ނުދާނޭ ތި ހަނދާން ފިލާ... 06

ފާހާނާއަށްވަދެ ފެންވަރާލުމުން ލަޔާލްގެ ހަށިގަނޑު ތާޒާވެލިއެވެ. ނިދާ އެއްޗެހިލައިގެން އައިސް އެނދުގައި ޖައްސާލުމާއިއެކު، ލަޔާލަށް ނިދޭކަށް ގިނައިރެއް ނުނެގިއެވެ.

*******

ނޭވާ ހާސްވާހެން ހީވެ، ލަޔާލަށް ހޭލެވުނެވެ. ކޮޓަރި އޮތީ އަނދިރިކޮށެވެ. ލަޔާލްގެ ހިތް ނުތަނަވަސްވިއެވެ. ބޮކި ދިއްލުމަށް އަތް ހަރަކާތް ކުރަން އުޅެއުޅެ، އަތް ގުޑުވާވެސް ނުލެވުނެވެ. ލަޔާލްގެ އަތް ވަނީ އެނދުގެ ދެފަރާތުން ވާހެން އައްސާފައެވެ. އަނގަމަތީގައި ޓޭޕު އަޅާފައެވެ. ލަޔާލްގެ މުޅި ހަށިގަނޑު ބިރުން ރޫރޫ އަޅައިގަތެވެ.

ކުއްލިއަކަށް ލަޔާލަށް އިހުސާސް ކުރެވެން ފެށީ، ފިރިހެނެއްގެ އަތުގެ ބީހުންތަކެވެ. އޭނާގެ ފައިގެ ފަލަމަސްގަނޑުން ފެށިގެން މައްޗަށް އޭނާ އަތް ހިންގަމުން ދިޔައެވެ. ލަޔާލް ތެޅިގަތެވެ. އަޑު ލެއްވޭތޯ މަސައްކަތް ކުރިއެވެ. އެމީހެއްގެ ހޫނު ނޭވާ ލަޔާލްގެ މޫނާއި ދާދި ގާތުން އިހުސާސް ކުރެވުނެވެ. ލަޔާލް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އެއާއިއެކު ގަދަކަމުން ކަހަލަ ގޮތަކަށް އެމީހަކު ލަޔާލްގެ މޫނު، އެމީހެއްގެ މޫނާއި ދިމާއަށް އަނބުރުވާލިއެވެ.

"އެދުވަހު އަހަރެންގެ ކައިރިން ސަލާމަތްވިޔަސް، މިއަދަކު ނުވާނެ..." އިވުނީ އުބޭދުގެ އަޑެވެ.

ލަޔާލްގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އޭނާގެ ގައިގައި މާ ބޮޑު ހަކަތައެއް ނެތެވެ. އުބޭދުގެ ކައިރީގައި މާ ބޮޑު ބާރެއް ނުދެއްކޭނެކަން ލަޔާލަށް އެނގެއެވެ.

"ދެންވެސް އަހަރެން ބޭނުންވާ ކަންތައް ކުރަން ފުރުސަތު ދީގެން މަޑުން އޮވޭ... ނޫނީ އަހަރެންގެ އަތުން ލިބޭ ބޮނޑި މާ ބޮޑުވާނެ...." އުބޭދު ދަތްތަކަށް ބާރުކޮށްލައިގެން ހުރެ، ވާހަކަ ދެއްކިއެވެ.

އުބޭދު ލަޔާލް ލައިގެން އޮތް ހެދުމުގެ ކަރުވަޅުގައި ހިފިއެވެ. އަތުގައި ހުރި ބާރެއް ލާފައި ކަރުވަޅަށް ދަމައިގަތެވެ. ހެދުމުގައި ހަރުކޮށްފައިވާ ގޮށްތައް ނައްޓައިގެން ގޮސް މުށިތަކު މަތީގައި ޖެހުނު އަޑު އިވިގެން ދިޔައެވެ. ލަޔާލްގެ ހަށިގަނޑުން ބޮޑު ބައެއް ހާމަވިއެވެ.

ސިއްސައިގެން ގޮސްފައި ލަޔާލަށް ހޭލެވުނެވެ. އޭރު ރޮއެރޮއެ ލަޔާލްގެ ދެލޯ ވަނީ ދުޅަވެފައެވެ. ލަޔާލްގެ ކައިރީގައި އިން ސަކީނާއަށް ލަޔާލް ހަމައަކަށް އެޅުވޭގޮތެއް ނުވިއެވެ.

"މަންމާ އުބޭދު އުބޭދު..." ލަޔާލަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ.

"ދަރިފުޅާ.... ދަރިފުޅަށް ހުވަފެނެއް ފެނުނީއޭ..." ސަކީނާ މަސައްކަތްކުރީ ލަޔާލް ހަމައަކަށް އަޅުވާށެވެ.

ފެނުނީ ހުވަފެނެއް ކަން އެނގުމުން ލަޔާލަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެކަމަކު އޭނާ އަނގަޔަކުން ނުބުނެއެވެ. ލަޔާލް އިނީ ހިމޭންވެފައެވެ. އޭނާގެ ހިތް އޭރުވެސް ހަމައަކަށް ނޭޅެއެވެ. އުބޭދުގެ ސަބަބުން ލަޔާލްގެ ދިރިއުޅުން ފުން އަނދަވަޅެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ނިދީގައިވެސް އޭނާއަށް ފެންނަނީ އުބޭދުގެ އަނިޔާވެރިކަމެވެ. އޭނާ ދުވަހަކުވެސް އުބޭދަށް މައާފެއް ނުކުރާނެއެވެ.

"ދަރިފުޅާ... މަންމަ ބުނާ ބަހެއް އަހަންޏާ، ދަރިފުޅު އަވަހަށް ފިޒާލާ ކައިވެނި ކުރަން އުޅޭ..." ދުރުދުރުން ވާހަކަ ދައްކާކަށް ސަކީނާ މަސައްކަތެއް ނުކުރެއެވެ.

ސަކީނާ އެ ވާހަކަ ދައްކާނެކަން ލަޔާލަށް އެނގެއެވެ. އެހެނަސް ރައްދުގައި އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާ ލޯބިވާ މީހަކު ހުރި ވާހަކަ ހެއްޔެވެ؟ ނޫނީ ކައިވެނި ކުރަން ބޭނުންވަނީވެސް ހަމައެކަނި އެމީހަކާއި ހެއްޔެވެ؟ އެހިސާބުން ސަކީނާގެ ސުވާލުތައް އޮއްސައިލާނެއެވެ. އަކިއަލްގެ މައުލޫމާތު އޮޅުންފިލުވާނެއެވެ. އަކިއަލް އާއި ބެހޭގޮތުން އަންނަ އެއްވެސް ސުވާލަކަށް، ލަޔާލަށް ޖަވާބެއް ނުދެވޭނެއެވެ. އޭރުން ކަންތައް ދާނީ ގޯހުން ގޯހަށެވެ. އަކިއަލްގެ ނަން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ލަޔާލަކަށް ނޭނގެއެވެ. ކުރިން ނޭހުނީތީ ލަޔާލް އެކަމާއި ދެރަވިއެވެ.

"މަންމާ... ތިވާހަކަ މިގަޑީ ނުދައްކަފާނަންތަ؟..." ލަޔާލް އާދޭހާއިއެކު އެދުނެވެ.

"މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ... ދަރިފުޅަށް ދެރަގޮތެއް ވާކަށް މަންމަ ބޭނުމެއް ނޫން..." ސަކީނާއަށް ލަޔާލްގެ ހާލަތު ވިސްނުނެވެ. އޭނާ އިތުރަށް ލަޔާލް ހާސްވާ ކަހަލަ ވާހަކައެއް ނުދައްކައެވެ.

********

އަކިއަލްގެ ޚަބަރެއް ނުވާތީ ލަޔާލްގެ ދިރިއުޅުމުން އެއްބައި މަދުވެފައިވާ ކަހަލައެވެ. ރޭގަނޑުގެ ނިދިން އޭނާ މަހުރޫމްވިއެވެ. އެހެނަސް އަކިއަލްއަށް އިންތިޒާރުކުރުން ހުއްޓައެއް ނުލެވުނެވެ. އެހެން މީހުންގެ ކުރިމަތީގައި ހިނިތުންވާން ލަޔާލް މަސައްކަތް ކުރެއެވެ. އޭނާގެ މިޒާޖަށް އައި ބަދަލަކީ އަކިއަލްގެ ސަބަބުން އައި ބަދަލެއް ނަމަވެސް، ސަކީނާގެ ނަޒަރުގައި އެއީ މުޅިން އެހެން ކަމެކެވެ. ސަކީނާ ގަބޫލުކުރީ، މައްސަލައަކީ އުބޭދު ކަމުގައެވެ.

