ނުދާނޭ ތި ހަނދާން ފިލާ... 05

"ވަރަށް ރަގަޅު..." ސަކީނާގެ ގާތްކަމުން ފިޒާލަށް ލިބުނީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ.

********

"ފިޒާލުދޯ ކިޔަނީ؟..." ސަކީނާ ސުވާލުކުރުމުން، ފިޒާލް ބޯ ޖަހައިލިއެވެ. "އަހަރެންގެ ލަޔާލަށްވުރެ ފިޒާލު ދޮށީތަ؟..."

"މަންމާ..." ސަކީނާ އުޅެންފެށި ގޮތަކުން ލަޔާލްގެ ސިކުނޑި ސުމަކަށް ދިޔައެވެ. "މަންމަ އިހަށް ދޭބަލަ... ތިހެން އުޅުނީމަ މީހުން ލަދުގަންނާނެއޭ..."

ލަޔާލް ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް ފިޒާލަށް އެ އަޑު އިވުނެވެ. އޭނާ އިނީ އިތުރު ވާހަކައެއް ދައްކަން ނުކެރިފައެވެ.

"ދެކުދިން ވާހަކަ ދައްކާލަން ތިބެލާ... މަންމަ މިދަނީ އެތެރެއަށް..." ސަކީނާ އެތަނުން ދިޔުމަށް ހިނގައިގަތީ، ލަޔާލް ލޯ އަޅައިލުމުންނެވެ.

ސަކީނާގެ ބޭނުމަކީ ކޮބައިކަން ލަޔާލަށް އެނގެއެވެ. އެކަން ފިޒާލަށްވެސް ވިސްނޭނެކަން އޭނާއަށް އެނގެއެވެ. ލަޔާލް އިނީ ފިޒާލާއި ހަތަރުކަޅި ހަމަކުރަންވެސް އުނދަގޫވެފައެވެ.

"ސޮރީ... މަންމަ އުޅޭނީ އެހެން..." ލަޔާލް މައާފަށް އެދުނެވެ.

"އެއީ އެވަރުގެ ކަމެއް ނޫން... އަހަރެންގެ މަންމަވެސް ވަކި ތަފާތެއް ނުވާނެ..." ފިޒާލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.

ފިޒާލާއި ދިމާއަށް ބަލަން ލަޔާލަށް އިނދެވުނެވެ. ފިޒާލް ހިނިތުންވެލާއިރު، އަކިއަލްއާއި ވައްތަރު ގޮތެއް ހުރެއެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟ ފިޒާލް ލައިގެން އިން ގަމީސް ފެނުމުންވެސް ލަޔާލް ހަނދާންވީ އަކިއަލްގެ މަތިންނެވެ. އަކިއަލް އަބަދުވެސް ލައިގެން ހުންނަނީ އަތްދިގު ގަމީހެވެ. އަތުކުރި އޮންނަނީ އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައެވެ.

"ތިކަހަލަ ގަމީސް ލީމަ ފިޒާލްއާ ވަރަށް ގުޅޭ..." ލަޔާލްގެ އަނގައިން އެ ޖުމުލަ ބޭރުވީ އޭނާގެ އިހުތިޔާރަކު ނޫނެވެ.

ލަޔާލްގެ ހިތުގައި އޮތީ އަކިއަލްގެ ނަން ނަމަވެސް ދުލުން ބޭރުވީ، ފިޒާލްގެ ނަމެވެ. ބުނެވުނު އެއްޗެއް ރޭކާލުމުން ލަޔާލް ހަމަ ރަނގަޅަށްވެސް ރަކިވިއެވެ. ސަކީނާއަށް އެ އަޑު އިވުނުނަމަ، ދުވަހަކު އެވާހަކަ ނުހުއްޓީހެވެ. މަންމަ ފެންނަން ހުރިތޯ ލަޔާލަށް ހޯދައިލެވުނީ އެހެންވެއެވެ.

"ހާދަ އުފާވެއްޖެއޭ ލަޔާ ތިހެން ބުނީމަ... ދެން އެހެންވީމަ، މިއަދުން ފެށިގެން މިކަހަލަ އަތްދިގު ގަމީހަށް ބަދަލުކޮށްލަންވީތާ..." ފިޒާލްގެ މޫނުން ފެނުނީ އުފާވެރިކަމެވެ.

