ރާއްޖޭގެ 160 އަށް ވުރެ ގިނަ ރިސޯޓަށް ދިވެހީންގެ ހުނަރާއި މަސައްކަތްތެރިކަން ބޭނުންވާ ކަމަށާއި، އެކަމަށްޓަކައި މި ސަރުކާރުން ޒުވާނުންނަށްޓަކައި ޚާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިފްތިތާހުކޮށް، އެ ޕްރޮގްރާމުގައި ބައިވެރިވި 100 ޒުވާނުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ޝެރަޓަން މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ޒުވާނުންނަށް ކޮށްދޭ ގިނަ ކަންކަމުގެ ތެރެއިން މިއަދު އިފްތިތާހްކުރެވުނު ގައުމީ އެޕްރެންޓްސްޝިޕް ޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން އެ ޕްރޮގާރުމަގައި ބައިވެރިވި ހުރިހާ ޒުވާނުންނަކީ ގަދައަޅައި މަސައްކަތްކުރާ އަދި މާދަމާ މި ރާއްޖެ ހިންގުމާ ހަވާލުވާން ތިބި މީހުން ކަމަށް ނައިބު ރައީސް ވިދާޅުވއެިެވެ. އެހެންކަމުން އެކަމަށް ތައްޔާރުވެ، ގިނަ ކަންކަން ދަސްކުރުމަށް ނައިބު ރައީސް ވަނީ އެ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ނައިބު ރައީސް ވިދާޅުވީ ގައުމެއްގެ ކުރިއެރުން ބިނާވެފައިވަނީ އެގައުމެއްގެ ރައްޔިތުންގެ ކުރިއެރުމާ ކަމަށާއި، އެކަން ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކުން ފެނުނު ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ސިންގަޕޫރު ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ވެސް މަތީ ތައުލީމާއި ތަމްރީނުތަކުގެ ފުރުސަތު ޒުވާނުންނަށް ގިނަގިނައިން ފޯރުކޮށްދިނުން ކަމަށެވެ.
ޤައުމީ އެޕްރެންޓްސްޝިޕް ޕްރޮގްރާމަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ އެ ޕްރޮގްރާމަކީ ޒުވާނުންގެ ކުރިއެރުމަށް ނުހަނު މުހިއްމު ޕްރޮގްރާމެއް ކަމަށެވެ. އެހެންކަމުން، އެ ޕްރޮގްރާމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައި، ޕްރޮގްރާމުގެ ޒަރިއްޔާއިން ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި ޕްރޮގްރާމްތައް އިފްތިތާހުކޮށް، އެ ޒުވާނުންނަށް ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފްއެވެ.
ޤައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ވަޢުދުފުޅުގެ ދަށުން 3000 ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ތަފާތު ދާއިރާތަކުން ގިނަ ޒުވާނުންތަކެއް ތަމްރީން ކުރުމަށްޓަކައި މެރިއޮޓް އިންޓަނޭޝަނަލްގެ ހަތް ރިސޯޓް ކަމަށްވާ ޝެރަޓަން ރިސޯޓް، ފުލްމޫން އެންޑް ސްޕާ، ޑަބްލިއު މޯލްޑިވްސް، ދަވެސްޓިން މޯލްޑިވްސް، މިރިއަންދޫ ރިސޯޓް، ސްޓްރެޖިސް މޯލްޑިވްސް، ދަރިޓްޒް ކާލްޓަން، ލެމެރިޑިއެން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސްގެ އެހީތެރިކަމާއެކު 100 ޒުވާނުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތަމްރީން ހިންގޭ ދާއިރާތަކުގެ ތެރޭގައި މެއިންޓެނެންސް، ފްރޮންޓް އޮފީސް، ހައުސްކީޕިން، ލޯންޑްރީ ސާވިސް، ކޮމާޝަލް ކުކަރީ، ޕޭސްޓްރީ އެންޑް ބޭކަރީ، ފުޑް އެންޑް ބެވެރޭޖް ސާވިސަސް، ބަރިސްޓާ އަދި ލައިފް ގާޑިންގް ހިމެނެއެވެ.