ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް އޮޕަރޭޓް ކުރާ ހުރިހާ ކުންފުނި ތަކަކަށް ޚާއްސަކޮށްގެން ޑިފެންސް މިނިސްޓްރީއާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ގުޅިގެން "ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯކްޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.
އެ ޕްރޮގްރާމަކީ ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ރީޖަނަލް އޮފީސް ކަމުގައިވާ ކޯރޕަރޭޓް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމް – އޭޝިޔާ ޕެސިފިކް ގުޅިގެން " ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް" ގެ ނަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.
އެ ތަމްރީން ޕްރޮގްރާމަކީ ޑިފެންސް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ބައިނަލް އަޤްވާމީ ވައިގެ ދަތުރުފަތުރުގެ މައި ޖަމިއްޔާ ކަމުގައިވާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ އޭޝިޔާ ޕެސިފިކް ރީޖަނަލް އޮފީހާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.
ފަސް ދުވަހުގެ މުއްދަތަށް ޖުމްލަ 20 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ތައިލެންޑް، މެލޭޝިޔާ، އަދި ސިންގަޕޫރު ގެ އިތުރުން ރާއްޖޭގެ އެވިއޭޝަން ސެކިއުރިޓީ އާއި ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުން ބައިވެރި ވެފައިވެއެވެ. އަދި އެ ޕްރޮގްރާމްގައި ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް އޮޕަރޭޓް ކުރާ ހުރިހާ ކުންފުނި ތަކަކުން ބައިވެރި ވެފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހާ ކަންކަން ސަލާމަތްތެރިކަމާއެކު ހިންގުމަށްޓަކައި ކަނޑައެޅޭ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމުގެ ޒިންމާ އަދާކުރާ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުވެ، ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކަކީ، އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފުރިހަމަ މިންގަނޑުތަކެއް ހިފަހައްޓާ، އަދި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ވައިގެ ބަނދަރުތަކަކަށް ވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮގްރާމް ފަރުމާ ކޮށްފައިވަނީ ބައިވެރިން ތަމްސީލް ކުރާ ޤައުމުތަކުގައި އެވިއޭޝަން ސެކިޔުރިޓީ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމުގެ ޒިންމާ އަދާކުރާ މުވައްޒަފުންގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތްތަކާއި، އެ ޤައުމުތަކުގެ ތަޖްރިބާ ޕްރޮގްރާމްގެ ބައިވެރިންނަށް ހިއްސާކޮށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބައިވެރިންނަށް ދަސްވެގެންދާނެ ގޮތަށެވެ.
އެ ޕްރޮގްރާމްގައި ކިޔަވައި ދެއްވާފައިވަނީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން ގެ ފަންނީ ތަޖްރިބާކާރު މުދައްރިބުންނެވެ. ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ އާއި ގުޅުންހުރި އިދާރާތަކާއި އެއަރޕޯޓް އޮޕަރޭޓް ކުރާފަރާތްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ކުޑަ ޚަރަދަކުން ބައިނަލް އަޤްވާމީ ފެންވަރަށް ތަމްރީން ކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުގެ ބަޖެޓުންވެސް ބޮޑެތި ޚަރަދު ތަކެއް ކޮންމެ އަހަރެއްގައި ކުރަމުން ގެންދެއެވެ. މި ގޮތުން ބައިނަލް އަޤްވަމީ ޖަމިއްޔާތަކުން ހިންގާ ހަރަކާތް ތަކުގައި ބައިވެރިވުމަށާއި އެ ޖަމިއްޔާތަކުގެ މެމްބާޝިޕް ދެމެހެއްޓުމަށް ކޮންމެ އަހަރަކު ޗަންދާ ދައްކަމުންދެއެވެ. އަދި މިގޮތުން ކުރެވޭ ހޭދައިގެ ނަތީޖާ އެއްގެ ގޮތުން ރާއްޖޭގެ އޭވިއޭޝަން ސެކިޔުރިޓީ ސިނާއަތަށް ބޭނުންވާ އާލަތްތައް ފޯރޮކޮށް ދިނުމާއިއެކު އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް މި ފަރާތްތަކުން ފާއިތުވި އަހަރު ތަކުގައި ގިނަގުނަ އެހީތެރިކަން ފޯރުކޮށް ދެއްވަފައިވާކަން ފާހަގަ ކޮށްލަންޖެހެއެވެ.
ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ތާރީޚަށް ބަލާލާއިރު 1982 ނޮވެމްބަރު 10 އިން ފެށިގެން 2013 ސެޕްޓެމްބަރު 18 ވަނަ ދުވަހާއި ހަމައަށް އޭވިއޭޝަން ސެކިޔުރިޓީ ރެގިޔުލޭޓަރީ ޒިންމާ އަދާ ކުރަމުން ގެންގޮސްފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ ގެ ބެއްލެވުމުގެ ދަށުންނެވެ. އެއަށްފަހު 2013 ސެޕްޓެމްބަރ 19 ވަނަ ދުވަހުން ފެށިގެން 2016 ފެބުރުއަރީ ހަތް ވަނަ ދުވަހާއި ހަމައަށް މި ޒިންމާ އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް އިން އަދާކުރަމުން ގެންގޮސްފައިވެއެވެ.
ޑިފެންސް މިނިސްޓްރީގެ ޑިވިޝަނެއްގެ ގޮތުގައި ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ހިންގަން ފަށާފައިވަނީ 2016 ފެބުރުއަރީ ހަތް ވަނަ ދުވަހުން ފެށިގެންނެވެ.
ޑާސާ އަކީ، ޤާނޫނާ ޚިލާފަށް ހިންގާ އަމަލަކުން މަދަނީ ވައިގެ ދަތުރުފަތުރަށް އަރައިދާނެ ބުރުލަކުން އެ ސިނާޢަތު ރައްކާތެރި ކުރުމަށްޓަކައި އަމަލުކުރާނެ އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅުންހުރި ޤައުމީ މިންގަނޑުތައް ކަނޑައަޅައި، މިކަންކަމާއި ގުޅުންހުރި އިދާރާތަކުން އެ މިންގަނޑުތައް ތަންފީޒު ކުރަމުންދާކަން ކަށަވަރު ކުރުމަށާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ އޭވިއޭޝަން ސެކިއުރިޓީ އާއި ގުޅުންހުރި އެންމެހައި ކަންކަމުގައި އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަން އޯގަނައިޒޭޝަން (ICAO) އާއި ދިވެހި ދައުލަތް ތަމްސީލް ކުރުމުގެ ޒިންމާ އަދާކުރުމަށް ޑިފެންސް މިނިސްޓްރީގައި ޤާއިމު ކޮށްފައިވާ ޑިވިޝަނެކެވެ.
މަދަނީ ވައިގެ ދަތުރުފަތުރުގެ އޭވިއޭޝަން ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އެކުވެރި ދައުލަތްތަކާއިއެކު ގުޅުންބަދަހިކޮށް މި ޚިދުމަތަށް ބޭނުންވާ އާލާތްތަކާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަކީ ޑިފެންސް އިން ނުހަނު ބާރުއަޅާކަމެކެވެ. މި ގޮތުން ވައިގެ ދަތުރުފަތުރާ ބެހޭ މައި ޖަމިއްޔާ ކަމުގައިވާ އައިކާއޯ އާއި ދުނިޔޭގެ ބޮޑެތި ޤައުމުތައް ކަމުގައިވާ އެމެރިކާ، އިނގިރޭސި ވިލާތް އަދި ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓް ކުރާ ޤައުމުތަކުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ ތަކާއެކު ރާއްޖެއިން ގާތް ގުޅުންތަކެއް ޤާއިމުކޮށްފައިވެއެވެ.