ވޭވަށު ތުއްތު މި ކިޔައިދެނީ މީރު ރިހާކުރެއްގެ މޮޅު ކެމިސްޓްރީ

ޖަޒީރާ ރަށްތަކުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް މ. އަތޮޅަށް ކުރި ދަތުރުގައި އެ އަތޮޅު ވޭވަށުން ދިމާވި އެންމެ ތަފާތު އެކަކީ އެ ރަށަށް ނިސްބަތްވާ އަބްދުﷲ ފައިސަލް (ތުއްތު)އެވެ.

ފައިސަލް ތުއްތު ދަންނަންތޯ އަހައިލުމުން އޭނާ ނުދަންނަކަމަށް ބުނާ މީހަކު މުޅި މީމު އަތޮޅުގައި ވެސް މަދެވެ. ފުޅާ ދާއިރާއެއްގައި މަސް ކެއްކުމާއި، އޭގެން ރިހާކުރު ކެއްކުމުގެ ވިޔަފާރި ތުއްތު ހިންގާތާ ގާތްގަނޑަކަށް ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މިހައި ދުވަސްވީއިރު، ތުއްތުއަކީ ރިހާކުރު ކެއްކުމުގައި މާ ތަފާތު ރެސިޕީއެއް ގެންގުޅޭ މީހެކެވެ. އެންމެ މީރު ރިހާކުރު، އެންމެ ގިނައިން އުފެއްދުމުގެ ފަހަތުގައިވާ ކެމިސްޓްރީއަކީ ތުއްތު މި ކަމުގައި އެހާ ފަސޭހައިން ހިންދެމިލި ބޮޑު ސިއްރެވެ.

ފައިސަލް އޭނާގެ މަސް ފެކްޓްރީގައި - "ސަން"އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ

ކެމިސްޓްރީ ޓީޗަރަކުން މަސް ކެއްކުމަށް

މިހާރު އުމުރުން 55 އަހަރުގެ ތުއްތު، މަސް ކެއްކުމާއި ރިހާކުރުގެ ވިޔަފާރިއަށް ވަނުމުގެ ކުރިން އޭނާއަކީ ޓީޗަރެކެވެ.

އޭނާގެ ވާހަކަ ހިއްސާކުރަމުން އެންމެ ފުރަތަމަ ވެސް ބުނި އެއް ވާހަކައަކީ މިހައިތަނަށް އޭނާ ކުރި ކޮންމެ ކަމެއް ވެސް ކުރީ އޭނާގެ ރަށުގެ ފައިދާއަށް ޓަކައި ކަމަށެވެ. އެގޮތުން އޭނާ ކުރި ކޮންމެ ކަމަކީ ރައްޔިތުން އެދިގެން، ރަށަށް ނަފާ ހޯދައިދިނުމަށް އޭނާ އިސްވެ ފެށި މަސައްކަތްތައް ކަމަށް ތުއްތު ކިޔައިދިނެވެ.

އެގޮތުން މީގެ ގާތްގަނޑަކަށް 23 ވަރަކަށް އަހަރު ކުރިން އޭނާ މާލޭގައި އަދާކުރަމުން އައި ވަޒީފާ ދޫކޮށްލުމަށްފަހު ރަށަށް އައިސް ރަށު ޓީޗަރެއްގެ ވަޒީފާއާ ގުޅުނީ ވޭވަށު ސްކޫލުގައި ކިޔަވައިދޭނެ މުދައްރިސުން މާ ބޮޑަށް މަދުވުމުންނެވެ. ކިޔައިވައިދިނުމުގެ ތެރެއަށް ވަންނަން ޖެހުމާއެކު ޖެނެރަލް ސައިންސުންނާއި ހިސާބު މާއްދާއިން ޓީޗިން ކޯސް ފުރިހަމަ ކުރިއެވެ.

