އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން ވިހި އަހަރު ފަހުން އެއް ފްރޭމަކަށް

ނުވަދިހައިގެ އަހަރުތަކުގެތެރޭ އެންމެ ގިނަ ބަޔަކަށް އޮން ސްކްރީނުން ކަމުދިޔަ ފިލްމީ ޖޯޑު އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން ވިހި އަހަރު ފަހުން އެކީގައި އެއް ސްޓޭޖަކުން ބައްދަލުވެއްޖެއެވެ.

މިއީ ދެ ތަރިންގެ ދެމެދުގައި 90އިގެ އަހަރުތަކުގެތެރޭ އުފެދުނު ލޯބީގެ ގުޅުން ނިމުމަކަށް އައުމަށްފަހު އެކީގައި އެއް ފްރޭމަކުން ދެ ތަރިންވެސް ފެނުނު ފުރަތަމަ ފަހަރެވެ. އެހެންވެ ދެ ތަރިން އެކީގައި ސްޓޭޖްމަތިން ބައްދަލުވި ވަގުތުކޮޅަކީ ބެލުންތެރިންނަށް ވަރަށް މުހިއްމު ވަގުތުކޮޅަކަށްވެ މީޑިއާއިންވަނީ ދެ ތަރިން އެކީގައި ފެންނަ ފޮޓޯތަކާއެކު ވީޑީއޯތައް އިންޓަނެޓްގައި ދައުރުކުރަން ފަށާފައެވެ.

މިދިޔަ އާދީތަ ދުވަހުގެރޭ މުމްބާއީގައި ބޭއްވި ހިންދުސްތާން ޓައިމްސް އިންޑިއާސް މޯސްޓް ސްޓައިލިޝް އެވޯޑްގެ ދަ ސްޓައިލް ހޯލް އޮފް ފޭމްގެ އެވޯޑް އަކްޝޭއަށް އެރުވީ ބަތަލާ ރަވީނާ ޓަންޑަންއެވެ. މިއީ ދެ މީހުންގެ ދެމެދުގައި ކުރިން އޮތް ލޯބީގެ ގުޅުމާއެކު ކުރެވުނު އެންގޭޖްމެންޓް ރޫޅާލިތާ ވިހި އަހަރުފަހުން ދެތަރިން އެކީގައި އޮން ކެމެރާގަ ބައްދަލުވި ފުރަތަމަ ފަހަރެވެ.

ފިލްމު "މޮހޮރާ"އިން ގިނަ ބަޔަކަށް އަކްޝޭއާއި ރަވީނާގެ ކެމިސްޓްރީ ކަމުދިޔުމާއެކު ދެތަރިން އެކީގައި ގިނަ ފިލްމުތަކެއްގައި މަސައްކަތްކުރުމުގެ ފުރުޞަތުވެސް އޭރުވަނީ ލިބިފައެވެ.

ރަވީނާ ބޮލީވުޑް ހަންގާމާއަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އަކްޝޭއާއި ދެމީހުންނަކީ ގާތް ރަޙުމަތްތެރިންކަމުގައެވެ.

ދެ ތަރިންގެ ދެމެދުގައި އުފެދުނު ހާއްސަ ގުޅުން ނިމުމަކަށްއައިނަމަވެސް ދެ މީހުންނަކީވެސް މިހާރު ހަޔާތުގެ ބައިވެރިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ ދެމީހުންކަމުގައި ރަވީނާވަނީ ބުނެފައެވެ. އެހެންކަމުން ރުޅިވެރިކަމަށް އެއްވެސް ޖާގައެއް ނެތްކަމަށް ބަތަލާވަނީ ބުނެފައެވެ. އަކްޝޭ ކުމާރުވަނީ ކުރީގެ ބަތަލާ ޓްވިންކަލް ކަންނާއާއި ކައިވެނިކޮށްފައެވެ.

މި ކައިވެންޏަށް ދެކުދިންވަނީ ލިބިފައެވެ. ބަތަލާ ރަވީނާވެސް ވަނީ 2004ވަނަ އަހަރު ފިލްމު ޑިސްޓްރިބިއުޓަ އަނިލް ތަޑްއާނީއާ ކައިވެނިކޮށްފައެވެ. މި ކައިވެންޏަށްވެސް ދެ ކުދިންވަނީ ލިބިފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު