"އަޅުގަނޑު ވަރަށް ދެރަވޭ. އެއީ އަޅުގަނޑުގެ ހުރި ހަމައެކަނި ލޯބިވާ ދަރިފުޅު،" ގިސްލެވި، ތުރުތުރު އަޅަމުން ދިޔަ އަޑުން ބުނެލި މި ޖުމުލައަށްފަހު މި އިންޓަވިއުގައި އޭނާއަށް އިތުރަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ.
އިއްޔެ އައްޑޫ، ފޭދޫ ފަތާ ޓްރެކް ސަރަހައްދުގައި ހިނގި ހިތްދަތި ހާދިސާގައި އޭނާގެ ލޯބިވާ ދަރިފުޅު އަޔާން އަބްދުﷲ ލޯމަތިން މުޅި އުމުރަށް ގެއްލުނީއެވެ. މި ހިތްދަތި ހަގީގަތް ގަބޫލުކުރަން އަދިވެސް އަބްދުﷲ އަލީއަށް ދައްޗެވެ.
ދެމަފިރިން ވަކިވުމަށްފަހު އަޔާން ދިރިއުޅެމުން އައީ އަބްދުﷲގެ ބެލުމުގެ ދަށުން އަބްދުﷲގެ އާއިލާއާއެކުގައެވެ. އެހެންވެ އޭނާ މަސައްކަތު ދާ ވަގުތު އަޔާން ބަލަހައްޓަނީ އޭނާގެ ދައްތައެވެ.
އާދައިގެ މަތިން އިއްޔެ ވެސް ކާރު ދަތުރުކުރުމަށް އަބްދުﷲ، އޭނާގެ ދަރިފުޅު އާޔާން، ދައްތަގެ ގެއަށް ލިއެވެ. ހަވީރު އޭނާގެ ދައްތަގެ ދަރިފުޅާއެކު އަޔާން ވެސް މޫދަށް ގެންދާ ވާހަކަ ބުނުމުން އެ ކަމަށް މާ ބޮޑު އަޅައިލުމެއް ނުދެއެވެ.
އަބްދުﷲ ބުނި ގޮތުގައި އަޔާންއަކީ ހައިޕާއެކްޓިވް ކުއްޖަކަށް ވުމުން ބައެއް ފަހަރު ފަަހަރު މާ ބޮޑަށް ހަލަނިވެ އުޅުން ފަދަ ކަންކަން އަބަދުވެސް ދިމާވެއެވެ.
އެއާއެކު ވެސް މޫދަށް ދާ ވާހަަކަ ބުނުމުން މާ ބޮޑު އަޅައިލުމެއް ނުދިނީ އަމިއްލަ އާއިލާގެ ތެރެއިން އަޔާންއަަށް އެ ރައްކާތެރިކަން ޔަގީންވާނެކަމަށް ބަލައެވެ.
"ދެން އަޅުގަނޑު އަޅައެއް ނުލަން ދައްތަގެ ދަރިއަކާ އެއްކޮށް ދިޔައީމާ،" އަބްދުﷲ ބުންޏެވެ.
އޭގެ ފަހުން އޭނާ ކޮފީއެއްގައި ހުއްޓައި އައީ އޭނާގެ ދައްތަގެ ދަރިފުޅުގެ ކޯލެކެވެ. މި ކޯލު ވެގެންދިޔައީ އޭނާއަށް ނުތަނަވަސްކަން ގެނުވި ކޯލަކަށެވެ.
"ދެން ކޮފީއެއްގައި އިންދާ އަހަރެންގެ ދައްތަގެ ދަރިފުޅު ގުޅައިފައި ބުނީ އަޔާން ކޮބައިހޭ، އޭނާ ނުފެނިގެންނޭ މި އުޅެނީ. އެއީ އެގޮތަށް ބައެއް ފަހަރު އަހަރެން ރެސްޓޯރެންޓުގައި ހުރެފައި ވެސް މަ ގޮސް ގެންދަން ދޯ ބީޗުގައި ތިއްބާ ވެސް. އެހެން ބުނީމަ މަ ބުނީ ނުގެންދަމޭ. ދެން މަ ވެސް ދިޔައީ އެ ތަނަށް،" އަބްދުﷲ ބުންޏެވެ.
އަޔަން ހޯދުމަށް އަބްދުﷲ އެ ތަނުގައިި ތިބި ގިނަ ބައެއް ގާތުން އަހައި ވާނުވާ އެނގޭތޯ މަސައްކަތްކުރިއެެވެ. އެ ވަގުތު އެ ތަނުގައި ތިބި ބައެއް މީހުންނަށް ކަކުލާ ހަމައަށް މޫދަށް އެރި ކުއްޖަކު ފެނުނު ކަމަށް ވެސް ބުނެފައިވެއެވެ.
ކުއްޑަކުއްޖަކު ފުން ހިސާބަށް ދާ މަންޒަރު އެހެން މީހަކަށް ވެސް ފެނިފައިވާކަމަށް އަބްދުﷲ ގާތު އެ ތަނުގައި ހުރި އެހެން މީހަކު ބުންޏެވެ. ނަމަވެސް އެ މީހާ އެކަމަށް އަޅައިނުލާކަމަށް ބުންޏެވެ.
"ދެން މަ ބުނީ ކީއްވެހޭ އަޅައިނުލީ. އެހެން ބުނީމާ ބުނީ ކުރީ ދުވަހަކު ވެސް އެ ގޮތަށް ކުއްޖެއް ގައިގައިި ޖެހިގެން މައްސަލަ ޖެހުނީއޭ. އެހެން ބުނީ،" އަބްދުﷲ ބުންޏެވެ.
އޭނާ ބުނީ އަޔާން ހޯދުމުގެ މަސައްކަތް ވެސް ފަށައި އެ ތާ ތިބި އެހެން މީހުންގެ އެހީތެރިކަން ލިބުނީ ވެސް އެތައް އިރެއްވީ ފަހުން ކަމަށެވެ. ދަރިފުޅު ސަލާމަތުން ފެނޭތޯ އެތައް މަސައްކަތެއް އަބްދުﷲ ކުރިއެވެ. އަޔާން ހޯދަން ކުރި މަސައްކަތުން މާ ގިނަ އިރެއް ނުވެ އަޔާން ފެނުނީ އަޔާން ހުއްޓައި ފެނުނުކަމަށް ބުނި ތަނުންނެވެ.
"ހަމަ އޭނާ އެ ބުނި ހިސާބުން ކުއްޖާ ފެނުނީ ވެސް. މާ އިރެއް ވެސް ނުނަގާ ފެންނަން،" އަބްދުﷲ ބުންޏެވެ.
އޭރު އާޔަންގެ ހެޔެއް ނެތެވެ. ނަމަވެސް ކޮންމެ ވެސް ވަރަކަށް ވިންދު ހުރިކަން އިހުސާސްވިކަމަށް އަބްދުﷲ ކިޔައިދިނެވެ. އެހެންވެ ދަރިފުޅު ސަލާމަތްވާނެ ކަމުގެ އުންމީދުގައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އެމަޖެންސީގައި ފަރުވާ ދޭން ފެށިއެވެ. ނަމަވެސް ދެން ލިބުނީ ހާލު ސީރިއަސްވެ މާ ބޮޑު އުންމީދެއް ނެތްކަމުގެ ވާހަކައާއި މަރުގެ ހިތްދަތި ޚަބަރެވެ.
ކުއްޖާ ނުރައްކަލަށް ހުށަހެޅުނު އިރު ދުރުގައި ތިބީ ބަލަން
މި ހިތާމަވެރި ހާދިސާއާއެކު ތިލަވި އެންމެ ކަންބޮޑުވާ އެއް ކަމަކީ ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅިފައިވާކަން އެނގިހުރެ ގަސްތުގައި އެ ކަމަށް އަޅައިނުލައި ތިބިތިބުމެވެ. ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުގައި މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. ކޮންމެ ހާލަތެއްގައި ކޮންމެ ވާހަކައެއް ދެކެވުނު ނަމަވެސް ފުރާނައެއް ގެއްލެންދެން އެ މަންޒަރު ބަލަން ދުރުގައި ހުރެގެން ނުވާނެއެވެ.
މިއީ އިންސާނިއްޔަތުކަމުގެ ހައިސިއްޔަތުން ވެސް ކުރަންޖެހޭ ކަމެކެވެ.
"އަޅުގަނޑަށް ވަރަށް ހިތްދަތި ކަމެއް މިއީ. ފަސްޓް އެއިޑް ދިނުމުގައި އަޅުގަނޑުވާނެ މީގެ ކުރިން ވެސް ހަރަކާތްތެރިވެފައި. އަދިވެސް އަޅުގަނޑު ދަރުމަވެރި މަސައްކަތުގައި މި އުޅެނީ. އިންސާނިއްޔަތުކަމުގެ ކިތަންމެ ކުޑަ މިންވަރެއް ހުރި މީހަކުކަމުގައިވީ ނަމަވެސް އެ މީހަކަށް އެ ކުއްޖާ ގެނބެންދާން ދޫކޮށްލައިގެން ނުހުރެވޭނެ. ދާނެ އެ ކުއްޖާ އެ ތަނުން ސަލާމަތްކުރަން،" ރެޑް ކްރެސެންޓުގައި މަސައްކަތްކުރަމުން އަންނަ ދަރުމަވެރިއަކު ބުންޏެވެ.
އަޔަން ސަލާމަތްކުރީ އެ ސަރަހައްދުގައި އެ ވަގުތު ހުރި ފަތަން ދަސްކޮށްދޭ މީހެކެވެ. ކުއްޖާ ގެނބެމުންދިޔަ ވަގުތު މީހަކު ބަލަހައްޓައިގެން ހުރީ ކަމަށް ބުނެ ކުރާ ތުހުމަތު އޭނާ ދޮގުކުރިއެވެ.
އޭނާ "ސަން"އަށް ބުނީ އޭނާ ފަތާ ޕްލެޓްފޯމް ތެރޭގައި އުޅެނިކޮށް، ކުޑަކުއްޖަކު އިތުރު ކުދިންތަކަކާ އެކު މޫދުގައި ފްލޯޓްކޮށްގެން އޮތް މަންޒަރު 5:30ގައި ފެނުނު ކަމަށެވެ.
"އަޅުގަނޑު ސީދާ ގަޑި ހަނދާން ހުރީ އެ ވަގުތު އެހެން ކުއްޖަކު އަޅުގަނޑު ގާތު އެހި ގަޑިން ކިހާ އިރެއްހޭ، އެހެންވެ،" އޭނާ ބުންޏެވެ.
އޭގެ 15 ވަރަކަށް މިނެޓް ފަހުން އޭނާ މޫދުން އަރަން ދިޔަ ވަގުތު ކުއްޖާގެ ބައްޕައާ ދިމާވިއެވެ. އަދި އަޔާން ހޯދަން އުޅޭ ވާހަކަ އަބްދުﷲ އޭނާ ގާތު ބުންޏެވެ. އަދި ކުއްޖާ ލައިގެން ހުރި ޓީޝާޓުގެ ކުލަ ބުނެދިނުމުން، އެއީ ކުރިން ޕްލެޓްފޯމް ބޭރުން ފެނުނު ކުއްޖާކަން އެނގުނުކަން އޭނާ ކިޔައިދިނެވެ.
އެއާއެކު، އަޔާން ކުރިން ފެނުނު ސަރަހައްދުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް އޭނާ ފެށިއެވެ.
"އެ ދިމާލުން މޫދު އަޑިއާ އެއްކޮށް ބެލުމުން ނުފެނުނު. ދެން ޕްލެޓްފޯމްގެ ބޭރުފަރާތާ އެއްކޮށް ހޯދަނިކޮށް ޕްލެޓްފޯމްގެ ބޭރު ކަނުގަ އޮތް ވަލުގަ އޮޔާ ގޮސް ޖެހިފަ އޮތީ. އެތަނުން ކުއްޖާ ނަގާފަ ޕްލެޓްފޯމް މައްޗަށް އަރުވާފަ، ނޭވާ ނުލާތީ އަޅުގަނޑު ސީޕީއާރު ހެދީ،" އޭނާ ބުންޏެވެ.
ސީޕީއާރު ހެދުމުން ވެސް އަޔާންއަށް ނޭވާނުލެވޭތީ އެއްގަމަށް އެރުވީއެވެ. އޭރު ފުލުހުން އެތަނަށް ދިޔުމުން، ފުލުހުންގެ އެހީއާއެކު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައެވެ.
ކުއްޖާ ސަލާމަތްކުރި މީހާ ބުނި ގޮތުގައި އޭރު ގަޑިން 5:55 ހާއިރެވެ.
"ކުރިން ދިމާވެފަ އޮތް މައްސަލައަކީ، ގެނބެމުން ދިޔަ ކުއްޖަކު އަޅުގަނޑު ފުންމާލާފަ ނެގިން. ނެގި ދުވަހު އަޅުގަނޑު ކުށްވެރިވީ. އެދުވަހު ކުއްޖާގެ ޕޭރެންޓުން ބުނީ ކީއްކުރަން ހެއްޔޭ ނެގީ ތިމަންނަމެން ތިބީ ބަލަންށޭ. އެކަމަކު ކުއްޖަކު ގެނބެމުންދާ ކަމުގެ އެއްވެސް އިޝާރާތެއް ފެންނަ ނަމަ، އަޅުގަނޑާ ދިމާލަށް ކިތަންމެ އެއްޗެއް ކިޔަސް، ގެނބެމުން ދަނިކޮށް ފެނިއްޖެއްޔާ އަޅުގަނޑު ނަގާނަން،" އޭނާ ބުންޏެވެ.
މި ކަމާ ގުޅިގެން އައްޑޫ ސިޓީ ފޭދޫ މާދެލާ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް "ސަން"އަށް ވިދާޅުވީ މީގެ ކުރިން ކުއްޖަކު ސަލާމަތްކުރުމަށް މަސައްކަތްކޮށްގެން އެއްވެސް ޝަކުވާއެއް ކައުންސިލަށް ހުށަހަޅައިފައިނުވާކަމަށެވެ.
އަދި އެ ފަދަ މައްސަލައެއް ކައުންސިލް މެމްބަރެއްގެ ސަމާލުކަމަށް ވެސް ގެނެސްފައިނުވާކަމަށެވެ.
"އަޅުގަނޑަށް ޕާސަނަލީ ވެސް ނާދޭ އެކަހަލަ ޝަކުވާއެއް. އެ ކަމަކު އެ ފަދަ ބަހަނާއެއް ދައްކައި ދުރުގައި ހުރުމަކީ ވަރަށް ވަރަށް ނުބައި އަމަލެއް،" ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ފަދަ ހިތާމަވެރި ކަންކަން ހިނގުން ހުއްޓުވުމަށް އެޅެން ހުރި ފިޔަވަޅުތައް ވެސް އަޅާނެކަމަށެވެ.