އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނަނީ، ކުޑައިރު ލިޔަން ކިޔަން ދަސްކުރުމަށް ހުރި ދަތިތަކުގެ ހަނދާނެވެ. އިނގިރޭސި މާއްދާއަށް ދަށް އަދި އިނގިރޭސިން ވާހަކަދެއްކުން ފަދަ ކަންކަމާ ވީހާ ވެސް ދުރުން އުޅުނު ހަނދާނެވެ. ނަމަވެސް އޭރު ވެސް ހުންނަން ބޭނުންވީ އެންމެ އުހުގައެވެ.
ކޮންމެ ކަމަކުން ވެސް ބޭނުންވަނީ ދެވެން އޮތް އެންމެ މައްޗަށް ދާށެވެ. އެގޮތުގެ މަތިން، ކިޔެވުމުގައި ވެސް އެންމެ މަތިން ނަތީޖާ ހޯދުމަށް ބޭނުންވިއެވެ.
ތިއަރީ ޕްރީސްކޫލުން ކިޔެވުން ނިންމާލުމަށް ފަހު، ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ސާނަވީ ތައުލީމްގެ ދަތުރު ފެށީ، ކިތަންމެ ދަތިތަކެއް އޭރު ހުރި ނަމަވެސް ކިޔެވުމުގައި ކުރިއަށް ދިއުމުގެ އަޒުމުގައެވެ. މަންމަ އާއި ސްކޫލުގެ މުދައްރިސުން ދިން އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން، ގްރޭޑް ތިނަކާއި ހިސާބުން ލިޔަން ކިޔުމުގައި ހުރި ދަތިތަކަށް ނިމުން ގެނުވިއެވެ.
އޭގެ ފަހުން އަބަދު ވެސް މަސައްކަތް ކުރަނީ ކްލާހުން އެންމެ މަތީ ނަތީޖާ ގެންނަ ދަރިވަރެއްގެ ގޮތުގައި އަބަދު ވެސް ވާށެވެ. އަބަދު ވެސް ނަމޫނާއަކަށް ބެލީ ހުރިހާ ކަމެއްގައި ވެސް އެކުގައި ހުންނަ، އަބަދު ވެސް ހިތްވަރުދޭ އެއްބަނޑު އެއްބަފާ ބޭބެއެވެ.
މިއީ ގއ. އަތޮޅު ތައުލީމީ މަރުކަޒުން މަތީ ސާނަވީގައި ކިޔެވި ފަސް މާއްދާގެ ތެރެއިން ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނި ދެ މާއްދާއިން އޭ ސްޓާ ހާސިލުކުރި އުމުރުން 19 އަހަރުގެ އަހުމަދު މައޫޝް ސޮބްރީ، އޭނާގެ ތައުލީމީ ހަޔާތުގެ ސުރުހީ އަޅާލި ގޮތެވެ.

ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނުނު ދަރިވަރު، އަހުމަދު މައޫޝް ސޮބްރީ ---
މައޫޝްއަކީ ގްރޭޑް ނުވައެއްގެ ފަހު ޓާމާ ހަމައަށް ވެސް ހަމައެކަނި އިނގިރޭސި މާއްދާއިން ޓިއުޝަން ނެގި ދަރިވަރެކެވެ. ނަމަވެސް އޭނާ އެ ހުރިހާ ގްރޭޑެއްގައި ވެސް އެންމެ މަތީ ނަތީޖާ ގެންނަ ދަރިވަރުންގެ ތެރޭގައި ފާހަގަ ކޮށްލެވެއެވެ.
އޭނާއަކީ މާ ބޮޑަށް ކިޔެވުމުގައި އިތުރު ވަގުތު ވެސް ހޭދަކުރާ ކުއްޖެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި، އަބަދު ވެސް ކްލާހުގައި ކިޔަވައިދޭ ފިލާވަޅުތައް އަޑުއަހައިގެން، ދުވަހުން ދުވަހަށް ނިންމަން ޖެހޭ ފިލާވަޅުތައް ނިންމުމުގެ އިތުރުން މާ ބޮޑަކަށް ފޮތްތައް ކިޔުމުގައި އޭނާ ވަގުތު ހާދައެއް ނުކުރެއެވެ.
"ސްކޫލުގަ އަދި އެކްސްޓްރާގައި އުޅޭއިރު ވަރަށް ބޮޑަށް ދަސްވޭ، ގިނައިން ޔޫޓިއުބް އެއްޗިހިން އިތުރަށް ދަސްކުރަން އުޅެނީ. އަބަދު ނޫޅެން ފޮތް ކިޔައެއް އޯލެވެލްގައި ވެސް،" މައޫޝް ބުންޏެވެ.
ނަމަވެސް އިމްތިހާން ހަދަން ދާއިރު ކޮންމެ ވެސް ކަހަލަ އިތުބާރެއް އޭނާގެ އަމިއްލަ ނަފުސަށް އޮވެއެވެ. އެގޮތުގެ މަތީން މަސައްކަތް ކުރަމުން ގޮސް، މައޫޝް އޭނާގެ ސާނަވީ ތައުލީމް ނިންމާލީ، ހެދި އަށް މާއްދާގެ ތެރެއިން ދެ މާއްދާއިން އޭ ސްޓާ، ފަސް މާއްދާއިން އޭ އަދި އެއް މާއްދާއިން ބީ ހާސިލުކޮށްގެންނެވެ.
އެ ފަހަރު އޭނާ ހިމެނުނީ ގަދަ ދިހައެއްގެ އަށް ވަނައިގައެވެ. މި ނަތީޖާއަކީ އެހެން މީހުންނަށް ރަނގަޅު ނަތީޖާއަކަށް ވިޔަސް މައޫޝްއަށް މި ނަތީޖާވީ، ހީކުރި ވަރަށްވުރެ ވެސް ދަށް ނަތީޖާއަކަށެވެ. އަދި، އެ ނަތިޖާއާ މެދު ހިތްހަމަ ނުޖެހި ހުރެ، އޭ ލެވެލްގައި އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށް މައޫޝް ކަނޑައެޅީ، މާ ވަރުގަދަ އަޒުމެކެވެ. އެ އަޒުމަށް ވާސިލުވުމަށް، އޯލެވެލްގައި އޭނާ ކިޔެވި ގޮތް ވެސް މުޅިން ބަދަލުކުރިއެވެ.
ކުރިން އެންމެ ފަހު ވަގުތު ކިޔަވަން މަޑުކުރި ނަމަވެސް އޭލެވެލްގައި، ކޮންމެ ދުވަހަކު ވެސް ދޭ ފިލާވަޅުތައް ގަވާއިދުން އެ ދުވަހަކު ދަސްކުރުމަށް އޭނާ އާދަކުރިއެވެ.
ނޭނގޭ ފިލާވަޅުތައް އިތުރަށް އެހުމަށާއި، ކިޔަވައިދޭ ފިލާވަޅުތަކާ ގުޅިގެން އުފެދޭ ސުވާލުތައް ގަވައިދުން މުދައްރިސުންނާ ކޮށް އޮޅުންފިލުވައެވެ. ދުވާލެއްގެ މައްޗަށް ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރާއިރު، ގޭގައި ވެސް ޔޫޓިއުބުންނާއި އިންޓަނެޓުން މައުލޫމާތު ހޯދާ ދަސްކުރުމުގައި އޭނާގެ ވަގުތުތައް ހޭދަކުރިއެވެ. ނަމަވެސް އެނާގެ ވާހަކައިގެ ތެރެއިން ފާހަގަކުރި އެއް ކަމަކީ، އެއްވެސް ކަމަކަށް މާ ބޮޑަށް އޭނާ ވަގުތު ހުސްނުކުރާ ކަމެވެ.
ކޮންމެ މާއްދާއަކަށް ވެސް އެއް ވަރަކަށް ވަގުތު ބަހާލައިގެން ކުރަން ޖެހޭ އެހެން ކަންކަން ވެސް ކޮށްގެން އުޅުނުކަން އޭނާ ފާހަގަކުރިއެވެ. މައޫޝް ގަބޫލުކުރާ ގޮތުގައި ހުރިހާ ކަމެއް ވެސް އެންމެ ރަނގަޅު އަދި ފުރިހަމަ ގޮތުގައި ކުރެވޭނީ ކުރަން ޖެހޭ ކަންކަން އެންމެ ރަނގަޅު ގޮތުގައި "ބެލެންސް" ކޮށްގެންނެވެ.

ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނުނު ދަރިވަރު، އަހުމަދު މައޫޝް ސޮބްރީ ---
އެގޮތުގެ މަތީން އޭނާ މަތީ ސާނަވީ ނިންމާލީ މުޅި އާއިލާއާ ރަހުމަތްތެރިން އަދި ސްކޫލު ވެސް ފަޚުރުވެރިކޮށްދިން ނަތީޖާއަކުންނެވެ. މަތީ ސާނަވީގައި ހެދި ފަސް މާއްދާގެ ތެރެއިން ބިޒްނަސް މާއްދާގައި އޭ ސްޓާ ހާސިލުކޮށް ދުނިޔޭގެ ގަދަ ތިންވަނައިގައި ހިމެނުނެވެ. އެކައުންޓިންއިން އޭ ސްޓާ ހާސިލުކޮށް ދުނިޔޭގެ ގަދަ ހަތަރުވަނައިގައި ހިމެނުނުއިރު، އޭނާ ވަނީ އިކޮނޮމިކަސްއިން އޭސްޓާ ހާސިލުކޮށް ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނި ރާއްޖޭގެ އެއްވަނައިގައި ވެސް ހިމެނިފައެވެ. އަދި، ދިވެހި އިސްލާމުން ވެސް އޭނާ ވަނީ އޭ ސްޓާ ހާސިލުކޮށްފައެވެ.
މި ނަތީޖާ ވެގެންދިޔައީ އޭނާ އެންމެ ކުރިންސުރެ ވެސް ދުކުނު، އެންމެ "ޓޮޕް"ގައި ހުރުމަށް ދެކުނު ހުވަފެން ހަގީގަތަކަށް ހަދައިދިން ނަތީޖާއަކަށެވެ. އަދި، އަމިއްލަ ދޮންބެގެ ހިނގި މަގުން ހިނގައި، ނަމޫނާއަކަށް ބެލި ދޮންބެއަށް ވުރެ ވެސް ރަނގަޅު ނަތީޖާ ހޯދުމަށް އޭނާ ކުރި މަސައްކަތް ކާމިޔާބުވި ނަތީޖާއަކަށެވެ. އޯލެވެލްގެ ނަތީޖާއިން ހިތްވަރު ލިބި، އެއަށްވުރެ މޮޅު ނަތީޖާއެއް ހޯދުމަށް އޭނާކުރި މިންނެތް މަސައްކަތާއި އުއްމީދުތައް ވެސް ހާސިލުވި ނަތީޖާއަކަށެވެ.
މައޫޝްގެ މި ނަތީޖާ ލިބުނީ އޭނާ ކުރި ބުރަ މަސައްކަތާއި ދީނީ ކަންކަމަށް އޮތް ލޯތްބާއި، އަމިއްލަ ނަފުސަށް އޮތް އިތުބާރާއި މައިންބަފައިން ދިން ހުއްޓުމެއް ނެތް ހިތްވަރުން ކަމަށް އޭނާ ގަބޫލުކުރެއެވެ. ހާއްސަ ގޮތެއްގައި މައޫޝް އޭނާގެ މަންމަގެ ނަން މި ކާމިޔާބީގެ ފަހަތުގައި ފާހަގަކުރީ، އުފުލާއި ހިފަހެއްޓުމެއް ޝުކުރާ އެކުގައެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހިސާބަށް އޭނާއަށް ލިބުނު ކޮންމެ ކާމިޔާބީއަކާއި ކުރިއެރުމެއްގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ މީހަކީ އޭނާގެ މަންމައެވެ. މަތީ ސާނަވީން މައޫޝް ހޯދި ނަތީޖާއަކީ، މި ހުރިހާ ދުވަހު އޭނާގެ މަންމަ، އޭނާއަށްޓަކައި ވީ ގުރުބާނީ އެންމެ ކުޑަކޮށް ވެސް އަގުވަޒަން ކުރެވޭނެ ހަމައެކަނި ގޮތްކަމުގައި ޚުދު އޭނާ ވެސް ދެކެއެވެ.
މައޫޝް ހޯދި ކާމިޔާބީ އާއި، އެ ކާމިޔާބީއަށް އޭނާ ވާސިލުވުމަށް ކުރި މަސައްކަތާ މެދު، މައޫޝްގެ މަންމަ އާއިޝަތު މަންސޫދާ ވެސް އުފާކުރެއެވެ. އެ އުފާ އޭނާއަށް ބަޔާން ނުކޮށްދެވޭހާ ބޮޑުކަން މަންސޫދާ ވެސް ފާހަގަކުރިއެވެ. މައޫޝްއަކީ މަންމައަކަށް ލިބޭނެ، އެންމެ ބަސް އަހާ އަދި އެންމެ ކިޔަމަންތެރި ދަރީގެ ގޮތުގައި މަންސޫދާ އޭނާގެ ދަރި ސިފަކުރިއެވެ. އަދި، މައޫޝް ކިޔެވުމަށް މަސައްކަތްކުރި ގޮތް އެންމެ ގާތުން ދުށް މީހެއްގެ ހައިސިއްޔަތުން މަންސޫދާ ބުނީ، މައޫޝްއަކީ ވަރަށް ތަފާތު ކުއްޖެއް ކަމަށެވެ.
"އަބަދު ވެސް އެންމެ މަތީގައި، އެންމެ އުހުގަ ހުންނަން މަސައްކަތް ކުރާނީ. އަޅުގަނޑު ވެސް ބުނަން ކޮންޕެޓެޓިވް ވާން. އެކަމު އެއްވެސް ކުއްޖަކާ އެއްވެސް ވަރެއްގެ ހަސަދައެއް ނެތި،" މައޫޝްގެ މަންމަ ބުންޏެވެ.

ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނުނު ދަރިވަރު، އަހުމަދު މައޫޝް ސޮބްރީ ---
މައޫޝްގެ މަންމަ މަންސޫދާ އަކީ ވެސް ޓީޗަރެއްކެވެ. އަދި، އޭނާ މަތީ ސާނަވީ ހާސިލުކުރިއިރު އިސްލާމް ޓީޗަރަކަށް ވެސް ހުރީ މަންސޫދާއެވެ. އެންމެ ފުރަތަމަ މައުޝްގެ މަތީ ސާނަވީގެ ނަތީޖާ ފެނުނު މީހަކީ ވެސް މަންސޫދާއެވެ. އެހެންވެ، މައޫޝްގެ ހުރިހާ ކަމެއް އެންމެ ގާތުން ތަޖުރިބާ ކުރި މީހާގެ ހައިސިއްޔަތުން މައޫޝްގެ މަތީ ސާނަވީ ނަތީޖާ، އޭނާގެ މަންމަ ފާހަގަކުރީ ލިބުނު ފަޚުރެއްގެ ގޮތުގައެވެ.
އިމްތިހާނުގެ ނަތީޖާ ފެނުމާ އެކު މަންސޫދާގެ ލޮލުން ފޭދުނު ކަރުނައަކީ އޭގެ ހެއްކެކެވެ.
"މަންމަގެ ހައިސިއްޔަތުން ވަރަށް އުފާވޭ. މުދައްރިސެއްގެ ހައިސިއްޔަތުން އެހާމެ އުފާވޭ. އަބަދު ވެސް މައޫޝްއަށް އެދެނީ ކާމިޔާބީއަށް. ދެވެން އޮތް އެންމެ ކުރިއަކަށް އަބަދު ވެސް ދިއުމަށް. މަންމަގެ ފަރާތުން ހުރިހާ އެއްބާރުލުމެއް އަބަދު ވެސް ދޭނަން،" މަންސޫދާ ބުންޏެވެ.
