ތަމްރީން ޕްރޮގްރާމެއްގައި 50 ސިވިލް ސާވެންޓުން އިންޑިއާއަށް

ސިވިލް ސާވިސްގެ 1،000 މުވައްޒިފުންނަށް ތަމްރީން ދިނުމަށް ދެ ގައުމުން ވަނީ އެއްބަސްވެފަ--- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން

ދިވެހި ސިވިލް ސާވަންޓުންގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ތަމްރީން ދަތުރެއްގައި 50 ސިވިލް ސާވަންޓުން އިންޑިއާއަށް ފުރައިފިއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ސިވިލް ސާވަންޓުން އިންޑިޔާއަށް ފުރާފައިވާއިރު ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އަދި ދެވަނަ ގްރޫޕް ފުރާފައިވަނީ އިއްޔެއެވެ.

'ސަން'އާ ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވީ ދެ ހަފުތާގެ އެ ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ދާނީ މާދަމާއިން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮގްރާމުގައި އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިގުތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކިއެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނޭނެއެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ސިވިލް ސާވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރާގޮތަށެވެ.

ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމަކީ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރު ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ހުކުރު ދުވަހު ފުރާފައިވަނީ އެ އެ ހަރަކާތުގެ ދަށުން ތަމްރީނު ކުރާ 22 ވަނަ ބެޗެވެ. އިއްޔެ ފުރީ 23 ވަނަ ބެޗެވެ.

ނާސިޙް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މިހާރު 600 އަށް ވުރެ ގިނަ މީހުން ތަމްރީނު ކުރެވިފައިވާ ކަމަށެވެ. މި ސަރުކާރުގެ ފަސް އަހަރު ނިމުމުގެ ކުރިން ސިވިލް ސާވިސްގެ 1،000 މުވައްޒަފުންނަށް ތަމްރީން ދިނުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް