ޓެކްނޮލޮޖީ އަކީ ގޯސް މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ހަތިޔާރެއް، އެކަމަށް ސަމާލުވާން ޖެހޭ: މިނިސްޓަރު

އިންޓަނޭޝަނަލް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން --- ފޮޓޯ/ އައިޔޫއެމް

ޓެކްނޮލޮޖީގެ ފަސޭހަތައް ލިބި އެތައް ގޮތަކުން ކުރިއެރުން ލިބިފައިވާ ކަމަށާއި އެކަމަކު ޓެކްނޮލޮޖީ އަކީ ގޯސް މައުލޫމާތު ފެތުރުމަށް ވެސް ބޭނުންކުރާ ހަތިޔާރަކަށް ވާތީ އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް ދަ މޯލްޑިވްސް (އައިޔޫއެމް) އިން އިންތިޒާމްކުރާ އިންޓަނޭޝަނަލް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ މި އަހަރުގެ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިރާސާކުރުމާއި ކަންކަން ހޯދައި ބަލައި ތަހުގީގުކުރުމަކީ ހަމައެކަނި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ޚާއްސަ ކަމެއް ނޫން ކަމަށާއި އެކަމަކީ މުޅި މުޖުތަމައު އެކަމެއްގައި ބައިވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

އަދި ދިރާސާއެއްގެ ފެންވަރަކީ އެއްވެސް ހާލެއްގައި ކޮމްޕްރޮމައިޒްކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެގޮތުން ދޮގު މައުލޫމާތުން އިންޓަނެޓް ފުރިފައިވާ މި ޒަމާނުގައި، ދިރާސާއެއްގައި ތެދު މައުލޫމާތު ހިމެނުމަށް ކުރިއަށް ވުރެ ސަމާލުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ގައުމެއްގެ އިގުތިސާދާއި ތިމާވެއްޓާއި ޑިމޮކްރަސީ އާއި އާއްމު ދިރިއުޅުމުގެ ކަންކަން ހަރުދަނާކޮށް ފުރިހަމަކުރުމަށްޓަކައި، ދިރާސާތައް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ފަސޭހަ މަގުގައި އަބަދު ނުތިބެ، މުޖުތަމައު އަށް ބޭނުން ހިފޭނެ އަދި އާއްމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނެ ތަފާތު ދާއިރާތަކުން ދިރާސާތައް ހެދުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ރިސާޗަރުން އެ ކޮންފަރެންސަށް ވަޑައިގަންނަވަނީ އަގުހުރި ތަޖުރިބާތަކާއި މައުލޫމާތުތަކާއި ހިކުމަތްތަކާ އެކު ކަމަށެވެ. އެ ބޭފުޅުންގެ ދިރާސާތަކާއި މަޝްވަރާތަކުން، ބައިވެރިންނަށް ނުހަނު ފައިދާތައް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޓަނޭޝަނަލް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓްގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. ޒަކަރިއްޔާ ވާހަކަދައްކަވަނީ --- ފޮޓޯ/ އައިޔޫއެމް

އެގޮތުން މި އަހަރުގެ ކޮންފަރެންސުން ވެސް ބައިވެރިންނަށާއި މުޖުތަމައުއަށް ފައިދާކުރުވަނިވި ކަންކަން ދަސްވާނެ ފަދަ ތަޖުތިބާއެއް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

މިއީ ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ރިސާޗް ކޮންފަރެންސެވެ. މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ބަލަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިލްމީ ބޭފުޅުންގެ ދިރާސާ ކަރުދާސްތައް ހުށަހެޅުއްވުމާއި، ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިޔުމެވެ.

އެގޮތުން މި ރިސާޗް ކޮންފަރެންސްގެ ކޮންމެ ދުވަހެއްގެ ވެސް ފެށުމުގެ ރަސްމިއްޔާތުގައި ކީނޯޓު ތަގުރީރު އޮންނާނެއެވެ. މި ފަހަރު ކީނޯޓު ދެއްވާ އެއް މައުޟޫއަކީ މަތީ ތައުލީމުގެ މަރުހަލާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ގޮތްތަކާއި އެކަމަށް ހުރި ގޮންޖެހުންތަކެވެ.

އަދި ދެވަނަ މައުޟޫއަކީ ރާއްޖެ ދުށް އެންމެ ކުޅަދާނަ އެއް އަދީބު ކަމަށްވާ ފަޟީލަތުއްޝައިހުލް އުސްތާޒް ހުސައިން ސަލާހުއްދީނުގެ ލިޔުއްވުންތަކުގައި ހުރި ބަހަވީ އަދި އިޖުތިމާއީ ކުރިއެރުންތަކެވެ.

މި އަހަރުގެ ކޮންފަރެންސްގެ ސްޕޮންސަރުންނަކީ މޯލްޑިވްސް ޕެންޝަން އޮފީސް، ސްޓެލްކޯ، އުރީދޫ، ދިރާގު، އައިއައިއައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި އަމާނާ ތަކާފުލްއެވެ.

ދެ ދުވަހުގެ މުއްދަތަކަށް އިސްލާމިކް ޔުނިވާސިޓީގައި ކުރިއަށް ދާ މި ކޮންފެރެންސުގައި ޖުމްލަ 223 ރިސާޗަރުން ބައިވެރިވެއެވެ. އަދި މި ކޮންފަރެންސުގައި 52 ކަރުދާސް ހުށަހަޅާނެއެވެ. ކަރުދާސް ހުށަހަޅާ މައުލޫތަކުގެ ތެރޭގައި ހަލާލް ޓޫރިޒަމް، އިސްލާމިކް ފައިނޭންސް، އަންހެނުންގެ ސިއްހަތު، ނަފްސާނީ އިލްމު، އަދަބިއްޔާތު، މާލީ ނިޒާމު އަދު ޒުވާނުންގެ ދާއިރާ ހިމެނެއެވެ.

ޖުމްލަ ތިން ބަހަކުން ކަރުދާސްތައް ހުށަހަޅުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ދިވެހި، އަރަބި އަދި އިނގިރޭސިއެވެ.

އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން މި ކޮންފަރެންސް ބާއްވަން ފެށީ 2016 ގައެވެ. ކޮވިޑުގެ ސަބަބުން 2020 އަދި 2021 ގައި ބޭއްވީ ހައިބްރިޑްކޮށެވެ. އޭގެ ފަހުން މިދިޔަ 2022 ގައި ވަނީ ކުރިއެކޭ އެއްގޮތަށް ފިޒިކަލްކޮށް ބާއްވައިފައެވެ.

comment ކޮމެންޓް