މައޫޝްގެ ތައުލީމީ ހަޔާތުގައި މާޔޫސްކުރުވަނިވި ވަގުތުތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. ހިތްވަރު އެލި، ލިބުނު ނަތީޖާއާ މެދު އަމިއްލަ ނަފުސު އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭކަން އިހުސާސުވާ ކިތަންމެ ފަހަރެއް ދިޔައެވެ. ނަމަވެސް އެ ވަގުތު އެންމެ ކައިރީގައި ހިތްވަރުދޭން ހުންނަ މައޫޝްގެ ބައްޕަގެ، ނިޔަނެތި ބަސްތަކުން ދޭ ހިތްވަރަކީ، އޭނާ މިއަދު ހޯދި ނަތީޖާއަށް ވާސިލުވެވުނު ބޮޑު ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
އެންމެ ކުރިން ފެށިގެން މިއަދާ ހިސާބަށް ހިތްވަރު ދިނުމުގައި ދެމިހުރި އެ ބައްޕަގެ ނަން މައޫޝްގެ ހަޔާތުގައި ލިބުނު ކާމިޔާބީގެ ފަހަތުގައި ތިބި މީހުންގެ ލިސްޓުގައި ފާހަގަކުރީ އެކަން ފާހަގަކުރަމުންނެވެ. މިއަދު މައޫޝް އެ ހޯދި މޮޅު ނަތީޖާއާ މެދު އެ ބައްޕަ ވެސް ހުރީ އުފަލުން ރޮވިފައެވެ.
"އަޅުގަނޑުގެ ދަރީންގެ ހުންނަނީ ނަމޫނާ މަންމައެއް. އަބަދު ވެސް ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމަށް ނަސޭހަތް ދެނީ. އެކަމު އަބަދު ވެސް ބުނަން، މާޔޫސްވާ ވަގުތާއި، ފައިލްވާ ވަގުތު އަންނާނޭ. މޮޅެތި ކުދިންނަކީ އަބަދު ވެސް ވެއްޓުނީމަ ކޮޅަށް ތެދުވާ ކުދިންނޭ. އެހެންވީމަ މި ފަހަރު މައޫޝް ހޯދި ކާމިޔާބީއަށް ވަރަށް ވެސް ބޮޑަށް އުފާކުރަން،" މައޫޝްގެ ބައްޕަ ހުސައިން ސޮބްރީ ބުންޏެވެ.

ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނުނު ދަރިވަރު، އަހުމަދު މައޫޝް ސޮބްރީ އޭނާގެ އާއިލާއާ އެކު ---
މައޫޝް ހޯދި މޮޅު ނަތީޖާ ހޯދުމަށް އެންމެ ބޮދު ދައުރެއް އަދާކުރި ބަޔަކީ އޭނާގެ މައިންބަފައިން ކަމުގައި ވިޔަސް، މައޫޝްގެ ދޮންބެ އަކީ، އޭނާގެ "އިންސްޕިރޭޝަން"އެވެ. އަދި، މައޫޝްގެ ދޮންބެއަށް ވުރެ މޮޅަށް ކިޔެވުމަށް އޮންނަ އަޒުމަކީ މިއަދު މައޫޝް އެ ހުރި ހިސާބުގައި ހުންނަން އެހީވެދިން މުހިއްމު ސަބަބެކެވެ. އެކަން އޭނާގެ ދޮންބެ ވެސް ފާހަގަކުރެއެވެ.
"އެންމެ ކުރިންސުރެ ވެސް ކޮމްޕެޓިޝަން އިންނާނެ. ވަރަށް މަޖާ ވެސް ކުރަން. ދޭތެރެއަކުން ކިޔެވުމުގެ އެކި ކަންކަމުގަ ކޮމެޕެޓެޓިވް ވާހަކަ ވެސް ދައްކާނެ. އެކަމު ދުވަހަކު ވެސް ނެގެޓިވް ކޮށެއްނޫން. ވަރަށް ހެލްތީކޮށް ސްޓްރޯންގް ބޮންޑެއް އިންނަނީ. އަބަދު ވެސް އިނގޭ މައޫޝްއަކީ މޮޅު ކުއްޖެއްކަން. އައިކިއު ހައި އަބަދު ވެސް އޭނަ ދާން ބޭނުންވާ ހިސާބަށް ދިއުމުގެ ގާބިލުކުރަން ހުރި ކުއްޖެއްކަން،" މައޫޝްގެ ދޮންބެ، މުހައްމަދު މާހިން ސޮބްރީ ބުންޏެވެ.
މާހިން އަކީ އަބަދު ވެސް ކިޔެވުމުގައި އޭނާއަށް މަގު ދައްކައިދޭން ހުންނަ މީހާއެވެ. މާހިން ހާސިލުކުރި މޮޅު ނަތީޖާއަކީ، އަބަދު ވެސް އެންމެ އުހުގައި ފައިތިލަ ސާބިތުކުރުމަށް މައޫޝް ބޭނުންވި އެންމެ ބޮޑު ސަބަބު ވެސްމެއެވެ. އެ ހުރިހާ ދުވަސްތަކެއްގެ މަސައްކަތަށް ފަހު، މައޫޝް ހޯދި ނަތީޖާގެ ސަބަބުން އެންމެ ފުރަތަމަ މާހިންއަށް ކުރެވުނު އިހްސާސް، އޭނާ ކޮންމެ ވެސް ވަރަކަށް ސިފަކޮށްދިނެވެ.
"އެންމެ ފުރަތަމަ ވެސް މަންމަ ގުޅީ. ރޮވުނު ނަތީޖާ އިނގުނީމައި، އުފާވެ. އެ ކާމިޔާބީއަކީ އޭނާއަށް ވެސް އަދި މުޅި ފެމިލީއަށް ވެސް މުހިއްމު އަދި ބޮޑު ކާމިޔާބެއް،" މާހިން ބުންޏެވެ.
މައޫޝްގެ ނަތީޖާއާ މެދު ކުރާ އުފާ ކިތަންމެ ބޮޑު ނަމަވެސް، މާހިން އޭނާގެ ކޮއްކޮ މައޫޝްއަށް ދޭން ބޭނުންވާ ނަސޭހަތެއް ވެސް އެބައޮތެވެ. އެއީ މި ލިބުނު ކާމިޔާބީއަކީ ހަމައެކަނި ފެށުމެއް ކަމެވެ. އަދި، މި ހިސާބުން ނިންމައި ނުލައި، ދެވުނު އެންމެ ކުރިއަކަށް ދިއުމަށް އަބަދު ވެސް މަސައްކަތް ކުރުމަށެވެ. އޭގެން ކޮންމެ ވަގުތަކީ ވެސް، މައޫޝްގެ ދޮންބެގެ ސަޕޯޓު އޭނާއަށް ލިބޭނެ ވަގުތެއް ކަމެވެ.

ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނުނު ދަރިވަރު، އަހުމަދު މައޫޝް ސޮބްރީ އޭނާގެ ދޮންބެއާއެކު---
މަތީ ސާނަވީގެ ހުރިހާ މާއްދާއަކުން ވެސް މައޫޝް ގެނައީ މޮޅު ނަތީޖާއެކެވެ. ވަކިން ހާއްސަކޮށް ދުނިޔޭގެ ގަދަ ފަހެއްގައި އޭނާ ހިމެނުނު ތިން މާއްދާއަކީ އޭނާއަށް ހާއްސަ ތިން މާއްދާއެވެ. އެއީ އިކޮނޮމިކްސް އާއި ބިސްނަސްއިން އެ ވަރުގެ ނަތީޖާއެއް ލިބޭ ވަރަށް މަސައްކަތްކުރި ކަމަށް އޭނާ ގަބޫލުކޮށް، އެފަދަ ނަތީޖާއަކަށް އުއްމީދުކޮށްގެން ހުއްޓާ ލިބުނު ނަތީޖާއަކަށް ވާތީއެވެ. އަދި، އެކައުންޓިންއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނުމަކީ އޭނާ އެއްވެސް ވަރަކަށް ވިސްނުމުގައި ވެސް ބެހެއްޓި ކަމަކަށް ނުވާތީއެވެ.
މި ލިބުނު ނަތީޖާގައި މައޫޝް އޭނާގެ މުދައްރިސުން ކޮށްދިން މަސައްކަތާއި، ދިން އެއްބާރުލުން ފާހަގަކުރީ ޝަކުރާ އެކުއެވެ. އެއީ، އެ މުދައްރިސުންގެ އެއްބާރުލުމާ ނުލައި، މި ނަތީޖާ ގެނައުމަކީ އުނދަގޫކަމެއް ކަމަށް އޭނާ ގަބޫލުކުރާތީއެވެ. މައޫޝް ދެކޭ ގޮތުގައި، އޭނާއަށް ކިޔަވައިދިން ހުރިހާ މުދައްރިސުންނަކީ ވެސް މޮޅު އަދި އެހާމަ ކަމަށް ގާބިލު މީހުންނެވެ. މަތީ ސާނަވީގައި މައޫޝް ހޯދި ކާމިޔާބީ އޭނާގެ މުދައްރިސުން ސިފަކުރަނީ އެ މީހުންނަށް ވެސް ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.
"10 ވަރަކަށް އަހަރު ކިޔެވުމުގައި ހޭދަވީއިރު، އަހަރެންގެ އެއްވެސް ކުއްޖަކު މިހާތަނަށް ނެތް އެ ވަރުގެ ކާމިޔާބީއެއް ހޯދާފައި. އެހެންވީމަ މައޫޝް އިކޮނޮމިކްސް އެ ގެނައި ނަތީޖާއަކީ އަހަރެންގެ ކެރިއަރުގައި ވެސް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއަކަށް ވެގެންދާނެ. އެ ކަމަށް މައޫޝްއަށް ޝުކުރު އަދާކުރަން ބޭނުން،" އޭލެވެލްގައި މައޫޝްގެ އިކޮނޮމިކްސް ޓީޗަރު ކިރަން ޖޯނީ ބުންޏެވެ.
ކިޔެވުމުގައި މައޫޝް ގެންގުޅުނު އުސޫލުތަކަކީ، އޭނާއަށް ލިބުނު ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރި ކަންކަން ކަމުގައި އޭނާގެ މުދައްރިސުން ދެކެއެވެ. އެ މީހުން ފާހަގަކުރާ ގޮތުގައި މައޫޝްއަކީ، އަބަދު ވެސް ފިލާވަޅެއްގެ ބޭނުން ދަސްކުރަން މަސައްކަތްކުރާ ދަރިވަރެކެވެ. އަދި، އޭގެ ބޭރުން އިތުރު ސުވާލުކޮށް، ކަންކަން އިތުރަށް އެނގުމަށް މަސައްކަތްކުރާ ދަރިވަރެކެވެ.
"މައޫޝްއަކީ ވަރަށް ބަސް ހާޑް ވޯކިން އަދި އޮބީޑިއެންޓް ދަރިވަރެއް. އަބަދު ވެސް ސުވާލުކުރާނެ. އެކަން އެގޮތަށް ކުރީމަ، އަހަރެންނަށް ވެސް އިތުރަށް މައުލޫމާތު ހޯދާ ލިބިގަންނަން މަސައްކަތް ކުރެވޭ. އެއީ، އޭނަ އަހާ ސުވާލުތަކުގެ ޖަވާބު ދޭން ބޭނުންވާތީ. އެހެންވީމަ ވަރަށް ވިސްނުންތެރި ސިކުނޑިއަކުން ވިސްނާ މޮޅު ދަރިވަރެއް މައޫޝްއަކީ،" މައޫޝްގެ ބިޒްނަސް ޓީޗަރު ރަވީން ކުމާރު ބުންޏެވެ.
ކިޔެވުމުގެ އިތުރުން މައޫޝްއަކީ އިތުރު ބައިވަރު ހަރަކާތްތަކުގައި އިސް ނަގައިގެން މަސައްކަތްކުރާ ކުއްޖެކެވެ. އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ ޤުރުއާން ހުރިހާ މުބާރާތެއްގައި ބައިވެރިވެ ހޯދާ ވަނަތަކެވެ. ރަށު ޤުރުޢާން މުބާރާތްތަކުގައާއި އަތޮޅު މުބާރާތްތަކުގައި އޭނާ ވަނީ ރަންވަނަ ތަކެއް ހާސިލުކޮށްފައެވެ. އަދި، ގައުމީ މުބާރާތްތަކުގައި ބައިވެރިވެގެން ވަނަ ނުލިބުނު ނަމަވެސް އެފަދަ ގިނަ މުބާރާތްތަކެއްގައި ވެސް މައޫޝްވަނީ ބައިވެރިވެފައެވެ.