"ސޮރީ..." ލަޔާލް އިނީ ލަދުގަނެފައެވެ.

ހިލޭ ފިރިހެނަކަށް، ހާއްސަކޮށް ފިޒާލަށް ތައުރީފު ކުރެވުނީތީ، ލަޔާލްއަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ.

"ދެން އަނެއްކާ ނުބުނައްޗޭ އިދިކޮޅަށޭ ތި ބުނީ.... އޭރުން ވަރަށް ދެރަވާނެ..." ފިޒާލް ލާނެތް ރާގަކަށް ބުންޏެވެ.

"އަހަރެން ހީކުރީ އޮފީސް ކަމަކު ކަމަށް ތިއައީ..." ލަޔާލް މައުޟޫއު ބަދަލުކޮށްލިއެވެ.

"ނޫނޭ... މިހެން ދިޔައިރު ދޮރާށި ހުޅުވާފަ ހުއްޓާ ފެނުނީމަ ބަލާލީ... ލަޔާ މާ ފުން ވިސްނުމެއްގަ އިނީމަ ހިތަށް އެރީ ވާހަކަ ދައްކާލަން މަޑުކޮށްލާނީއޭ..." ފިޒާލް ވީގޮތް ކިޔައިދިނެވެ.

ހަގީގަތް އޮތީ ފިޒާލްގެ ހިތުގައި ކަފުންކޮށްފައެވެ. ލަޔާލް ދެރަވެފައި އިންދާ ފެނުމުން، އެ މަންޒަރު ނުފެންނަ ކަމަށް ހަދައިލަން ފިޒާލަށް އުނދަގޫވީއެވެ. އޭނާ ބޭނުންވީ، ކޮންމެވެސް ވާހަކައެއް ދައްކައިގެން ލަޔާލް ހެއްވާލާށެވެ. އެކަނިވެރިކަމާއި، ނުތަނަވަސްކަން ފިލުވައިދޭށެވެ. އެކަން ކާމިޔާބު ވިއެވެ.

"ލަޔާ ބަލީތަ؟..." ލަޔާލްގެ މިލާފައިވާ މޫނު ފެނުމުން ފިޒާލްގެ ހިތަށް އުނދަގޫވިއެވެ.

"ބައްޔެއް ނޫން... ކިހިނެއްވީ؟..." މޫނުމަތީގައާއި، އިސްތަށިގަނޑުގައި އަތް ކާއްތާލަމުން ލަޔާލް ބުނެލިއެވެ.

"ލަޔާ ތި އިންގޮތުން ހީވީ..." ފިޒާލް ބުނެލިއެވެ. "ނައުއްޓެ ބުނި ރޭގަ ލަޔާ ދެކުނު ބީޗާ ދިމާއަށް ދަނިކޮށް ފެނުނު ވާހަކަ..."

"އޭނ..." ލަޔާލް ދިޔައީ ސިއްސައިގެންނެވެ.

"ދުވަހަކުވެސް އެކަހަލަ ތާކަށް ނުދާ ކުއްޖަކު ރޭގަނޑު އެދިމާއަށް ދިޔަ ވާހަކަ ބުނީމަ އެކަކުވެސް ގަބޫލެއް ނުކުރި... ނުކުރާނެއެއްނު... އޮފީހުން ގެއަށް ނޫން ތާކަށް ލަޔާ ނުދޭވިއްޔަ..." ފިޒާލް އިނީ ލަޔާލްގެ މޫނަށް ބަލަހައްޓައިގެންނެވެ.

"މިހާރު ދެރަވޭ ނުދެވުނީމަ..." ލަޔާލް އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. "ތުނޑި އެއީ ހާދަ ހިތްގައިމު ތަނެކޭ... ހާއްސަކޮށް ހުދު ފަސްގަނޑު... ހަނދުވަރުގެ އަލީގަ ވަކިން ރީތި... ރަށުގަ އެހާ ބޮޑު ތުނޑިއެއް އޮންނަކަމެއް ނުވެސް އެނގޭ މީގެ ކުރިން..."

"ތުނޑިއެކޭ؟..." ފިޒާލްގެ މޫނުން ފެނުނީ ހައިރާންކަމެވެ.

ލަޔާލް ދެއްކި ވާހަކައިން ނަގަންވީ މާނައެއް ނޭނގިފައި ފިޒާލް އިނެވެ. އެއީ ރަށުގައި ތުނޑިއެއް ނޯންނާތީ ލަޔާލް ކުރި ސަމާސާއެއް ހެއްޔެވެ؟ އެކަމަކު، އެވަރުގެ ސަމާސާއެއް ކުރަންވީ ކީއްވެ ހެއްޔެވެ؟

"ލަޔާ ރޭގަ ޖެހިގެން އޮތް ފަޅު ރަށަށް ގޮއްސަތަ ތިއައީ؟... މިރަށުގަ ތުނޑިއެއް ކީއްކުރަން، ތިބުނާ ކަހަލަ ރީތި ފަސްގަނޑެއްވެސް ނޯވޭ..." ފިޒާލް ސަމާސާކޮށްލިއެވެ.

"އެކަމަކު...." ލަޔާލްގެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. ހަމަ އެހާ އަވަހަށް އޭނާ ހަމަޖެހިލީ ފިޒާލް ސަމާސާ ކުރަނީކަމަށް ނިންމާފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަކިއަލް އާއިއެކު ލަޔާލް ދިޔައީ ރަށުގެ ތުނޑިއަށެވެ. ތުނޑީގެ ހިތްގައިމު މަންޒަރު ލަޔާލަށް ފެނުނީ އޭނާ ހަމަހޭގައި ހުއްޓައެވެ.

"މިދަނީ އަސްލު ބޮޑުދައިތަމެން ގެއަށް ވަދެލަން... މިހެން ދަމުން ލަޔާ ފެނުނީމަ މި މަޑުކޮށްލީ..." ފިޒާލް ބުންޏެވެ.

ކުޑަދޮރުން ބޭރު ބަލަން ސަކީނާ ހުއްޓެވެ. ލަޔާލާއި ފިޒާލްގެ ހަރަކާތްތައް އޭނާ ދިޔައީ ސޯފާގައި އިން ބާރީއަށް ކިޔައިދެމުންނެވެ. ސަކީނާ އެހާ އުފާވެފައި ހުއްޓާ، ބާރީއަށް ފެނިފައެއް ނުވެއެވެ.

"ސަކީ!..." އަކުރުތަކަށް ދަމައިލަމުން ބާރީ ގޮވައިލިއެވެ. "އެކުދިންނަށް ޕްރައިވެސީ ދީބަލަ... ތިތާ ސޯފާ މައްޗަށް އަރައިގެން އުޅެނިކޮށް ވެއްޓިދާނެއޭ..."

"އެސޮރު ތެދުވެއްޖެ... ދާން ކަންނޭނގެ އެ އުޅެނީ... އަހަރެން ދާންވީ ކަންނޭނގެ... ޖޫސްފޮދެއްވެސް ނުދީ އަދި މިހުރެވުނީ..." ސަކީނާ ތެޅިގަތެވެ. ބާރީ ނުހިފޭއްޓިނަމަ، ސަކީނާ ގޮސް ފިޒާލް ހުއްޓުވީހެވެ.

********

"ދެން ގޮސްލީއޭ..." ފިޒާލް ހިނިތުންވެލިއެވެ.

ފިޒާލްގެ ކޮންމެ އަމަލަކުން އޭނާއާއި އަކިއަލްގެ އެއްގޮތް ސިފަތަކެއް ހުރިކަން ލަޔާލަށް ފާހަގަވިއެވެ. ފިޒާލްގެ ލޮލާއި އަކިއަލްގެ ލޯ ދާދި އެއްގޮތެވެ. ހީލާއިރު އަދި ވަކިން ބޮޑަށް ވައްތަރުކަމަށް އޭނާއަށް ފާހަގަވިއެވެ. މީގެ ކުރިން ލަޔާލް އެހާ ފަރުވާތެރި ކަމާއިއެކު ފިޒާލްއަކަށް ނުބަލައެވެ. އެކަމަކު، އަކިއަލް އާއި ފިޒާލް އެހާ ވައްތަރުވާންވީ ކީއްވެ ހެއްޔެވެ؟ އަކިއަލް ބުނާ ގޮތުންނަމަ އަކިއަލްގެ އާއިލާ އެއް ނެތެވެ. ވީއިރު، އަކިއަލް ދޮގުހަދާ އޮޅުވާލީ ހެއްޔެވެ؟ އެކަމަކު ކީއްވެ ހެއްޔެވެ؟

ލަޔާލްގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އޭނާ ކުއްލިއަކަށް ޖޯލިން ތެދުވިއެވެ. ލަޔާލް ކަޅިޖަހާނުލައި ބަލާތީ ފިޒާލް ހުރީ، ރަކިވެފައެވެ. ދާން ނުކެރި، ހުއްޓުން އެރިގޮތަށް އޭނާއަށް ހުރެވުނެވެ. ފިރިހެނެއް ކަމަކު، އޭނާވެސް ލަދުގަނެއެވެ. ލަޔާލް އަކީ އޭގެ ކުރިން އޭނާއަށް އެގޮތަށް ބެލި މީހެއް ނޫނެވެ.

"ކިހިނެއްވީ؟" ފިޒާލް ސުވާލުކުރިއެވެ.

"ނުވޭ ކަމެއް..." ލަޔާލް އަވަސް އަވަހަށް ބުންޏެވެ.

ލަޔާލްގެ ބޮލުގައި ގަދަޔަށް ރިއްސަން ފެށިއެވެ. އެރީ ތޫނު ތަދެކެވެ. ކޮޅަށް ހުރުމަށް އުނދަގޫވެގެން، އޭނާއަށް ޖޯލީގައި އިށީނދެވުނެވެ. ބޮލުގެ ރިހުން ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. މުޅި ތަން އެނބުރޭހެން ލަޔާލަށް ހީވިއެވެ. ލޯ މެރެމުންދާ ކޮންމެ ފަހަރަކު ކަޅު އަނދިރިގަނޑެއް ލޯ ކުރިމަތިން ހުރަސްވާހެންވެސް އޭނާއަށް ހީވިއެވެ.

"ލަޔާ...ކަމެއް ގޯސްވީތަ؟..." ފިޒާލް ހާސްވިއެވެ.

ފިޒާލް ލަޔާލްގެ ކައިރިއަށް ތިރިވިކަން އޭނާއަށް އެނގުނެވެ. ހަބަރު ހުސްވެގެން ވެއްޓެންދިޔަ ލަޔާލްގެ ބޮލުގައި ފިޒާލަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ.

********

އެސްފިޔަތައް ތަޅުވާލުމަށްފަހު، ލަޔާލް ލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް އޭނާގެ ލޮލުގައި އަޅައިގަތީ މަގަތުގައި އިށީނދެލައިގެން އިން މަންމައާއި ބައްޕައެވެ. ދެމީހުން އޮލަ ވާހަކައެއްގައި ތިބުމުން، ލަޔާލް އަވަހަށް ލޯ މަރާލިއެވެ. އޮވެވުނީ ހޮސްޕިޓަލުގައި ކަން އެނގުމުން އޭނާ އޮތީ ފޫހިވެފައެވެ. ބައްޔެއް ވެގެންވެސް، ހޮސްޕިޓަލަށް ނައިސްވޭތޯ އޭނާ އަބަދުވެސް ބަލައެވެ.

"އަހަންނަށް ހީވަނީ ލަޔާލްގެ ކައިވެނި އަވަސްކުރަން ވީހެން..." ސަކީނާ ބުންޏެވެ.

"އެކަމަކު ސަކީ... ތީ އަހަރެމެންނަށް އެކަނި ނިންމޭނެ ކަންކަމެއް ނޫނެއްނު..." ބާރީއަށް ސަކީނާގެ ވާހަކައަށް ތާއީދު ކުރެވޭގޮތެއް ނުވިއެވެ.

"ޑޮކްޓަރުން އެބުނަނީ މާބޮޑަށް ލޭމައްޗަށް ދިޔައީއޭ... މީހުން ލޭ މައްޗަށް ދަނީ ކަންކަމާ ފިކުރުކޮށް ހާސްވީމަ... އެމަންޖެ ފިކުރު ކުރަންޖެހޭ ވަރުގެ ކަމެއް ހަމަ ގައިމުވެސް އަހަރެމެންގެ ފަރާތަކުން ނުވާނެ... ހުރިހާވެސް މައްސަލައަކީ އުބޭދު... އަދިވެސް ލަޔާލް އެކަމާ ފިކުރު ކުރަނީހެން އަހަންނަށް ހީވަނީ..." ސަކީނާގެ ހިޔާލު ބަދަލެއް ނުވިއެވެ.

"ލަޔާލްއާ ވާހަކަ ދައްކާފަ ނޫނީ ތިކަމަށް ގޮތެއް ނިންމާކަށް އަހަންނަކަށް ނޭނގޭނެ..." ބާރީ ދޫކޮށްލީ ފުން ނޭވާއެކެވެ.

"ފިޒާލު ކަހަލަ ކުއްޖަކު ދެން ނުލިބޭނެއޭ ބާރީ... އެސޮރު އެ ހުންނަނީ ލަޔާލްގެ އިސާރާތަކަށް ބަލަބަލާ... ސާމިޔާވެސް ދެއްކީ އެވާހަކަ... ކިހާ ރަނގަޅު ސޮރެއް އެއީ.. އުބޭދު ކައިރިން ލަޔާލަށް މިނިވަން ވެވޭނީވެސް އަވަހަށް ކައިވެނި ކޮށްގެން..." އަމިއްލަ ދަރިފުޅަށްޓަކައި ސަކީނާގެ މޫނުން ފެނުނީ ހަމްދަރުދީއެވެ.

ލަޔާލްގެ ހިތް މާޔޫސްވިއެވެ. އޭނާ ލޯބިވަނީ އަކިއަލް ދެކެއެވެ. ވީއިރު، ފިޒާލާއި ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ؟ ސަކީނާ ބުނީ ތެދެކެވެ. ލަޔާލް މީހަކާ އިންނަންވެއްޖެއެވެ. އުބޭދުފަދަ އެތައް ފިރިހެނުން އޭނާއަށް ކަޅި އަޅައެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. ހުސްކޮށް މާ ގިނަ ދުވަހު ހުރުމަކީ، ރަނގަޅު ގޮތެއް ނޫނެވެ. އެކަމަކު، އަކިއަލް ނޫން މީހަކާ އިންނާކަށް ލަޔާލްގެ ހިތް އެއްބަހެއް ނުވެއެވެ.

"ސަކީނާ... އެމަންޖެ ހަމަ މީހަކާ އިންނަ ވާހަކަ އެއް ނުދައްކާތަ؟.." ބާރީގެ އަޑުގައިވީ މާޔޫސްކަމެވެ.

"އާނ... އެކަހަލަ ވާހަކައެއް ނުދައްކާ... މީހަކާ ރައްޓެހިވެސް ވެގެންތާ އެކަހަކަ ހިޔާލެއް އަންނާނީ... ހިތަށް އަރާ، ދުނިޔޭގައި ހުއްޓާ އެމަންޖެ ކައިވެނި ކުރާ ދުވަސް ފެނިދާނެ ބާއޭ؟..." ސަކީނާ ހިންދިރުވައިލިއެވެ.

ލަޔާލަށް އޭނާގެ މަންމައަށް ބަލައިލެވުނެވެ. ސަކީނާ އަތުގެ ނުފުށުން ކަރުނަ ފޮހެލި މަންޒަރު ފެނުމުން، ލަޔާލްގެ ހިތުގައި ރިއްސާލިއެވެ. މަންމަ ކަރުނަ އަޅައި، ރޯތަން ދުށުމަކީ، ލަޔާލަށް ބެލުމަށް ކުޅަދާނަ ވާ ވަރުގެ މަންޒަރަކަށް ނުވިއެވެ. އެއްކޮޅުން މަންމައެވެ. މަންމަދެކެވާ ލޯތްބެވެ. އަނެއްކޮޅުން އަކިއަލްއެވެ. ލަޔާލްގެ އަލަތު ލޯތްބެވެ. އެމީހަކާއި ނުލާ ލަޔާލްގެ ދިރިއުޅުން ފުރިހަމަ ނުވާނެކަން އޭނާއަށް އެނގެއެވެ. އެކަމަކު، މަންމަގެ އެދުމަކަށް ދެކޮޅު ހަދާނެ ހިތްވަރެއްވެސް ލަޔާލްގެ ގަޔަކު ނެތެވެ. ލަޔާލަށް ގޮތް ހުސްވިއެވެ.

