އޮފީހުން ސަޕޯޓު ނުލިބޭ ނަމަ ނިދި ގެއްލިދާނެ

މަސައްކަތުގެ މާހައުލުގައި މަތީ މަގާމުތަކުގެ މުވައްޒަފުންގެ ފަރާތުން އެއްބާރުލުން ނުލިބި މަސައްކަތުގެ ސްޓްރެސްގެ ސަބަބުން ނިދި ގެއްލުމަށް އެކަށީގެންވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ހަފުތާގެ ތެރޭގައި ޖާނަލް ޖާމާ ނެޓްވޯކް އޯޕެންއަށް ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ސްވިޑިޝް ލޮންޖިޓިއުޑަނަލް އޮކިއުޕޭޝަނަލް ސާވޭ އޮފް ހެލްތު އިން 115،000 ބައިވެރިންގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ. ޑެންމާކްގެ މަސައްކަތުގެ މާހަައުލަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ދިރާސާއަށް ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރާ ގޮތަށް ބިނާކޮށް މައުލޫމާތު ހޯދާފައިވެއެވެ.

މި ދިރާސާއިން އެނގުނު އެންމެ ބޮޑު އެއް ކަމަކީ، މަސައްކަތުގެ މާހައުލުގައި މަތީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ފަރާތުން އެހެން މުވައްޒަފުންނަށް ސައިކޮލޯޖިކަލް އަދި ސޯޝަލް ސަޕޯޓު ލިބޭ ނަމަ އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮ ކަމަށް ބޮޑު ފައިދާއެއް ކުރާ ކަމަށެވެ. އަދި އެ ފައިދާ އާ ނިންޖާ ވެސް ބޮޑު ގުޅުމެއް އޮތް ކަމަށް މި ދިރާސާއިން ފާހަގަވެގެން ގޮސްފައިވެއެވެ.

"މި ދިރާސާއިން އެނގުނީ އޮފީސްތަކުގެ ސްޓްރެސް އަކީ ހަމައެކަނި އޮފީސް ދޫކޮށްލުމުން ނިމޭ އެއްޗެއް ނޫންކަން. މި ސްޓްރެސް އަކީ އާންމު ދިރިއުޅުމަށް ވެސް ފޯރާ އެއްޗެއް ކަން އެބަ އެނގޭ،" ޝިކާގޯގައި ހުންނަ ނޯތު ވެސްޓާން ޔުނިވާސިޓީ ފައިންބާގް ސްކޫލް އޮފް މެޑިސިންގެ ޗީފް ސްލީޕް މެޑިސިން، ޑރ. ފިލިސް ޒީ ބުނެއެވެ.

މުވައްޒަފުންގެ ދުޅަހެޔޮ ކަމަށް ވިސްނައި އެ މީހުންނަށް އަޅާލައި މެނޭޖްމެންޓެއް އޮތްނަމަ އެ ސްޓްރެސް އަކީ ކުޑަ ކުރެވޭނެ އެއްޗެއް ކަމަށާއި އޭގެ ސަބަބުން ނިދި ލިބުމަށް އެހީތެރިވާ ކަން އޭނާ ފާހަގަކުރިއެވެ.

ދިރާސާއިން އެނގިގެން ދިޔައީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް މަސައްކަތް ކުރުމުން މުވައްޒަފުންގެ ނިދީގެ ފެންވަރު ރަނގަޅުވާ ކަމެވެ. ހަމަ އެފަދައިން އެންމެ ބޭނުންވާ ބަދަލުތައް ގެނެސް ނުދެވޭ ނަމަ މުވައްޒަފުން ޑީމޯޓިވޭޓް ވާން ދިމާވުމާއި އޭގެ ސަބަބުން ނިދި ލިބޭ މިންވަރު ކުޑަ ވާ ކަން ދިރާސާއިން ހާމަވިއެވެ.

comment ކޮމެންޓް