ނުދާނޭ ތި ހަނދާން ފިލާ... 08

"ލަވް..." ފިޒާލް ހާސްވެފައި ލަޔާލަށް ގޮވައިލީ ނުހަނު ލޯބިންނެވެ.

*********

ލަޔާލް އަވަސްވެގަތީ ފިޒާލްގެ ކުރިމަތިން ދުރަށްދިޔުމަށެވެ. އޭނާ ނުކުމެ، ދޮރު ލައްޕައިލަންދެންވެސް ފިޒާލް ހުރީ ގަބުވެފައެވެ. ލަޔާލް ދެރަވިކަން އެނގުމުން، ފިޒާލްގެ ހިތަށް ތަދުވިއެވެ. އޭނާ މަސައްކަތްކުރީ ލަޔާލްގެ ނުތަނަވަސްކަން ދުރުކޮށްދޭށެވެ. އެކަމަކު ކަންތައްވީ އެހެނެއް ނޫނެވެ. ފިޒާލްގެ ގާތްކަމުން ލަޔާލަށް އުނދަގޫވާކަން އޭނާއަށް ވިސްނުނެވެ.

ކައިނިމިގެން ޕާޓީއަށް ގޭތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ފެށުނެވެ. އެކި މަސައްކަތްތަކުގައި އެންމެން މަސްއޫލުވެ އުޅެމުން ދިޔައިރު، ލަޔާލް ހުރީ ނެގިމަޑުވެފައެވެ. އެކަން ފާހަގަވެގެން ސާމިޔާ އެވާހަކަ ސަކީނާއާއި ހިއްސާކުރިއެވެ.

"އެމަންޖެ މާ ވަރުބަލިވެފަ ހުރީމަ އެއީ... ރޭވެސް ރަނގަޅަށް ނުނިދާ އެއުޅެނީ..." ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ސަކީނާ ބުންޏެވެ. ހަގީގަތަކީ، ދަރިފުޅުގެ ނުތަނަވަސްކަން އެންމެ ރަނގަޅަށް ފެނުނު އެކަކީ ސަކީނާ ކަމެވެ. އެކަމަކު އެކަން ސިއްރުކުރުން ނޫންގޮތެއް ސަކީނާއަކަށް ނެތެވެ.

"ޕާޓީ ފެށެންވާއިރަށް އެމަންޖެ ނިދަން ފޮނުވާލަމާ..." ސާމިޔާ ހިޔާލު ދިނެވެ.

ކޮޓަރީގައިވީ ފަޅުކަމެވެ. އެނދުގައި ޖައްސާލި ނަމަވެސް، ލަޔާލަކަށް އެއްވެސް އަރާމުކަމެއް އިހުސާސެއް ނުވިއެވެ. ދެލޯ މަރާލައިގެން އޭނާ އޮތީ، ދިރިއުޅުމުގެ މިސްރާބު ބަދަލުވެގެންދިޔަ ގޮތާއިމެދު ވިސްނާށެވެ.

"ލޫ... ކީއްވެ ތިހެން ތިހަދަނީ... އައި ލަވް ޔޫ... ޔޫ އާ މައިން.. އޮންލީ މައިން..." ލަޔާލްގެ ކަންފަތް ކައިރީގައި މީހަކު ސިއްރެއް ބުނެލިހެން ހީވެގެން އޭނާ ލޯ ހުޅުވައިލިއެވެ.

ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނިދުނީކަން އެނގުމުން، ލަޔާލަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑިއެވެ. ގަޑިން އިރުއޮއްސި ހަގަޑި ބައިވީއެވެ.

********

ހަނދުވަރުދޭ ރީތި ރެއެކެވެ. ވިލާ ރޮއްޖެއްވެސް އުޑުގައިނުވާއިރު، އުޑުމަތީގައި ބަބުޅަމުންދިޔަ އެތައް ހާސް ތަރިތަކުން، މާހައުލަށް އިތުރު ދިރުމެއް ގެނެސްދެއެވެ. ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ލަޔާލް ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. އުޑުމަތީގައި ފިޔަޖަހަމުންދިޔަ ތަރިތައްވެސް ލަޔާލްގެ ރީތިކަމަށް ސަނާކިޔާ ކަހަލައެވެ.

"ވާއު..." ލަޔާލް ފެނުމުން ފިޒާލަށް ހިތާއިހިތުން ބުނެވުނެވެ.

ސަކީނާ ލަޔާލް ގެންގޮސް ފިޒާލްގެ ކައިރީގައި ބެހެއްޓިއެވެ. ލަޔާލްގެ އަތް، ފިޒާލްގެ އަތުގެ ތެރެއަށް ލައިދިނެވެ. ސަކީނާގެ އެ އަމަލުން ފިޒާލްވެސް ކުޑަކޮށް ހާސްވާގޮތްވިއެވެ.

"މީ މަންމަގެ ވަރަށް ބޮޑު އަމާނާތެއް... ދަރިފުޅަށް މަންމަ އިތުބާރުކުރަން... މަންމައަށް އެނގޭ ދަރިފުޅު ލަޔާލަށް ދެރަގޮތެއް ނުހަދާނެކަން..." ސަކީނާ ވާހަކަ ދެއްކިއިރު، އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

ލޯބިވާ ދަރިފުޅު ލޯމަތިން ގެއްލޭތީ، ސަކީނާގެ ހިތުގައި ރިއްސަމުން ދިޔައެވެ. ލަޔާލަކީ އޭނާ ދުވަހަކު ލޯމަތިން ގެއްލުވާނުލައި ގެންގުޅުނު ހަމައެކަނި ދަރިފުޅެވެ.

ޕާޓީއަށް މީހުން އަންނަން ފެށިއެވެ. ފިޒާލް އާއި ލަޔާލް އެމީހުން ތިބެން ހަމަޖައްސާފައިވާ ޖާގައަށް ދިޔައެވެ. ފިޒާލާއި ދޭތެރޭގައި ކަންތައް ކުރެވުނުގޮތުން ލަޔާލް ހުރީ ދެރަވެފައެވެ. މައާފަށް އެދެން އޭނާ ބޭނުންވިއެވެ.

"ސަޕްރައިޒް އެއް އެބައޮތް... އަހަރެންގެ ދިރިއުޅުމުގެ ވަރަށް ހާއްސަ ފަރާތަކަށް ލަޔާ މީޓްކޮށްދޭން އެބަޖެހޭ މިރޭ..." މީހުންތައް އެއްފަރާތްވެލި ވަގުތު ފިޒާލް ބުނެލިއެވެ.

ދަންވިވަރަކަށް ޕާޓީގެ ފޯރި ގަދަވާން ފެށިއެވެ. އަންނަ ކޮންމެ މެހެމާނަކު ގެންނަމުންދިޔަ ހަދިޔާތަކާއި ސިޓީއުރަތަކުން މޭޒުމަތި ފުރެމުން ދިޔައެވެ. ހަދިޔާތަށް ގޭތެރެއަށް ވެއްދުމުގައި ސަކީނާއާއި ސާމިޔާ އަވަދިނެތި އުޅުނެވެ.

"އެބަ އަންނަން އިނގޭ ވަރަށް އަވަހަށް... ނުގެއްލެއްޗޭ..." ލާނެތް ރާގަކަށް ފިޒާލް ބުނެލިއެވެ.

ފިޒާލް ކޮންމެވެސް މީހަކާއި ގުޅަން މަސައްކަތް ކުރިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ، އޭނާ ގޮސް ލަޔާލްގެ ލޯމަތިން ގެއްލުނެވެ. ލަޔާލް ހިނގައިގަތީ ސަކީނާގެ ކައިރިއަށް ދިޔުމަށެވެ. އެވަގުތު އޭނާގެ ދެފައިގައި ހީވީ ހިލިހިލާ ޖެހި ހެންނެވެ. ލަޔާލްގެ ދެލޯ ބޮޑުވީ، ކުރިމަތިން ފެނުނު ސޫރަ އަކުންނެވެ.

"އާލް..." ލަޔާލްގެ ދެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ.

ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ހަމައެކުލައިގެ ފަޓުލޫނެއްލައި ބެގީކޮށްލާފައި ހުރުމުން އަކިއަލްގެ ފުރިހަމަކަން މިރޭ އަދި ވަކިން އިތުރުވެފައިވާހެން ލަޔާލަށް ހީވިއެވެ. ލަޔާލްގެ ލޮލުން ނީރާލި ކަރުނަތިކި އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތުގައި ބީހިލިއެވެ. އޭނާއަށް ހަމަހޭވެރިކަންވީ ކަރުނައިގެ ތެތްކަން ކޯތާފަތުން އިހުސާސްވުމުންނެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެލުމަށްފަހު އޭނާ އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ.

އެތައް ދުވަހަކަށްފަހު، މިއަދު އަކިއަލް އައުމުގެ އެއްވެސް ބޭނުމެއް ލަޔާލަކަށް ނުވިސްނުނެވެ. އަކިއަލްގެ މަގުސަދަކީ ލަޔާލަށް އިތުރު ހިތްދަތިކަމެއް ދިނުން ހެއްޔެވެ؟ އެކަމަކު، ލަޔާލް ދެން އެ ފުރުސަތެއް އަކިއަލްއަކަށް ނުދޭނެއެވެ. އަކިއަލް ހީކުރާ ވަރަށްވުރެ އޭނާގެ އަޒުމު މާ ވަރުގަދައެވެ.

"ލަޔާ..." ފިޒާލްގެ އަޑު އިވުމުން، ލަޔާލްގެ ހިތް ތެޅިގަތެވެ.

"މޫނުވެސް ނުދައްކަންތަ އަނެއް ފަރާތަށް އެނބުރި ތިހުރީ... ހެހެ..." ލަޔާލްގެ ފަހަތުގައި ހުއްޓިލައިގެން ހުރި އަކިއަލް ލާނެތް ރާގަކަށް ބުނެލިއެވެ.

އެއީ ހަމަ އެ އަޑެވެ. ލަޔާލްގެ ހިތުގެ ފިނިކަމެވެ. ލަޔާލްގެ ދެލޯ ކެހިދިނަސް، އެ އަޑު އޮޅޭނީ ކިހިނެއް ހެއްޔެވެ؟ އެ އަޑު އަހާލުމަށްޓަކައި ކެތްތެރިކަމެއްނެތި ލަޔާލް އެތައް ދުވަހެއް ބޭކާރުކުރިއެވެ.

ލަޔާލްގެ ދެއަތް މުށްކެވުނެވެ. އަކިއަލްގެ ހިތުގައި އެއްވެސް ރަހުމެއް ނެތީ ހެއްޔެވެ؟ ގަސްދުގައި ލަޔާލްގެ ހިތަށް ތަދުކުރުމުގެ އެއްވެސް ހައްގެއް އަކިއަލްއަކަށް ނޯންނާނެއެވެ. ހުރިހާ ދުވަހު ދުރުގައި ހުރެފައި ލަޔާލްގެ ކައިވެނީގެ ދުވަހު އައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަކިއަލްއަށް އެހެން ކަންތައް ކުރެވޭނަމަ، ލަޔާލަށް ނުކުރެވެންވީ ސަބަބެއްވެސް ނެތެވެ.

ލަޔާލްގެ ހިތުގެ ވިންދު އަވަސްވެ، ކޮޅަށް ހުރުމަށް ދަތިވިއެވެ. އެހެނަސް، ހިތްވަރުކޮށްފައި، ކަރުނަތައް ހިންދައިލިއެވެ. ލަޔާލް ހިތްވަރުގަދައެވެ. ހުރިހާ އިހުސާސްތަކެއް ހިތުތެރޭގައި ފޮރުވާލަމުން އޭނާ ހިނިތުންވެލިއެވެ.

"މާ ލަދުރަކި ކުއްޖެއް..." އަކިއަލްގެ އަޑުގައިވީ ސަމާސާއެވެ.

