ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުން ލަސްވެ ކަންބޮޑުވެއްޖެ

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކުރިން ކުޅުނު މެޗަކަށް ޕްރެކްޓިސް ކުރަނީ --- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ކޮންމެ މަހަކު ވެސް ދޭ މުސާރަދިނުން ލަސްވެ އެ ކުޅުންތެރިން ކަންބޮޑުވެއްޖެއެވެ.

މީގެ ކުރިން ކޮންމެ މަހަކު ވެސް، ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއެކު ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ ވެސް ޖަމާވެއެވެ.

އެހެން ނަމަވެސް، މި މަހުގެ މުސާރަ އަދިވެސް ޖަމާވެފައިނުވާތީ އެކަމުގެ ކަންބޮޑުވުން ކުޅުންތެރިންގެ މެދުގައި އެބައޮތެވެ.

މިހާރު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ޖަމާކޮށްދެނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުންނެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މުސާރަތައް ޖަމާވުން ލަސްވެފައިވަނީ ބަޖެޓުގެ ދަތިކަމަކާ ހުރެ ކަމަށެވެ. ނަމަވެސް، ވަރަށް އަވަހަށް މުސާރަ ޖަމާވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ މަގުބޫލު ދެ ކުޅިވަރު، ފުޓުބޯޅަ އާއި ވޮލީއަށް ވެސް އަދި މުސާރަ ޖަމާވެފައެއް ނުވެއެވެ. އަދި އެހެން ވެސް ބައެއް ކުޅިވަރުތަކުގެ ގައުމީ ޓީމުތަކަށް މުސާރަ ޖަމާވެފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ބޮޑުބައެއް ހުސްވެ، ބަޖެޓު އިތުރުކޮށްދިނުމަށް އެދި އެ މިނިސްޓްރީން ރައީސް އޮފީހުގައި ވެސް ވަނީ އެދިފައެވެ. ބަޖެޓު ހުސްވީ، ސްޕޯޓްސް އެވޯޑަށް ކުރި ބޮޑު ޚަރަދާއި ޕްރޮޖެކްޓުތަކުގެ ގިނަ ޕޭމަންޓުތަކެއް ނިންމުމުން ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް