ދިރިއުޅުމުގައި ކުރިއަށްދާން އެންމެ ބޮޑު ހިތްވަރެއް ލިބެނީ ފިރިމީހާގެ ފަރާތުން: ޕްރިޔަންކާ ޗޯޕްރާ

މިހާރުގެ ފިރިމީހާ ނިކް ޖޯނަސްއާ ދިމާވުމުގެ ކުރިން ދިރިއުޅުމުގައި ކަންތައްތައް ދިމާވިގޮތާއި ކުރެވުނު ތަޖުރިބާތައް ބަތަލާ ޕްރިޔަންކާ ދާދިފަހުން ވަނީ ޕޮޑްކާސްޓެއްގައި ހިއްސާކޮށްފައެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ބައްދަލުވުމުގެކުރިން ބަތަލާވަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރި ބައެއް އެކްޓަރުންނާ ލޯބީގެގޮތުން ގުޅިފައެވެ. އެއިން އެއްވެސް ފަރާތެއްގެ ނަން ހާމަނުކޮށް ޕްރިޔަންކާ ބުނެފައިވަނީ އޭރު ދިރިއުޅުމުގައި އަމިއްލަ ފިލްމީ ކެރިއަރާމެދު މާބޮޑަށް ވިސްނަން ވަގުތު ނުލިބޭކަމަށެވެ.

އޭރު އަބަދުވެސް އިސްކަންދެވުނީ އެކީގައި އުޅުނު ބައިވެރިޔާއަށްކަމަށާއި އެފަރާތުގެ ކެރިއާ ކުރިއެރުވުމަށްކަމަށް، މިހާރު ބޮލީވުޑްގެ އެންމެ ނަން ހިނގާ ބަތަލާ ވަނީ ބުނެފައެވެ. އޭރު އުމުރުގެ ޅަކަމާހުރެ ވިސްނިފައިއޮތީވެސް އަމިއްލަ މީހާއަށް ވަގުތު ދިނުމަށްވުރެ ބައިވެރިޔާގެ ދިރިއުޅުމަށް ފެތޭނެގޮތަކަށް ދިރިއުޅުން ބައްޓަންކުރުމަށްކަމަށް ޕްރިޔަންކާވަނީ ބުނެފައެވެ.

އެހެންނަމަވެސް ވަކި ހިސާބަކުން އެ އާދަ ބަދަލުކޮށްލަން އަމިއްލަ ނަފުސަށް ވިސްނުނުކަމަށާއި އެހާ ހިސާބުން ފަސް އެނބުރި ނުބަލާ އަމާޒަކަށްވީ އަމިއްލަ ކެރިއާ ކޮޅަށްޖެހުންކަމަށް ބަތަލާވަނީ ބުނެފައެވެ. އިންޑިއާގެ މުޖްތަމަޢުގައި އަންހެނުން މިގޮތަށް ވިސްނަން މަޖުބޫރުވެފައިވަނީ ކުޑައިރުއްސުރެން ވަށައިގެންވާ މާޙައުލުގައި ކުދިންނަށް އެގޮތަށް ވިސްނައިދީފައިވާތީ ކަމަށާއި އޭގެ ނޭދެވޭ އަސަރު ދިރިއުޅުމުގެ ވަކިހިސާބަކުން ގިނަބަޔަކަށްކުރާ ކަމަށް ބަތަލާވަނީ ބުނެފައެވެ.

ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ބައްދަލުވުމަށްފަހު ދިރިއުޅުމުގައި ތަޖުރިބާކުރީ ވަރަށްވެސް އުފާވެރި ދުވަސްތަކެއްކަމަށް ބުނަމުން ޕްރިޔަންކާ ނިކް ސިފަކުރަނީ، ދިރިއުޅުމުގެ ޗިއާ ލީޑާގެގޮތުގައެވެ. ނިކް ޖޯނަސްއަކީ ކޮންމެ އަންހެން ކުއްޖަކުވެސް ހަޔާތަށް ގެންނަން ބޭނުންވާ ކަހަލަ ފިރިއެއް ކަމަށާއި ޕްރިޔަންކާއަށް ލިބޭ ކާމިޔާބީތަކާ ގުޅިގެން އެންމެ ބޮޑަށް އުފާފާޅުކުރާ އެކަކީ ނިކްކަމަށް "ސިޓަޑެލް"ގެ ބަތަލާވަނީ ބުނެފައެވެ.

ދެ އަހަރު ދުވަސްވަންދެން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު ޕްރިޔަންކާއާއި ނިކް ކައިވެނިކުރީ 2018ވަނަ އަހަރުއެވެ. ޕްރިޔަންކާ ބުނެފައިވަނީ ކޮންމެ ކަމެއްގައިވެސް ނިކްއަށް ފުރިހަމައަށް އިތުބާރުކުރާކަމަށާއި އެނޫން އެހެން މީހެއް ދިރިއުޅުމުގައި ދެކެން ބޭނުންނުވާކަމަށެވެ. ޕްރިޔަންކާއާއި ނިކްގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު ދެ މީހުންވަނީ ސަރޮގޭޓް މެދުވެރިކޮށް އަންހެން ކުއްޖަކު ހޯދާފައެވެ.

ބޮލީވުޑް ފަތަހަކުރުމަށްފަހު ޕްރިޔަންކާވެފައިވަނީ ހޮލީވުޑްގައި ވެސް ފާހަގަކޮށްލެވޭ ނުފޫޒުގަދަ ބަތަލާއަކަށެވެ. ޕްރިޔަންކާގެ އެންމެ ފަހުގެ ހޮލީވުޑް ފިލްމު "ލަވް އަގެއިން" މިމަހުގެ 5ވަނަ ދުވަހު ރިލީޒްވެފައިވާއިރު މިފިލްމަށް ބޮކްސް އޮފީހުގައިވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

comment ކޮމެންޓް