ޖިންސީ ފުރައްސާރައިގެ ތަހުގީގަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ވެމްކޯގެ އެމްޑީ ސަސްޕެންޑު ކޮށްފި

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު، ޔޫސުފް ސިރާޖު ސަސްޕެންޑު ކޮށްފިއެވެ.

ވެމްކޯގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ)ެއިން ސިރާޖު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

ސިރާޖު ސަސްޕެންޑު ކުރީ، ވެމްކޯއިން ބަލަމުންދާ ޖިންސީ ފުރައްސާރައެއްގެ ތަހުގީގަށް ނުފޫޒު ފޯރުވި މައްސަލައެއްގައެވެ.

އޮފިޝަލް ވިދާޅުވީ ސިރާޖުއަށް ތުހުމަތުކުރަނީ އެ ކޯޕަރޭޝަންގެ "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ"އިން ބަލަމުންދާ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު ކަމަށެވެ.

ވެމްކޯގެ އެމްޑީ ކަމަށް ސިރާޖު އައްޔަނު ކޮށްފައިވަނީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. ޕީސީބީން އޭނާ އެ މަގާމަށް އައްޔަނު ކުރިއިރު، ސިރާޖު ހުންނެވީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

ސިރާޖު ވަނީ މީގެ ކުރިން ހއ. އަތޮޅު ކައުންސިލުގެ ރައީސް ކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. އޭނާ އެ މަގާމުން ވަކިކުރީ 2011ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އޭގެ ކުރިން އޭނާ ވަނީ ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައެވެ.

comment ކޮމެންޓް