އަކިއަލްގެ ހަބަރެއް ނުވާތާ މަސްދުވަސް ފާއިތުވެގެން ދިޔައެވެ. ލަޔާލް މަޑުމަޑުން ހަމައަކަށް އެޅެންފެށިއެވެ. ހިތާމަތަކަށް ލުޔެއް ހޯދުމަށް ލަޔާލް ހިނގަން ފެށީ، އޭނާ އަމިއްލައަށް ކޮށި މަގުންނެވެ. އަކިއަލްއާއި ކުރަން ބޭނުންވި ޝަކުވާތައް އޭނާ ހިއްސާކުރަންފެށީ، ޑައިރީއަށެވެ. އެކަމުން ލަޔާލްގެ ހިތަށް ތަސައްލީ ލިބުނެވެ. ކުރިއަށްދާން ހިތްވަރު ލިބުނެވެ.

ގޯތިތެރޭގައި ހައްދާފައިވާ ކުންނާރު ގަހުގައި ކުންނާރުތައް އޮތީ ދޮންވެފައެވެ. ހިޔާލެއް ފިކުރެއްނެތި ލަޔާލް ހުރީ ކުންނާރު ބިންނާށެވެ.

"ދަރިފުޅާ... އާދެބަލަ..." ސަކީނާ ގޮވާލިއެވެ.

ގަހުގައި ދަނޑި ލައްކޮށްލުމަށްފަހު، ބިނދެފައި ހުރި ކުންނާރުތައް ހިފައިގެން ލަޔާލް ގެއަށް ވަނެވެ. ސޯފާގޮނޑީގައި އިށީނދެލައިގެން ބާރީ އިނެވެ. ލަޔާލް ފެނުމުން ކައިރީގައި އިށީނުމަށް އެދުނެވެ.

"ބައްޕަ މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން..." ބާރީގެ އަޑުގައި ރިހުމުގެ އަސަރު ވިއެވެ. "ބައްޕަ ބޭނުމެއް ނޫން އެއްވެސް އިރެއްގަ ދަރިފުޅަށް އެއްވެސް ކަމެއް މަޖުބޫރު ކުރާކަށް... އެކަމަކު މިއަދު ބައްޕައަށް މިނޫން ގޮތެއް ނެތް..."

ލަޔާލްގެ ހިތުގައި ރިއްސާލިއެވެ. ކާން އިން ކުންނާރު މުށުތެރޭގައި ފޮރުވައިލިއެވެ. ބާރީ ދައްކަން އުޅެނީ އުފާވެރި ވާހަކައެއް ނޫންކަން އެނގުމުން ލަޔާލްގެ ހިތް ނުތަނަވަސްވިއެވެ.

"ބައްޕަ ދަރިފުޅު ކައިރީ ހުއްޓާ، ބައްޕަ ބޭނުން ދަރިފުޅު މީހަކާ އިންނަން..." ދުރުދުރުން ވާހަކަ ދެއްކުމުގެ މުހިއްމު ކަމެއް ބާރީއަކަށް ނުވިސްނުނެވެ. އެކަމަކު، ވާހަކައިގެ ބާވަތުން ބާރީއަށް ވާހަކަ ދެއްކުނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.

"ބައްޕާ..." ލަޔާލް އެއްޗެއް ބުނަން އުޅުނެވެ.

"ބައްޕައަކަށް ހިއެއް ނުވޭ ބައްޕައަށް މާ ގިނަ ދުވަހު ދަރިފުޅު ކައިރީ ހުރެވިދާނެ ހެނެއް... އޭގެ ކުރިން ކައިވެނީގެ ކަންކަން ނިންމަން ބައްޕަ ބޭނުން..." ބާރީގެ ޖުމުލައިން ވޭންއެޅީ ހަމައެކަނި ލަޔާލްގެ ހިތުގައެއް ނޫނެވެ. ސަކީނާގެ ދެލޮލުންވެސް ކަރުނަ ނީރައިލިއެވެ.

"ބައްޕަ ބަލީތަ؟..." ލަޔާލްގެ އަޑު ނުކުތީ އުނދަގުލުންނެވެ.

"ދަރިފުޅާ... މަންމަމެން ނިންމައިފިން ދަރިފުޅާ ފިޒާލްގެ ކައިވެނި ކުރުވަން..." ބާރީގެ ވާހަކަ އިތުރަށް ކުރިއަށް ގެންދިޔައީ ސަކީނާއެވެ. ލަޔާލްގެ ސުވާލަށް ޖަވާބުދޭން ބާރީއަށް ކިހާ އުނދަގޫވާނެކަން ސަކީނާއަށް އެނގެއެވެ. "ފިޒާލް ހުރީ ދަރިފުޅާ އިންނަން ތައްޔާރަށް... އެކަހަލަ އެހެން ކުއްޖަކު ދަރިފުޅަކަށް ނުލިބޭނެ..."

ލަޔާލް މާޔޫސްވިއެވެ. ސަކީނާ ބުނިހެން ލަޔާލަށް އިތުރު ގޮތެއް ނެތެވެ. ބާރީގެ ވާހަކައިން ހީވަނީ އާއިލާ ދޫކޮށްފައި މާ ދުރަށް ދާން އުޅޭ ހެންނެވެ. ފިރިހެނަކާއި ނުލައި އާއިލާއެއް ފުރިހަމައެއް ނުވާނެއެވެ. ދިރިއުޅުން ފަސޭހައެއްވެސް ނުވާނެއެވެ. ލަޔާލް ކައިވެނިކުރަން ބޭނުންވަނީ ހަމައެކަނި އަކިއަލް އަށެވެ. ނަމަވެސް އަކިއަލްއަށް ލަޔާލް މުހިއްމެއް ނުވިއެވެ. އޭނާއަށް އެންމެ ބޭނުންވި ދުވަހު، އަކިއަލް ހިނގައްޖެއެވެ. އުފާވެރިކަމުގެ ދަޅަ ދައްކައިގެން އަކިއަލް ލަޔާލަށް ދިނީ އިތުރު ހިތާމައެކެވެ. ކުރުވީ ބޭކާރު އިންތިޒާރެކެވެ. ލަޔާލް އިސްޖަހައިލީ، އޭނާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތައް އެހެން މީހަކަށް ފެންނަން ނޭދޭތީއެވެ.

"ދަރިފުޅު ގަޔާވާ ކުއްޖަކު ހުރީތަ؟..." ބާރީ އަހައިލީ ގާތް ގޮތަކަށެވެ.

ލަޔާލްގެ ދުލަކަށް އެންމެ ލަފުޒެއްވެސް ނައެވެ. އަކިއަލްގެ ކެހިވެރި މަޅީގައި ޖެހި، ލަޔާލްގެ ހަޔާތުން އެތައް ވަގުތެއް ބޭކާރުވެއްޖެއެވެ. އިތުރަށް އިންތިޒާރު ކުރުމުގެ މާނައެއް ނެތެވެ.

"ދަރިފުޅު ދެރަނުވޭ... ދަރިފުޅަށް ދެރަގޮތެއް ނުވާނެ އިންޝާﷲ... މަންމަ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ދަރިފުޅު ފިޒާލާ ކައިވެނި ކުރަން..." ސަކީނާ ބުނެލިއެވެ.

ލަޔާލްގެ ހަމަހިމޭންކަމުގެ މާނަ ސަކީނާ ނެގީ މުޅިން އިދިކޮޅަށެވެ. ކަންތައް ހިނގާފައިވާގޮތުން ލަޔާލާއި ގުޅޭނެ މީހަކު ނުވާނެކަމަށް ހީކުރެވިގެން ލަޔާލް ދެރަވީ ކަމުގައި ސަކީނާއަށް ހީކުރެވުނީއެވެ.

"ދަރިފުޅާ ކީއްވެ އެއްޗެއް ނުބުނަނީ؟..." ބާރީ ކަންބޮޑުވެފައި ސުވާލުކުރިއެވެ.

ލަޔާލްގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ ދެވަނަ ބައްދަލުވުމުން ކައިވެނީގެ ވައުދާއި އަހުދުތައްވި ލޯބިވެރިޔާ ގެއްލުނު ވާހަކަ ހެއްޔެވެ؟ ހަޔާތުގައި އޭނާ ހަމައެކަނި ލޯބިވި މީހާ، އެމީހަކަށް އޭނާ އެންމެ ބޭނުންވި ދުވަހު ފިލައިގެން ދިޔަ ވާހަކަ ހެއްޔެވެ؟ ނޫނީ އެމީހަކަށްޓަކައި ލަޔާލް އެތައް އުއްމީދަކާއި ހުވަފެންތަކެއް ދުށް މީހާގެ ހަނދާނުގައި ހަޔާތުގެ ބާކީއޮތްބައި ހުސްކޮށްލަން ބޭނުންވާ ވާހަކަ ހެއްޔެވެ؟

ވިސްނި ވަރަކަށް ލަޔާލްގެ ސިކުނޑި ހާސްވާން ފެށިއެވެ. ސަކީނާ ބުނިހެން ފިޒާލަކީ އަހުލާގު ރަގަޅު މީހެކެވެ. ހަޔާތުގެ ބައިވެރިއަކަށް އިހުތިޔާރު ކުރުމަށް ވަރަށް އެކަށީގެންވާ މީހެއްވެސް މެއެވެ. ނަމަވެސް ލަޔާލްގެ ހިތް އެކީ ވަނީ އެހެން މީހަކަށް ހިބައިން ދެވިފައެވެ. ވީއިރު، ފިޒާލާއި ކައިވެނިކުރުމަށް ލަޔާލްގެ ޒަމީރު އެއްބަސްވާނީ ކިހިނަކުން ހެއްޔެވެ؟ އޭނާއަށް ފިޒާލަށް ދެވޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟ ފިޒާލްގެ ކުށެއް ނެތި ފިޒާލަށް އެވަރުގެ ހިތާމައެއް ދޭކަށް ލަޔާލްގެ ހިތެއް ނުރުހުނެވެ.

ލޮލުގައި ގިނަވެގަތް ކަރުނަތައް ހިންދާލަމުން ލަޔާލް އޭނާގެ ބައްޕައަށް ބަލައިލީ ބައްޕަގެ ސުވާލަށް ދޭނެ ޖަވާބެއް ނިންމުމަށް ފަހުގައެވެ.

"އެންމެ ރަނގަޅު... އަހަރެން ތި ކައިވެނި ކުރާނަން..." ލަޔާލަށް ވާހަކަ ދެއްކުނީ އެތައް ހިތްވަރަކުންނެވެ.

ހިތުގައި އަޅަމުންދިޔަ ވޭނާއި އެއްވަރަށް ލަޔާލްގެ ބޮލުގައި ވެސް މަޑު ރިހުމެއް އުފެދުނެވެ. އަމިއްލަ މައިންބަފައިންނަށްޓަކައި އޭނާއަށް ވެވޭނެ އެންމެ ބޮޑު ގުރުބާނީއަކީ އެއީއެވެ. ލޯބިނުވާ މީހަކަށް ހަޔާތުގެ ލަގަން ދޫކޮށްލުމެވެ.

"މަންމަ ވަރަށް އުފާވެއްޖެ... މަންމައަށް އެނގޭ، ފިޒާލަކީ ރަނގަޅު ކުއްޖެއްކަން ކޮންމެވެސް ދުވަހަކުން ދަރިފުޅަށް އެނގޭނެކަން..." ސަކީނާގެ އަޑުގައިވީ އުފާވެރިކަމެވެ.

ސަކީނާ ބަދިގެއަށް ދިޔުމުން، ބާރީއަށް އޭނާ ބޭނުންވި ފުރުސަތު ފަހިވިއެވެ. އޭނާ އިނީ ލަޔާލާއި އެކަނި ވާހަކަ ދައްކާލަން ބޭނުންވެފައެވެ.

"ދަރިފުޅާ!... ބައްޕަ ނެތް ދުވަހަކުންވެސް ދަރިފުޅުމެން އުފަލުގަ އުޅެއްޗޭ..." ބާރީގެ ދެލޯ ފެންކަޅިވިއެވެ.

އާއިލާއާއި ދުރުގައި ކެތްކުރާނެގޮތެއް ބާރީގެ ހިތަށް ވަޒަންވެސް ނުކުރެވެއެވެ. އޭނާ ހިތުގައި ޖެހުނީ، ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި އެ ޖުމުލަ ބޭރުކުރަން ޖެހުމުންނެވެ. ކަރުނަތައް ހިންދައިލުމުގައި ބާރީ ކާމިޔާބު ހޯދި ނަމަވެސް، ލަޔާލަށް އެ މަންޒަރު ރީތިކޮށް ފެނުނެވެ. ބާރީގެ ހިތާމަ ލަޔާލަށް ސިއްރެއް ނުވިއެވެ.

"ބައްޕަ ތިއުޅެނީ ތަނަކަށް ދާންތަ؟..." ހިތް ވިރެމުންދިޔަ ހާލު، ލަޔާލް ހިތްވަރުކޮށްފައި ސުވާލު ކުރިއެވެ.

"މިރެއަށް ރަގަޅު ކެއުމެއް ތައްޔާރުކޮށްލައްޗޭ ދަރިފުޅާ... މިރޭ ފިޒާލްގެ އާއިލާ މިގެއަށް އަންނާނެ..." ބާރީ ދިނީ ލަޔާލް ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ.

ލަޔާލްގެ ސުވާލަށް ޖަވާބު ދޭން ބާރީ ކިތަންމެހާވެސް ބޭނުންވިއެވެ. އެކަމަކު، އެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ބާރީ ގަދަކަމުން ހިނިތުންވެލަމުން، ގޮނޑިން ތެދުވިއެވެ.

********

ރޭގަނޑުގެ ކެއުމަށް، ތަށިތައް މޭޒުމަތީގައި އަތުރާލައިގެން ލަޔާލް ހުރީ ސަކީނާމެން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނުވައެއްޖަހާ ބޮޑުވި އިރުވެސް އެއްވެސް މީހެއްގެ ހަބަރެއް ނުވިއެވެ. ބާރީ އާއި ސަކީނާގެ ފޯނުވެސް އޮތީ ނިވާލާފައެވެ. ލަޔާލް ހާސްވާގޮތްވިއެވެ. ފޯނު އަތަށް ލައިގެން ހުރެ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގަން ފެށިއެވެ.

ޖެހިލި ބާރު ވައިރޯޅި އާއިއެކު ކުޑަދޮރުގެ ފޮތިތައް ވަޔާއި ވިހުރެންފެށީ ލަޔާލް އެހެން ހުއްޓައެވެ. ލަޔާލް ކުޑަދޮރުގެ ކައިރިއަށް ޖެހިލައި، އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. ހަނދަށް އެޅުނު ކަޅު ވިލާގަނޑުގެ ސަބަބުން، ބޭރު ފެންނަން އޮތީ އަނދިރިކޮށެވެ. ވާރޭ ވެހެން އުޅޭ ކަމުގެ ރަތް ސިގުނަލު ދޭން ފެށިއެވެ. ހިނދެއް ހިނދަކަށް ވައި ބާރުވަމުން ދިޔައެވެ. ގުގުރާ ވިދަން ނުފެށިކަން އެއީ ލަޔާލްގެ ނަސީބެވެ. އެފަދަ ވަގުތެއްގައި އެކަނި ގޭގައި ހުންނަން ލަޔާލް ޖެހިލުންވިއެވެ.

ލަޔާލް އަވަހަށް ކުޑަދޮރުތައް ލެއްޕިއެވެ. ވާރޭ ވެހެން އުޅުނަސް، ގޭތެރޭގައިވީ އާދަޔާ ހިލާފު ހޫނުކަމެކެވެ. ލަޔާލް ގޯތިތެރެއަށް ނުކުތެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިން އޭނާގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ލުއިކަމެއް ހޯދައިދިނެވެ. އަސްކަނި ދަށުގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި ލަޔާލް އޮށޯތެވެ. ދެލޯ މަރާލުމުން، ލަޔާލްގެ ހިތަށް ސިފަވީ އަކިއަލްގެ ސޫރައެވެ. އަކިއަލްގެ ހަނދާންތައް ލަޔާލްގެ ސިކުނޑި ވަށާލިއެވެ. އެހަނދާންތައް ދުވަހަކުވެސް ލަޔާލްގެ ހިތުން ފޮހެވިގެން ދާނީ ކިހިނެއް ހެއްޔެވެ؟

"އަހަންނަށްތަ ތި އިންތިޒާރު ކުރަނީ؟..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު