ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަ އަކިއަލް ހުއްޓޭކަށް ނޫޅުނެވެ. މީހުން ތިބި ހިސާބާއި ތަންކޮޅެއް ދުރަށް ދެވުމުން، ލަޔާލް އަކިއަލްގެ ނަމުން ގޮވާލިއެވެ. އަކިއަލް ވަގުތުން ހުއްޓުނެވެ.
********
"އަހަންނަށް އެނގެޔޭ އަކިއަލް އަހަންނަށް ފިލައިގެން އުޅޭކަން..." ލަޔާލްގެ އަޑުގައިވީ ޝަކުވާއެވެ.
އަކިއަލް ފަސްއެނބުރި ލަޔާލަށް ބަލައިލިއެވެ. ހަނދުވަރުގެ ރިހި އަލީގައި އަކިއަލްގެ ލޮލުގެ ވިދުން ގަދަވެފައިވިއެވެ. ލަޔާލްގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ.
"ކަމް ވިތް މީ..." އަކިއަލް އައިސް ލަޔާލްގެ އަތުގައި ހިފައިލިއެވެ.
ދެކޮޅު ހަދާކަށް ލަޔާލްގެ ހިތެއް ނޭދުނެވެ. އަކިއަލްއަކީ ލަޔާލްގެ ހިތް އަތުލި ފުރަތަމަ ޒުވާނާއެވެ. އެހާ ދުވަހުގެ އިންތިޒާރަށްފަހު ބައްދަލުވުމުން، ދުރުވެވޭނީ ކިހިނެއް ހެއްޔެވެ؟ އަކިއަލްއާއި އެކުގައި ދާން ހިނގައިގަތްއިރު، ލަޔާލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.
ރޭގަނޑުގެ ހަމަހިމޭން މާހައުލުގައި ފައިދަށުން ފަތްތައް މުގުރޭ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. ފިޔަވަޅު އަޅާލާ ކޮންމެ ފަހަރަކު ލަޔާލްގެ މޭގަނޑު އަނގަޔަށް އަންނަވަރު ވެއެވެ. ގިނައިރެއްނުވެ އިވެން ފެށީ، އަތިރިމައްޗަށް ރާޅު ބީއްސާ އަޑެވެ. އެ އަޑުގެ ހިތްގައިމުކަމުން، ލަޔާލްގެ މުޅިނަފުސަށް ދިރުން ގެނުވިފަދައެވެ. ހަނދުވަރުގެ އަލީގައި ތުނޑި އޮންނާނެގޮތް ލަޔާލަށް ސިފަކޮށްލެވުނެވެ. އެއީ ފިލްމުތަކުން ނޫނީ އޭނާއަށް ފެނިފައިވާ މަންޒަރެއް ނޫނެވެ.
ތުނޑީގެ ހިތްގައިމު ފަސްގަނޑަށް ހަނދުވަރުގެ ރިހި އަލި އެޅިފައި އޮތުމުން، ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ލަޔާލްގެ އަތުން ދޫކޮށްލުމަށްފަހު، އަކިއަލް ދެތިން ފިޔަވަޅު ކުރިއަށް އަޅާލިއެވެ. ޖެހެމުންދިޔަ ތާޒާ ރޯޅިން، ލަޔާލް ހުރީ ހީކަރުވާގޮތްވެފައެވެ. ތުނޑީގެ މަޑު ފަސްގަނޑުގައި ފުންނާބު އުސް ފައިވާނުގައި ހުރުން އޭނާއަށްވީ ވޭނަކަށެވެ. ލަޔާލް ފައިވާން ދޫކޮށްލުމަށްފަހު، ހުދުހުދު ވެލިގަނޑުގެ މަތީގައި އިށީނެވެ.
"ވާއު..." ކުރެވުނު އަރާމު އިހުސާސަކުން ލަޔާލަށް ބުނެވުނެވެ.
އުޑުމަތީގައި ފިޔަ ޖަހަމުންދިޔަ ތަރިތަކަށް ބަލަން ލަޔާލް އިނެވެ. އެފަދަ ފުރިހަމަ މަންޒަރެއް އޭނާގެ މުޅި ހަޔާތުގައިވެސް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. މާހައުލުގެ ހިތްގައިމުކަމާއިއެކު، އިވެމުންދިޔަ ރާޅުގެ އަޑުން، ލަޔާލްގެ ސިކުނޑި ތާޒާ ކުރުވިއެވެ. ވެލިގަނޑުގައި ރާޅު ބީއްސައިލާއިރު، ފެންނަ ހުދު ފޮނުތައް ހަނދުވަރުގެ އަލީގައި ދިއްލިލާފައިވާގޮތް ނުހަނު ހިތްގައިމެވެ. ހަމަލޮލުން އެފަދަ މަންޒަރެއް ބަލައިލުމަކީ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނެވެ.