"ތުއްތު ކުރާ ކޮންމެ ކަމެއް ކަމެއް ވެސް ކުރަނީ ރައްޔިތުން ތުއްތުއާ ހަމައަށް ތިމަންނަމެންނަށް އެ ކަން ކޮށްދޭށޭ ކިޔައިފައި އައީމަ. އެންމެ ފުރަތަމަ މާލޭގައި ވަޒީފާގައި ހުއްޓައި، ސްކޫލުގައި ކިޔަވައިދޭނެ މީހަކު ނެތިގެން ސްކޫލަށް އައީ. އައިއްސަ ދެން ޓީޗިން ހަދައިން ޖެނެރަލް ސައިންސާ މެތަމެޓިކްސްއިން ސްޕެޝަލައިޒްވެގެން މި މަސައްކަތް ފެށީ، ކިޔަވައިދޭން ފެށީ،" ތުއްތު ކިޔައިދިނެވެ.

އެކަން ފެށިތާ މާ ދުވަހެއް ނުވެ ރާއްޖެއަށް އެރި ސުނާމީއާއެކު ރަށް އާރާސްތުކުރުމުގައި ވެސް ހަމަ އެންމެ އިސް ދައުރެއް އަދާކުރި އެކަކީ ތުއްތުއެވެ. އެހެންވެ ރަށުގައި ކޮންމެވެސް މިންވަރަކަށް ކޮންސްޓްރަކްޝަންގެ މަސައްކަތް ވެސް އޭނާ ފެއްޓިއެވެ.

މިއަދު އޭނާ ކުރާ އަސްލު މަސައްކަތް ވެސް ފެށުނީ ހަމަ އެފަދައިން ވޭވަށު މަސްވެރިންނާއި އެ ހިސާބުގެ އެހެން މަސްވެރި ރަށްތަކުން އެ ކަމަށް އެދުމުންނެވެ.

"ދެން އަނެއްކާ މަސްވެރިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ތަން ފެނޭ މަސް ހިފައިގެން. އޭރު ރަށުގައި ނެތް މަސް ކައްކާ ތަނެއް. ދެން މަސްވެރިން ކިޔަން ފަށައިފި އުޅޭށޭ މަސް ކައްކާ ތަނެއް ހަދަން. އެގޮތުން މަސައްކަތް ފެށުނީ އަސްލުގައި،" ތުއްތު ކިޔައިދިނެވެ.

ތުއްތުގެ މި ހުރިހާ މަސައްކަތަކާ ގުޅިގެން ވެސް އެ ރަށުގެ އެންމެ އިސްވެރިންނާއި އެންމެ އާންމު މިހާ ވެސް ފާހަގަކުރާ އެއް ކަމެއް އޮވެއެވެ. އެއީ ތުއްތުއަކީ 'އެކްސްޕެރިމަންޓްކޮށް"ނުލައި ދުވަހަކު ވެސް މަސައްކަތެއް ފަށާނެ މީހަކަށް ނުވުމެވެ.

ތުއްތު އޭނާގެ ފެކްޓަރީއަށް މަސް ގަތުމަށް ބަނދަރުގައި -- ސަން ފޮޓޯ

މަސް ކައްކަން ފެށުމުގެ ކުރިން ވެސް ތުއްތު ދިރާސާކުރީ މަސް ކެއްކުމުގެ އެންމެ ފުރިހަމަ ކެމިސްޓްރީއަކީ ކޮބައިތޯއެވެ.

"މި ގޮތުން މި މަސް ކައްކަން ފެށުމުގައި ވެސް ފުރަތަމަ މި ކުރި ކަމަކީ ރިހާކުރަކީ ކޯއްޗެއްތޯ މި ދަސްކުރީ. އެއީ އަޅުގަނޑަށް ލިބިފައިވާ އިލްމާއި ހުނަރުގެ ބޭނުންކޮށްގެން، އެކިއެކި ސައެންޓިފިކް މައުލޫމާތުތަކާ އެއްޗެހި ލިބިފައި ހުރީމާ އެގޮތުން ފުރަތަމަ ހޯދީ ރިހާކުރަކީ ކޯއްޗެއްތޯ. ރިހާކުރު ޓަނަކުން ވާނީ ކިތައް ފުޅިތޯ. އެކަހަލަ ވަރަށް ގިނަ މައުލޫމާތު އެއްކޮށްގެން ތުއްތު އެ މަސައްކަތް ފެށީ،" ތުއްތު ކިޔައިދިނެވެ.

ރިހާކުރު ކެއްކުމުގައި ތުއްތުގެ މޮޅު ހިސާބު

މިއަދު ވޭވަށުގައި ތުއްތު މަސައްކަތްކުރަނީ އޭނާގެ އަމިއްލަ މަސް ފެކްޓަރީއެއްގައި އަމިއްލަ މުވައްޒަފުންކޮޅަކާ އެކުގައެވެ. މި މަސައްކަތް ތުއްތު ކުރާއިރު ކުރަނީ މީގެ އެންމެ ފުރިހަމަ ފައިދާ ނެރުމަށެވެ.

އޭނާ ބުނީ އެންމެ ފުރަތަމަ އޭނާ ރިހާކުރު ކެއްކުމުގެ މަސައްކަތް ފެށިއިރު އެއް ޓަނު މަހުން ހެދެނީ ގާތްގަނޑަކަށް 25 ފުޅި ރިހާކުރުކަމަށެވެ. ނަމަވެސް ދެން އޭނާ ކުރި ކަމަކީ އެ އަދަދު އިތުރުކުރެވޭތޯ ތަފާތު އެކި ހޯދުންތައް ހޯދުންކަމަށް ތުއްތު ކިޔައިދިނެވެ.

އެގޮތުން އޭނާ ބުނީ މިހާރު އެއް ޓަނު މަހުން ގާތްގަނޑަކަށް 80 ފުޅި ރިހާކުރު އުފައްދާނެ ފޯމިއުލާ ނެރެވިފައިވާކަމަށެވެ.

"އަޅުގަނޑު ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި ކޮންމެ މަސް ޓަނެއްގައި، އެއް ޓަނު މަހުގައި އެބަހުރޭ 105 ފުޅި ރިހާކުރު. ހޯދައި ބަލައިފައި އަޅުގަނޑު މި ބުނީ. އޭގެ ތެރެއިން އަދި މިހާތަނަށް ރާއްޖޭގައި ނެގެނީ 80 ފުޅި. އެއީ 16،000 ރުފިޔާ އެއް ޓަނު މަހުން. އޭގައި ހުރި ހުރިހާ ރިހާކުރު ނެގިއްޖެނަމަ އެއީ 25 ނުވަތަ 26،000 ރުފިޔާ،" ރިހާކުރު ކެއްކުމުގައި ތުއްތު ޖަހާ ހިސާބުތައް ކިޔައިދިނެވެ.

އެގޮތުން ގިނައިން ރިހާކުރު އުފައްދަން ބޭނުންނަމަ މަޑު ގިނީގައި ގިނައިރު ކެއްކުން މުހިންމުކަމަށް އޭނާ ބުންޏެވެ. އެއީ ރިހާކުރު އުފައްދާ މިންވަރު 25 ޕަސެންޓު އިތުރުކޮށްދޭ ކަމެއްކަމަށް އޭނާ ބުންޏެވެ.

ފައިސަލް އޭނާގެ މަސް ފެކްޓްރީގައި ރިހާކުރު ތާހެއް ކައިރި ހުއްޓައި -- ސަން ފޮޓޯ

ތުއްތު ބުނި ގޮތުގައި މިހާ ބައިވަރު ރިހާކުރު ނެގެން އޮންނައިރު ފިނިކުރި މަހުގެ ގޮތުގައި ގިނަ އަދަދެއްގެ މަސް ރާއްޖެއިން ބޭރުކުރާނަމަ އޭގެން ލިބޭ ވިޔަފާރީގެ ގެއްލުން ބޮޑުވާކަމަށެވެ.

