ލެބޯޓްރީ ހުރި ހުރިހާ ސިއްހީ މަރުކަޒުތަކަށް ލޭއަޅާ ސާމާނު ފޮނުވަން ފަށައިފި

ލެބޯޓްރީ ގާއިމްކޮށްފައިވާ ސިއްހީ މަރުކަޒުތަކަށް ލޭ އެޅުމަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ލޭ އަޅާ ސާމާނު ލެބޯޓްރީއެއް ހުރި ހުރިހާ ސިއްހީ މަރުކަޒުތަކަށް ފޮނުވަން ހެލްތު މިނިސްޓްރީން މިއަދު ފަށައިފިއެވެ.

އެގޮތުން މިއަދު އެތަކެތި ހަވާލުކޮށްފައި ވަނީ، ކ. އަތޮޅުގެ ލެބޯޓްރީ ގާއިމްކޮށްފައިވާ ރަށްތަކަށެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ހުރިހާ ސިއްހީ މަރުކަޒަކަށް މިތަކެތި ހަވާލު ކުރެވޭނެއެވެ. މި މަސައްކަތް ނިމޭއިރު، މުޅި ޖުމުލަ 112 ސިއްހީ މަރުކަޒަށް، ލޭ އަޅަން ބޭނުންވާ ސާމާނު ހަވާލު ކުރެވޭނެއެވެ.

ލެބޯޓްރީ ގާއިމްކޮށްފައިވާ ސިއްހީ މަރުކަޒުތަކަށް ލޭ އެޅުމަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހެލްތު މިނިސްޓްރީ

މި ތަކެތި ސިއްހީ މަރުކަޒުތަކަށް ހަވާލުކޮށްފައި ވަނީ، އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ރަށްރަށަށް ލޭ އަޅާ ސާމާނު ފޮނުވުމާ ގުޅޭ ގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ މިކަމުގެ ސަބަބުން ޚިދުމަތުގެ ސްޕީޑު އެތައް ގުނައެއް އިތުރުވެ، ދައްޗަކާ ނުލާ ޚިދުމަތް ލިބިގަންނަ މީހުންނަށް މި ޚިދުމަތް މިހާރު ލިބޭނެ ކަމަށެވެ. މިއާ އެކީ، ހަމައެކަނި އައިޖީއެމްއެޗުން ލޭއެޅުން މިހާރު ނިމުމަކަށް ގެނެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑުމެނަށް ރައްކާތެރިކަމާއެކީ ލޭ އެޅޭނެ އިންތިޒާމް ހަމަޖެހި، ޚިދުމަތް ދިނުމުގައި ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ." ނަސީމް ވިދާޅުވިއެވެ.

ސިއްހީ މަރުކަޒުތަކަށް ހަވާލުކުރާ ތަކެތީގެ ތެރޭގައި، ބްލަޑް ކަލެކްޝަން މޮނީޓާ، ޕްލާސްމާ އެކްސްޓްރެކްޓާ، ބްލަޑް ބޭންކް ޓިއުބް ސްޓްރިޕާ، ބްލަޑް ބޭންކް ޓިއުބް ސީލާ އަދި ބްލަޑް ބޭންކް ވެއިން ސްކޭލް ފަދަ ތަކެތި ހިމެނެއެވެ.

މިއީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)އިން ފަންޑު ކޮށްގެން ހެލްތު ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާ "އެމަޖެންސީ ރެސްޕޮންސް ޓު ކޮވިޑް 19 ޕެންޑަމިކް ޕްރޮޖެކްޓް"ގެ ދަށުން ހޯދާފައިވާ ތަކެއްޗެވެ. މިތަކެތި ގަންނަން މިނިސްޓްރީން 19 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

comment ކޮމެންޓް