ފަސްއެނބުރުމާއިއެކު ލަޔާލްގެ ނަޒަރު ފުރަތަމަ ވެސް ހުއްޓުނީ ހިނިތުންވެލައިގެން ހުރި އަކިއަލްގެ މޫނަށެވެ. ދާދި ކައިރިން އެ މޫނު ފެނުމުން، ލަޔާލްގެ ހިތަށް ފިނިވެގެން ދިޔައެވެ. އަކިއަލް ވެސް ހުރީ ލަޔާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ ތޫނު ދެލޮލަށް ބަލާނެ ހިތްވަރު ނުލިބުނީ ލަޔާލަށެވެ. ކިތަންމެ ކެރޭކަން ދައްކަން މަސައްކަތްކުރި ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. އެއާއި ހިލާފަށް އަކިއަލް ހުރީ ކަޅި ޖަހާނުލައި ލަޔާލަށް ބަލާށެވެ. އަކިއަލްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔަތަން ލަޔާލަށް ފެނުނެވެ. އެ ދެލޮލުގައިވީ ޝަކުވާ އާއި ނުރުހުމެވެ.

"މީޓް މައި ބިއުޓިފުލް ވައިފް.... ލަޔާލް..." ފިޒާލް ފަހުރުވެރިކަމާއިއެކު ބުނެލިއެވެ. "ލަޔާ ހީ އިޒް..." ފުރުސަތުގެ ބޭނުންހިފައި، ލަޔާލް ފިޒާލްގެ އަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. އަކިއަލް ދެރަވެއްޖެކަން އެނގުމުން، އިތުރަށް ދެރަކުރަން ލަޔާލް ބޭނުންވީއެވެ. ލަޔާލްގެ އެ ގާތްކަމުން، ފިޒާލް ބުނަން އުޅުނު ޖުމުލަވެސް ފުރިހަމަކުރެވޭގޮތެއް ނުވިއެވެ. "ހީ އިޒް މައި ލިޓްލް ބްރަދަރ... އަކިއަލް..." ފިޒާލްގެ ހިތް އުފަލުން ނަށަމުން ދިޔައެވެ.

ލަޔާލް ސަލާމަށް އަތް ދިއްކޮށްލުމުން ވެސް އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައި އަކިއަލް ހުއްޓެވެ. ސީދާ ލަޔާލްގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭރު މަޑުމަޑުން އެދެލޯ ފެންކަޅިވަމުން ދިޔައެވެ. ލަޔާލަށް އަތް ތިރިކޮށްލެވުނެވެ.

"މިއަދު އާލް ކިތަންމެ ދެރަވިޔަސް އަހަންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް... އާލް އަހަންނަށް އޮޅުވާލުމުން ވެސް މިހިތުގައި އޮތް ލޯތްބަށް ފަނޑުކަމެއް ނާދޭ... ތިނަން މިހިތުން ނެރެ އެއްލާލަން އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ....." އެބަސްތައްވީ ލަޔާލްގެ ހިތުގައެވެ.

"ބޭބީ އަކިއަލް ކިޔާނީ..." އަކިއަލް ސަލާންނުކުރުމުން، ފިޒާލް ހީކުރީ ސަމާސާ ކުރަނީ ކަމަށެވެ.

އަކިއަލް ވަގުތުން އެތަނުން ދާން ހިނގައިގަތެވެ. އަކިއަލް އަށް އައި ބަދަލު ފެނި ހައިރާންވެފައި ފިޒާލް ހުރީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ. ބާރު ހިނގުމުގައި އަކިއަލް ގޮސް ލޮލުގެ ކޮޅަށް އޮބާލަންދެން ލަޔާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ވިސްނާ ވިސްނާވެސް އަކިއަލްއަށް ވީގޮތެއް ލަޔާލަކަށް ނޭނގުނެވެ.

"އެ ވާނީ ސަމާސާ ކުރަނީ ކަމަށް... އެބަ އަންނަން އިނގޭ..." އަކިއަލް ދިޔަ ދިމާއަށް ހިނގައިގަންނަމުން ފިޒާލް ބުންޏެވެ.

ޕާޓީއަށް އައިތާ ފަސް މިނެޓުވެސް ނުވަނީސް އެފަދަ ގޮތަކަށް އަކިއަލް ޕާޓީދޫކޮށް ދިޔުމުން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެކަން ލަޔާލަށް އެނގެއެވެ. އޭނާ ހާސްވީ އެ މަންޒަރު ސަކީނާއަށް ފެނުމުންނެވެ.

"ދިޔައިރު ނެތް ފެންނާކަށް... ވެދާނެ ކުއްލިއަކަށް ފާހާނާއަކަށް ދާންޖެހުނީ ކަމަށް..." ފިޒާލްގެ ޖުމުލައިން ލަޔާލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ފިޒާލްވެސް މަޖާވެލާފައި ހީލިއެވެ. ލަޔާލް ނުތަނަވަސްވާ ވަގުތުތަކުގައި ފިޒާލް އޭނާ ހެއްވާލަނީ ދާދި ފަސޭހައިންނެވެ.

ހަޔާތުގެ ސިއްރު ފިޒާލަށް ކިޔައިދޭން ބޭނުންވެފައި ހުރި ލަޔާލްގެ ހިޔާލު ބަދަލުވިއެވެ. އަކިއަލްއަކީ ފިޒާލްގެ ކޮއްކޮއެވެ. ފިޒާލްގެ އަމަލުތައް ހުރިގޮތުން، އަކިއަލްދެކެ ނުހަނު ލޯބިވާކަން ލަޔާލަށް އެނގުނެވެ. ވީއިރު، އަކިއަލްގެ ވާހަކަ އޭނާ ފިޒާލަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟ އަކިއަލް އާއި ބެހޭގޮތުން ފިޒާލްގެ ކައިރިން ކިތަންމެ އެއްޗެއް އޮޅުންފިލުވަން ބޭނުންވި ނަމަވެސް ފިޒާލްއަށް ޝައްކުވެދާނެތީ ލަޔާލަށް އެއްވެސް އެއްޗެއް އަހާކަށް ނުކެރުނެވެ.

"ޑްރިންކެއް ގެނެސްދެން؟..." ލަޔާލް ދާހިއްލާފައި ހުރުމުން، ފިޒާލް އަހައިލިއެވެ.

ލަޔާލް ބޯ ޖަހައިލިއެވެ. އަކިއަލް އާއި ފިޒާލް އަކީ އެއްގެއެއްގެ ދެމީހުންނަށް ވާއިރު، އެއް ގެއެއްގައި އުޅޭނެ ގޮތެއް ލަޔާލަކަށް ނުވިސްނުނެވެ. އަކިއަލް ނުފެނުމުން ހިތަށްކުރި އަސަރަށްވުރެ އަކިއަލް ފެނުމުން ލަޔާލްގެ ހިތަށް ކުރި އަސަރު މާ ބޮޑުވެއްޖެއެވެ. އަކިއަލް ނައިނަމައޭ އޭނާގެ ހިތަށް އެރިއެވެ.

ޕާޓީ ނިމުނެވެ. މެހެމާނުން ގެއަށް ދާން ފެށިއެވެ. ސަކީނާ ލަޔާލްގެ ގައިގައި ބައްދާލިއެވެ. ދެމައިން އެކަކު އަނެކަކާއި ވަކިވާންޖެހޭތީ، ކަރުނައަޅައި ރޮނީއެވެ. ލަޔާލް ހުރީ ކަރުނަތައް ހިންދާލައިގެންނެވެ. ސަކީނާއަށް ރޮވޭވަރުން ވާހަކައެއް ނުދެއްކުނެވެ. ބާރީ އެތައް ނަސޭހަތެއް ދިނުމުންވެސް ލަޔާލްގެ ގައިން ދޫކޮށްލާކަށް ސަކީނާ ބޭނުމެއް ނުވިއެވެ.

"މަންމާ..." އެތައް އިހުސާސެއް އެކުލެވިގެންވާ އަޑަކުން ލަޔާލް އޭނާގެ މަންމައަށް ގޮވައިލިއެވެ. މައިންބަފައިންނާއި ވަކިވާންޖެހުމުގެ އިތުރުން، އެތައް ހަނދާންތަކަކާއި ގުޅިފައިވާ ގެއާއި ވަކިވާން ޖެހޭތީ، ލަޔާލްގެ ހިތަށް ވަނީ ނުހަނު އަސަރުކޮށްފައެވެ.

"ސަކީނާ... ދެން ހުއްޓާލާ... އެއް ރަށެއްގައެއްނު މިއުޅެނީ... ސަކީނާ ބޭނުންވީމަ އެގެއަށްވެސް ދެވޭނެ... ލަޔާލަށް މިގެއަށްވެސް އާދެވޭނެ..." ބާރީ ވާހަކަ ދެއްކީ ފިޒާލަށް ލޮލުން އިޝާރާތެއް ދެމުންނެވެ.

ބާރީ ބުނި އެއްޗެއް ފިޒާލަށް ވިސްނުނެވެ.

"ބައްޕަ އެބުނީ ތެދެއް... ލަޔާއަށް އެއްވެސް ހުރަހެއް ނޯންނާނެ އޭނަ ބޭނުން ތާކަށް ދެވޭނެ... މަންމަ ކައިރިއަށް ނައިސް އަހަރެމެންނަކަށް ނޫޅެވޭނެއެއްނު... މަންމަ ކައްކާ އެއްޗެހިވެސް އެހާ މިސްވާނެ..." ފިޒާލް މަސައްކަތްކުރީ ސަކީނާ ހަމައަކަށް އަޅުވާށެވެ.

ބާރީ ހީކުރި ވަރަށްވުރެ ފަސޭހައިން ސަކީނާ ހަމަޖެހުނެވެ. ފިޒާލްގެ ވާހަކައިން ސަކީނާ ހެއްވާލިއެވެ. ސަކީނާ ނިކަން ލޯބިން ފިޒާލްގެ ބޮލުގައި ފިރުމައިލިއެވެ.

"ހިނގާފަ ދޯ ދާނީ...." ލަޔާލްގެ ފޮށިތައް ކާރަށް އަރުވާފައި ފިޒާލް އެނބުރި އައިސް ލަޔާލްގެ ކައިރީގައި ހުއްޓުނެވެ. "ބައްޕަމެން ފޮނުވާލާނީ ކާރުގަ... އެންމެންނަކަށް ނޭރޭނެއެއްނު ކާރަކަށް.... ލަޔާ ބޭނުމިއްޔާ އުރާލައިގެން ވެސް ގެންގޮސްދީފާނަން މިރޭ....."

ލަޔާލަށް ބަލައިލެވުނީ އެ އަޑު އިވޭ ހިސާބުގައި މީހަކު ފެންނަން ހުރިތޯއެވެ. ފިޒާލްގެ ލާނެތްކަމުގެ ސިފަ ކައިވެނީގެކުރިން ލަޔާލަށް ފެނިފައެއް ނުވެއެވެ.

ފިޒާލްގެ ބައްޕަމެން ގޮވައިގެން ކާރު ނައްޓާލުމާއިއެކު ލަޔާލްގެ އަތުގައި ހިފައިގެން ފިޒާލް ހިނގައިގަތެވެ. ދަންވަރުގެ ވަގުތުކަމުން މަގެއްގެ މަތިން ދުއްވާ އެއްޗެއް ފެންނަން ނެތްތަނުގައި މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ދުރުދުރުގައި ޖަހާލެވިފައިވާ މަގުބައްތިތަކުގެ ފަނޑު އަލިކަން ފިޔަވާ އިތުރު އަލިކަމެއް މަގުގައި ނުވެއެވެ.

"ބިރުންތަ ތިހުރީ؟..." ލަޔާލް މާ މަޑުން ހުންނަން ފެށުމުން ފިޒާލް ސުވާލުކޮށްލިއެވެ.

"ނޫން..." ލަޔާލް ބޯ ހޫރައިލިއެވެ.

"ހާދަ ދިގު އިންތިޒާރަކަށޭ މިއަދު ނިމުން މިއައީ... ދުވަހަކުވެސް ހިތަކަށް ނާރާ ލަޔާ އަހަރެންގެ މީހަކަށް ވެދާނެއޭ.... ތޭންކްސް..." ލަޔާލްގެ އަތަށް ފިތައިލަމުން ފިޒާލް ބުނެލިއެވެ. "ވާހަކައެއް އަހާލަންތަ؟... ލަޔާ ތެދަށް ޖަވާބު ދޭނަން؟..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު