އެމްޓީޑީން ހުށަހެޅީ ހަމަހަމަ ވެރިކަމުގެ ނިޒާމެއް ގާއިމްކޮށްދޭން

ޖުމްހޫރީ ޕާޓީން އެމްޓީޑީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--

ޖުމްހޫރީ ޕާޓީ ވެރިކަމަށް އަތުވެއްޖެ ނަމަ އެއްވެސް ރައްޔިތަކަށް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާއި ހަމަހަމަ ކަމާ އެކު ވެރިކަންކުރެވޭނޭ ނިޒާމެއް ގާއިމް ކޮށްދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީން ޖުމްހޫރީ ޕާޓީއަށް ހުށައަޅައިފިއެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ން މިގޮތަށް ހުށައަޅާފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން ސިޔާސީ ޕާޓީތަކާ އެކު ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ އެމްޓީޑީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ޖޭޕީއާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު "ސަން"އާ ވާހަކަދައްކަވަމުން އެމްޓީޑީގެ ސީނިއާ ކައުންސިލް މެންބަރު އަބުދުލް ރަޝީދު ނާފިޒް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ އެކު ބޭއްވިގެން ދިޔައީ ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، ކުރިއަށްހުރި ބައްދަލުވުންތަކުގައި އެމްޓީޑީގެ ފަރާތުން އިތުރު ހުށައެޅުންތައް ހުށަހަޅާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ، އެމްޓީޑީއާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދެކެވުނީ، ސިލްސިލާ ބައްދަލުވުންތައް ކުރިއަށްދާނެ ގޮތަކާއި، އެ ޕާޓީގެ ހުރި ކަންބޮޑުވުންތަކާއި މި ކަމުގައި އެ ޕާޓީގެ ވިސްނުންހުރި ގޮތުގެ މައްޗަށް ކަމަށެވެ.

ކުރިއަށް ހުރި ބައްދަލުވުންތަކުގައި އިތުރު ކަންކަމާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އަމީނާއި، ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ އިތުރުން މަޖިލީހުގެ ކުރީގެ ވިލުފުށީ ދާއިރާގެ މެންބަރު އަދި މިހާރު ޖޭޕީގެ ލީޑަރު އެޑްވައިޒަރު ރިޔާޒް ރަޝީދެވެ.

އެމްޓީޑީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، އެމްޓީޑީގެ ސީނިއާ ކައުންސިލް މެންބަރު އަބުދުލް ރަޝީދު ނާފިޒާއި، ސެކެރެޓަރީ ޖެނެރަލް އަހުމަދު އަޝްރަފު (ޝުމްބާ)ގެ އިތުރުން ލީގަލް އެޑްވައިޒަރު އުސްތާޛް މުހައްމަދު ހަލީމް (ހަލީމްބާއި)އެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީއާ އެކު ކޯލިޝަން ހަދައިގެން އެކުގައި ކުރިއަށް ދިއުމަށް ގިނަ ދައުވަތުތަކެއް ޤާސިމަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޖޭޕީއަށް ދައުވަތު ދެއްވައިފައެވެ.

އެކަމަކު، ޖޭޕީން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައިފައެވެ. އެ ޕާޓީއާ އެކު މަސައްކަތް ކުރަން، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ޖުމްހޫރީ ޕާޓީން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ފަށާފައިވާއިރު، ޖޭޕީން ވަނީ، ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމާ ހަވާލުކޮށް، ޕާޓީގެ ކެމްޕެއިން ރަސްމީކޮށް ޖޫން މަހުގެ އެއްވަނަ ދުވަހު ފެށުމަށް ނިންމައިފައެވެ.

comment ކޮމެންޓް