ތުއްތު ބުނި ގޮތުގައި ރަށުގެ ބަނދަރު ބޮޑުވެ ތަރައްގީވުމަކީ މަސް ދޯނިފަހަރު ފަޅަށްވަދެ މަސްކިރުމަށް ލިބުނު ބޮޑު ފަސޭހައެކެވެ. އަދި މިހާރު އޭނާގެ ދަށުން ހަ ބިދޭސީ މުވައްޒަފުން މަސައްކަތްކުރާއިރު އަމިއްލަ ވިޔަފާރީގެ ކެޕޭސިޓީ ވެސް އިތުރުވެ މަސް ގަންނަ މިންވަރު އިތުރުކުރެވިފައިވާކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް އޭނާގެ ވެސް ކަންބޮޑުވުމެއް އެބައޮތެވެ. އެއީ މަސްވެރިކަމުގެ ހުނަރު މޮޅަށް އެނގޭ މީހުން މަހަށް ދިޔައިމާ ރަށުގައި މަސް ކައްކައި، އޭގެން އުފެއްދުމެއް އުފައްދަން ތިބޭ މީހުން މަދުވުމެވެ. އެހެންވެ ބިދޭސީން އިތުރުކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއްކަމަށް ތުއްތު ބުނެއެވެ.

"ރަށުގެ ސްކިލްޑް [ހުނަރުވެރި] މީހުން، މަސްބާނަން ދަންނަ މީހުން، މަހަށް ދާން އެނގޭ، ކުޅަދާނަ ސްކިލްޑް މީހުން މި ދަނީ މަހަށް. އެހެންވީމާ ވާ ގޮތަކީ މި ކޮޅުގައި ފެކްޓްރީތަކުގައި މަހުގެ މަސައްކަތްކުރާ މީހުން މަދުވަނީ. ދެން މި ޖެހެނީ ރާއްޖެއިން ބޭރުން މީހުން ގެންނަން،" ތުއްތު ބުންޏެވެ.

އޭނާ ބުނީ މި މަސައްކަތުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސްވެރިންގެ ފަރާތުން ލިބޭ ތައުރީފުކަމަށެވެ. އެގޮތުން އަބަދު ވެސް މަސްވެރިންގެ ތަރުހީބު ލިބޭކަމަށް ތުއްތު ބުންޏެވެ. އަދި އެއީ މި މަސައްކަތުގައި ކުރިއަށްދާން ލިބޭ ހިތްވަރެއްގެ ގޮތުގައި ވެސް ތުއްތު ފާހަގަކުރެއެވެ.

ތުއްތު ބުނީ ރާއްޖޭގައި މިފަދަ އެއްވެސް މަސައްކަތެއް ކުރާއިރު ވެސް އޭގެން އެންމެ އުފެއްދުންތެރި ނަތީޖާ ނެރެން މަސައްކަތްކޮށް އެ ކަމެއް އިތުރަށް ކުރިއަރުވަން ދިރާސާކުރާ މީހުންގެ އަދަދު މަދުކަމަށެވެ. އަދި ކޮންމެ މަސައްކަތަކަށް ވެސް އިލްމީ، ތައުލީމީ މީހުން ބޭނުންވާކަމަށް ތުއްތު ފާހަގަކުރެއެވެ.

އޭނާ ބުނީ މަސް ކައްކައި، ރިހާކުރު ކެއްކުމަކީ ފައިދާ ބޮޑު ރަނގަޅު ވިޔަފާރިއެއްކަމަށެވެ. އެގޮތުން މިއީ އާއިލާއެއް އެކުގައި ވެސް ކުރެވިދާނެ މަސައްކަތެއްކަމަށް ތުއްތު ބުންޏެވެ.

"އާއިލާއަކާ، ތިން މީހުން ވެގެން މަސައްކަތް ކޮށްފިކަމަށް ވަންޏާ ދުވާލަކަށް މީގެން ދެހާހާ ތިންހާހާ ދެމެދުގެ އަދަދެއް ހޯދޭނޭ. އެކަމު މި ވެސް ހަމަ އިލްމެކޭ. މި އިލްމު ދަސްކޮށްގެން ކުރިއަށްދާށޭ،" ތުއްތު ބުންޏެވެ.

comment ކޮމެންޓް