ޖެންޑާގެ ބެލުމުގެ ދަށުގައި ތިބި 61 ކުދިންގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދާނެ ފަރާތެއް ހޯދަނީ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ --- ފައިލް ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 61 ކުދިންގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހަދައިދޭނެ ފަރާތެއް ހޯދަން ޖެންޑާ މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ސައިކޮލޮޖިކަލް އެސެސްމަންޓް ހަދަން ބޭނުން ވަނީ، މިނިސްޓްރީގެ ހަތް ޝެލްޓާއެއްގައި ތިބި ކުދިންގެ ކަމަށެވެ. އެއީ، ބ.އަމާންވެށި، ގދ. އެފްސީއެސްސީ، ޏ.އަމާންވެށި، ހއ.އަމާންވެށި، ހދ.އެފްސީއެސްސީ، ނ.އަމާންވެށި އަދި ށ.އެފްސީއެސްސީ އެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތު ޝީޓާ އެއްގޮތަށް އަންދާސީ ހިސާބު ތައްޔާރުކޮށް، އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފަހު ވަގުތަކީ، މި މަހުގެ 18 ވަނަ ދުވަހުގެ 11:00ގެ ކުރިންނެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އުމަރު ޒާހިރު އޮފީސް ބިލްޑިންއަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ މާރިޗު މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ، 186 އެވެ.

އޭގެ ތެރެއިން ތިން ކުދިންނަކީ މިދިޔަ މަހު އަލަށް ދައުލަތަށް ނަގާފައި ވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ދެ ކުއްޖަކު ފޮސްޓާ ކޮށް، އެއް ކުއްޖަކު އާއިލާއިން ރީއިންޓެގްރޭޓް ކޮށްފައި ވެއެވެ.

comment ކޮމެންޓް