ޕްރީ އޯޑަރު ނަގައިގެން ވެމްކޯއިން ގޭގެއަށް ޑެލިވާ ކޮށްދެމުން ދިޔަ ބިން ލައިނާގެ ޑެލިވަރީ ހުއްޓާލަން އެ ކުންފުނިން މިއަދު ނިންމައިފިއެވެ.
ވެމްކޯއިން މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފެށި ޚިދުމަތް ހުއްޓާލަނީ ބުދަ ދުވަހުން ފެށިގެންނެވެ. އެހެން ނަމަވެސް، އެކަން ކުރަން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ބިން ލައިނާ ވިއްކުން ހުއްޓާލަން ވެމްކޯއިން ނިންމާފައިމިވަނީ އެ ޚިދުމަތާ މެދު ކަސްޓަމަރުންގެ ޝަކުވާ ބޮޑުވެފައިވާ ވަނިކޮށެވެ.
ކަސްޓަމަރުން ޝަކުވާ ކުރީ އެ ކުންފުނިން ބިން ލައިނާ ޕްރީ އޯޑަރަށް ޑެލިވާ ކޮށްދޭން ފެށިއިރު، ޕްރީއޯޑަރަށް މަދުވެގެން 24 ބޮނޑި އޯޑަރު ކުރަން ޖެހުމުންނެވެ. މި އަދަދަށް ޕްރީއޯޑާ ކުރާނަމަ އެންމެ ކުދި ސައިޒުގެ ކޮތަޅު ގަންނަން މަދުވެގެން 840 ރުފިޔާ ޚަރަދު ކުރަން ޖެހެއެވެ.
ވެމްކޯއިން މި ޚިދުމަތް ހުއްޓާލި ކަމުގައިވީ ނަމަވެސް އަމިއްލަ ވިޔަފާރިތަކުން ވެމްކޯގެ ކޮތަޅު ވިއްކުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.
އެގޮތުން، މާލެ ސަރަހައްދުގެ ނުވަ ފިހާރައަކުން މިހާރު ބިން ލައިނާ ގަންނަން ލިބޭނެއެވެ. އެއީ މާލޭގެ ހަތް ފިހާރައަކާއި، ހުޅުމާލޭގެ އެއް ފިހާރައިގެ އިތުރުން ވިލިމާލެ ފިހާރައަކުންނެވެ. އޭގެ އިތުރުން ވެމްކޯގެ ފްރޮންޓް އޮފީސްތަކުން ވެސް ބިން ލައިނާ ގަންނަން ލިބޭނެއެވެ.
ވެމްކޯއިން ވިއްކަނީ ކަޅާއި ފެހި ކުލައިގެ ބިން ލައިނާއެވެ. އެ ކުންފުނިން ވިއްކަނީ ލާޖު ސައިޒުގެ 100 ބިންލައިނާ 35 ރުފިޔާއަށެވެ. އަދި ޑަބަލް އެކްސް ލާޖު ސައިޒުގެ 100 ބިންލައިނާ 165 ރުފިޔާއަށް ވިއްކާއިރު ޓްރިޕަލް އެކްސް ލާޖު ސައިޒުގެ 50 ބިންލައިނާ ވިއްކާނީ 165 ރުފިޔާއަށެވެ.
ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ފެށި ނަމަވެސް ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"އިން ދެ ރުފިޔާގެ ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. ވެމްކޯއިން ވަނީ އެ ކޮތަޅުތައް ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.