ހުސްގަޑިތަކުގައި މައޫޝް އަކީ ފޮޓޯ ނަގާ ހިތްވާ ކުއްޖެކެވެ. އޭނާ އެކަން ކުރަނީ "ހޮބީ"އެއްގެ ގޮތުގައެވެ. ނަމަވެސް ދިރިއުޅުމުގައި އިހުތިޔާރު ކުރާނެ ދާއިރާއެއްގެ ގޮތުގައި އޭނާ އެކަން ނުދެކެއެވެ. ކިޔެވުމުގެ ދާއިރާގެ އިތުރުން މައޫޝް ކުރާ މިފަދަ ކަންކަމުން ވެސް ދައްކުވައިދެނީ އޭނާގެ ހުނަރުވެރިކަމާއި މޮޅު ކަމެވެ.

ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނުނު ދަރިވަރު، އަހުމަދު މައޫޝް ސޮބްރީ ---
އޭލެވެލް އިމްތިހާނުން މައޫޝް ހާސިލުކުރި ނަތީޖާއަކީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ތާރީޚުގައި ވެސް ލިޔެވޭނެ ފުރިހަމަ ނަތީޖާއެކެވެ. އެ ނަތީޖާ އޭނާއަށް ހާސިލުކުރެވުމާ ހިސާބަށް އޭނާއަށް ދަސްވި ބައިވަރު ފިލާވަޅުތައް މައޫޝް ވަނީ ހިއްސާކޮށްފައެވެ.
އެއީ، ފެއިލްވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ކުރިއަށް ދެވޭނީ ފައިލްވެ، މާޔޫސްވާ ކަންކަމައި ވެސް ކުރިމަތިވެގެން ކަމަށެވެ. އަދި، ދަށް ނަތީޖާއެއް ލިބުމަކީ، ހިތްވަރު އެލި، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލުވާލަންވި ސަބަބެއް ނޫން ކަމެވެ. ކާމިޔާބު ވާނީ ފައިލިޔާއާ އެކު ވެސް ކުރިއަށް ދިއުމަށް މަސައްކަތްކުރާ މީހުންނަށް ކަމެވެ.
ފާހަގަކޮށްލެވޭ މި ނަތީޖާއާ އެކު މައޫޝްގެ މުސްތަގުބަލަށް އޭނާ ކުރާ އުއްމީދުތައް އަދި މާ ބޮޑެވެ. އޭނާ މިހާރު އަޒުމު ކަނޑައަޅައިގެން ހުރީ ޗާޓާޑް އެކައުންޓިން ދާއިރާގެ ދާއިރާއިން ދެވޭ އެންމެ ކުރިއަކަށް ދިއުމަށެވެ. އޭނާ ނަގާ ކޮންމެ ފިޔަވަޅަކީ އަބަދު ވެސް ކާމިޔާބީއާ ގާތަށް އެޅޭ ފިޔަވަޅަކަށް ހަދަން އޭނާ ބޭނުންވެއެވެ. މިއަދު މި ހޯދި ފުރިހަމަ ނަތީޖާއަކީ، މުސްތަގުބަލުގައި ހާސިލުކުރަން ހުރި ލަނޑުދަނޑިތަކަށް ވާސިލުވުމަށް އަބަދު ވެސް ހަނދާންކޮށްދޭ އެއްޗެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.
އޭލެވެލްގައި ހޯދި ނަތީޖާއިން، މައިންބަފައިންނާއި އާއިލާ އަދި މުޅި ސްކޫލާއި ރަށް ފަޚުރުވެރިކޮށްދިން، މައޫޝްގެ އަޒުމަކީ ކުރިއަށް އޮތް ތަނުގައި ވެސް، އެފަދަ ކުއްޖެއްގެ ގޮތުގައި ދެމިހުރުމެވެ. ކިޔެވުމުގައި ކުރިއަށްދާން ބޭނުންވާ ކޮންމެ ކުއްޖަކަށް ވެސް އަޚުލާގާއި ހުލުގުގެ ގޮތުން ބެލި ނަމަވެސް ފުރިހަމަ ނަމޫނާ މިސާލަކަށް ވުމެވެ.