"މިހުރީ ބޭސްކޮތަޅު..." ވޯޑުން އެތެރެއަށް ވަދެގެން އައީ ފިޒާލެވެ. "އިތުރު ކަމެއް ބޭނުންވޭތޯ؟..."

ފިޒާލްގެ ނަޒަރު ސަކީނާގެ މޫނުން، ލަޔާލްގެ މޫނަށް ހުއްޓުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ފިޒާލް ހިނިތުންވެލިއެވެ. އޭނާ ގޮސް، ލަޔާލްގެ ކައިރީގައި އިށީނެވެ. ދުރު ބަލައިލަން ލަޔާލަށް މަޖުބޫރުކުރީ ހާލަތެވެ. ސަކީނާގެ ވާހަކަތަކަށްފަހު، ފިޒާލާއި އެއް ފުރާޅެއްގެ ދަށުގައި ވުންވެސް ލަޔާލަށް ވީ ވޭނަކަށެވެ.

"ކިހިނެއް؟..." ފިޒާލް ވަރަށް އޯގާތެރި ކަމާއިއެކު ސުވާލުކުރިއެވެ.

ފިޒާލްގެ ބަދަލުގައި އަކިއަލް ކައިރީގައި އިންނަމަ ކިހާ ރަނގަޅުވީސްހޭ ލަޔާލްގެ ހިތަށް އެރިއެވެ. ލަސްނުކޮށް އަކިއަލްގެ ވާހަކަ ސަކީނާއަށް ކިޔައިދޭން ލަޔާލް ނިންމިއެވެ.

********

ލަޔާލް ގެއަށް ދޫކޮށްލީ ދަންވަރު ބާރަވެސް ޖެހި ފަހުންނެވެ. އެ ހުރިހާއިރު ވީއިރުވެސް ލަޔާލްގެ ކަންކަމުގައި އެހީތެރިވެދިނުމަށް ފިޒާލް އުޅުނެވެ. އެންމެ ކުދިކުދި ކަންކަންވެސް ފިޒާލް ކޮށްދިނީ ނުހަނު ފުރިހަމައަށެވެ. ފިޒާލްގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުން، ލަޔާލްގެ ހިތް ބަދަލުވިއެވެ. ފިޒާލަކީ އަމިއްލަ އެދުން ބޮޑު މީހެކޭ ބުނެވޭނެ ޖާގައެއް އޭނާ ނުދެއެވެ. ލަޔާލްއަށް އެންމެ ކަމުދިޔައީ ފިޒާލްގެ އޯގާތެރި ސިފައެވެ. އެ ހުރިހާ ކަމަކާއިއެކު، ލަޔާލަށް ފިޒާލަކީ އޭނާގެ އެކުވެރިއެއްގެ ގޮތުގައި ބަލައިގަނެވުނެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު، ލަޔާލްގެ ހަނދާންތައް އައިސް ގުޅުނީ އަކިއަލްއާއެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް، އެ ނޫން ކަމެއް ލަޔާލަށް ސިފަވާގޮތެއް ނުވިއެވެ. އޭނާ އަކިއަލްގެ މަތިން ހަނދާންވާން ފެށީ މާބޮޑަށެވެ. ރޭގައި ފެނުނީ، ހުވަފެނެއްކަމަށް ގަބޫލު ކުރެވުނަސް، ހިތް ބުނަމުން ދިޔައީ އެއީ ހަގީގަތެއް ކަމުގައެވެ.

ފާހާނާއަށްވަދެ ފެންވަރާލުމުން ލަޔާލްގެ ހަށިގަނޑު ތާޒާވެލިއެވެ. ނިދާ އެއްޗެހިލައިގެން އައިސް އެނދުގައި ޖައްސާލުމާއިއެކު، ލަޔާލަށް ނިދޭކަށް ގިނައިރެއް ނުނެގިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު