެ "ކަލިނަރީ ޗެލެންޖު" ނިންމާލައި، ވަނަތަކަށް ހޮޮވުނު ފަރާތްތަކަށް އެވޯޑު ދީފިއެވެ.

އެމްއެންޔޫ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޗެލެންޖުގެ ވަނަވަނައަށް އައި ފަރާތްތަކަށް ވަނީ އެވޯޑާއި ސެޓިފިކެޓް ހަވާލުކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، މިފަދަ ޗެލެންޖެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އޭގެން ފަހި ކޮށްދެނީ އެތައް ބަޔަކަށް ކިތަންމެ ފުރުސަތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަޚުރުވެރިވޭ ޝެފުންގެ ތެރޭގައި ހުއްޓިލައިގެން ހުންނަން. މި ޗެލެންޖަކީ ވަރަށް އެތައް ބަޔަކަށް މުހިއްމު ޗެލެންޗެއް، އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އަންނަ އަަހަރު ކަލިނަރީ ޗެލެންޖު މި އަހަރަށްވުރެ ފުރިހަމަ ވާނެއެވެ. އަދި މިފަހަރަށް ވުރެ ވެސް ދެން ބާއްވާ ކަލިނަރީ ޗެލެންޖުގެ އިންތިޒާމުތައް ފުރިހަމަ ވާނެ ކަމަށެވެ.

ކަލިނަރީ ޗެލެންޖުގެ އެވޯޑު ދިނުމަށް ބޭއްވި މި ރަސްމިއްޔާތުގައި މި ފަހަރުގެ ޗެލެންޖުގައި ހިމެނޭ 21 ކެޓަގަރީގައި އެންމެ މޮޅު ތިން ޝެފުން ވަނީ ހޮވައިފައެވެ. ކޮންމެ ކެޓަގަރީއެއްގައި ވެސް ފަސްޓް ރަނާރަޕް، ސެކަންޑް ރަނާރަޕް އަދި ކެޓަގަރީ ވިނާ ވެސް ވަނީ ހޮވައިފައެވެ.

މި ޗެލެންޖުގައި މި އަހަރު އެކި ރިސޯޓުތަކުން ވަކި ކެޓަގަރީތަކުގައި ޝެފުން ވާދަކުރިއިރު، ގްރޫޕް ކެޓަގަރީތަކުގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ އެކި ގައުމުތަކުގެ ޝެފުންގެ ގައުމީ ޓީމުތަކުން ވަނީ ބައިވެރިވެފައެވެ.

މި ފަހަރުގެ ޗެލެންޖުގައި ހިމެނޭ ބައެއް ކެޓަގަރީތަކުގެ ތެރޭގައި އާޓިސްޓިކް ޕޭސްޓްރީ ޝޯޕީސް، ވެޑިން ކޭކް ސްޓްރަކްޗާ، ޕްލޭޓެޑް އެޕަޓައިޒާސް، ޕްލޭޓެޑް ތްރީ ކޯސް މީލް، ކްރިއޭޓިވް ބްރެޑް ޑިސްޕްލޭ، ފްރުޓް އެންޑް ވެޖިޓަބަލް ކާވިންގް ފަދަ ކެޓަގަރީތައް ހިމެނެއެވެ.

މި އަހަރުގެ ޓައިޓަލްތައް ކާމިޔާބުކުރި ޝެފުންގެ ތެރޭގައި ހިމެނެނީ:

  • ބެސްޓް ޝެފް - ދުޝަންތަ ޗަމާރާ ގުނަސެކަރަ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިން
  • މޮސްޓް އައުޓްސްޓޭންޑިން ކަލިނަރީ އޮގަނައިޒޭޝަން - ސިނަމަން ވެލިފުށި
  • ބެސްޓް ޕޭސްޓްރީ ޝެފް - ރަޖަންދްރަން، ރޯޔަލް އައިލެންޑް
  • ބެސްޓް މޯލްޑިވިއަން ޝެފް - އަޖްވަދު އަބްދުލް ވައްހާބް، ޖޯލި މޯލްޑިވްސް
  • މޮސްޓް އައުޓްސްޓޭންޑިން އާޓިސްޓް - އާރް. އޭ. ސިސީރާ ކުމާރާ، ރީތި ބީޗް މޯލްޑިވްސް
  • މޮސްޓް އައުޓްސްޓޭންޑިން ނެޝަނަލް ޓީމް - ދަ އެމިރެޓްސް ކަލިނަރީ ގިލްޑެވެ.

މިފަހަރު ކަލިނަރީ ޗެލެންޖުގެ ބެސްޓު ޝެފްގެ މަގާމު ހާސިލުކުރި ޝްރީލަންކަން ޝެފް ދުޝަންތަ ޗަމާރާ ގުނަސެކަރަ މިއަދު "ސަން"އަށް ބުނީ އޭނާ މިފަހަރުގެ ކަލިނަރީ ޗެލެންޗަށް މީގެ އެއް އަހަރު ކުރިން ތައްޔާރުވާން ފެށި ކަމަށެވެ.

'މިއީ ވަންސް އިން އަ ލައިފްޓައިމް ލިބޭނެ އެވޯޑެއް. އަހަރެންނަށް ބައިވެރިވެވޭނެ އެންމެ ފަހު ފަހު ފަހަރު. އެހެންވެ ވަރަށް އުފާވެފަ މިހުރީ،" އޭނާ ބުންޏެވެ.

ޝެފް ބުނި ގޮތުގައި، އޭނާއަށް މިފަހަރުގެ ކަލިނަރީ ޗެލެންޖުގައި ބައިވެރިވެ، އެ މަގާމު އޭނާއަށް ލިބުނީ، އޭނާ މިހާރު ވަޒީފާ އަދާކުރާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ މެނޭޖްމެންޓުގެ އެއްބާރުލާ އެއްކޮށް ކަމަށެވެ.

ކަލިނަރީ ޗެލެންޖުގައި 120 ރިސޯޓުން 600 އެއްހާ ޝެފުން ބައިވެރިވެފައިވާއިރު، 11 ގައުމަކުން ވަނީ ވާދަކޮށްފައެވެ.

އެފްއެޗްއޭއެމްގެ ގްލޯބަލް ކަލިނަރީ ޗެލެންޖަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އާއި ޝެފްސް ގިލްޑް އޮފް ސްރީލަންކާ އިން އެންޑޯސްކޮށްގެން ބާއްވާ ކަލިނަރީ އިވެންޓެކެވެ. މި ޗެލެންޖުގެ މެއިން ސްޕޮންސަރަކީ ނެސްލޭއެވެ.

comment ކޮމެންޓް