އަކިއަލް ލަޔާލްގެ ކައިރީގައި އިށީނެވެ. އޭނާ ލަޔާލްގެ މޫނަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. ލަޔާލްގެ ރީތިކަމަށް ތައުރީފުކުރާކަން އެންމެ ނަޒަރަކުންވެސް ހާމަކޮށްދިނެވެ. ދުރުގައި އިންނަން އަކިއަލް ކުރި މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. ލަޔާލްގެ މޫނުގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް ފަރުވާތެރިކަމާއިއެކީ އެއްފަރާތް ކޮށްދިނެވެ. އޭނާ ނޫން މީހަކަށް އެ މޫނުގައި ފިރުމައިލަން ނުލިބޭނެއޭ ބުނާ ކަހަލައެވެ.
ލަޔާލް އިނީ ގުޑިލަންވެސް ނުކެރިފައެވެ. އަކިއަލްގެ މޫނަށް ނަޒަރު ހުއްޓާލިގޮތަށް އެ މޫނުން ނަޒަރު ވަކިކޮށްލާކަށް ހިތެއް ނޭދުނެވެ. އަކިއަލްގެ އެންމެ ބީހިލުމަކުންވެސް އޭނާގެ ހިތަށް ގޮތްތަކެއް ވެއްޖެއެވެ. ވަކީން ހާއްސަކޮށް އަކިއަލްގެ ބެލުމުގައި ހުރި މަސްތީ ގޮތަކުން، ލަޔާލްގެ ހިތުގެ ވިންދު އަވަސް ކުރުވިއެވެ. އެފަދަ ފިނި މާހައުލެއްގައި އިންސާނެއްގެ ހިތް އެންމެ ބޭނުންވާނޭ އެއް ކަންތަކަށް ލަޔާލްގެ ހިތް އެދެން ފެށިއެވެ.
"އަހަންނަށް އިތުބާރު ކުރަންތަ؟..." ލަޔާލްގެ މޫނުން ނަޒަރު ވަކިކޮށްލަމުން އަކިއަލް ސުވާލުކުރިއެވެ. އޭނާ ނަޒަރު ހުއްޓައިލީ އުޑަށެވެ.
"އަކިއަލްއަށް ހީވަނީ ކިހިނެއް؟..." ލަޔާލްވެސް ކުރީ ސުވާލެކެވެ.
ނުސީދާކޮށް ވިޔަސް ލަޔާލްގެ ހިތުގެ ހާލު އަކިއަލްއަށް ފަހުމުކޮށްދޭން އޭނާ ބޭނުންވިއެވެ. ކޮންމެ ވާހަކައެއް ދުލުން ބުނުން މުހިއްމެއް ނޫނެވެ. ލަޔާލްގެ ހިތުގެ ހާލު އަކިއަލްގެ ކުރިމަތީގައި ސިއްރުނުވާ ކަހަލައެވެ. އަކިއަލްގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން އެކަން ރަމްޒުކޮށްދިނެވެ.
"ލަޔާލްގެ ދެލޯ ހުރިހާ ކަމަކަށް ހެކިދޭ..." ލަޔާލްގެ ލޮލާއި ލޯ ސީދާކޮށްލަމުން އަކިއަލް ބުނެލިއެވެ.
"ތިއުޅެނީ އަހަރެން ބޭޒާރުކޮށްލަންތަ؟..." ލަޔާލް ތުން ފިއްތައިލިއެވެ.
އަކިއަލްގެ މަޑު ހީލުމުގެ އަޑު އިވިގެން ދިޔައެވެ. ލަޔާލްގެ ހިތް ވިރިގެންދާފަދަ ލުއިލުއި އަޑެކެވެ. ކަޅި ޖަހާވެސްނުލައި އަކިއަލްގެ މޫނަށް ބަލަން ލަޔާލަށް އިނދެވުނެވެ.
"އަހަރެން ރައްޓެހިވާކަށް ނާހާނަން..." ލަޔާލްގެ އަތްމަތީގައި އަތް ބާއްވައިލަމުން އަކިއަލް ވާހަކަ ދެއްކިއެވެ. "އަހަންނަށް ލަޔާލް ފެނުނު ފުރަތަމަ ދުވަހުވެސް ވަރަށް ކަމުދިޔަ.... ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ހެކިކޮށް އަހަންނާ އިންނަން އެއްބަސް ވެދާނަންތަ؟..."
ލަޔާލް އިނީ އިވުނު ޖުމުލަތައް ގަބޫލުކުރަންވެސް ދަތިވެފައެވެ. އެންމެ ފުރަތަމަ ދުވަހު އަކިއަލްއަށް ލަޔާލް ކަމުދިޔަނަމަ، ފިލައިގެން އުޅުނީ ކީއްވެ ހެއްޔެވެ؟ އަކިއަލް އޭނާއާއި ސަމާސާއެއް ކުރަނީ ހެއްޔެވެ؟
"އައި ޕްރޮމިސް، އަހަރެން ލަޔާލްއަށް ދެރަގޮތެއް ނުހަދާނަން..." އަކިއަލް ވައުދުވިއެވެ.
ލަޔާލްގެ ދެލޮލުން ނީރާލީ އުފާވެރިކަމުގެ ކަރުނައެވެ. އޭނާގެ މުޅި ހަޔާތުގައިވެސް މީހަކު ކައިވެންޏަށް އެދުނު އެއީ ފުރަތަމަ ފަހަރެވެ. އެ އެދުމާއި ދެކޮޅު ހަދާނެ ހިތްވަރެއް ލަޔާލަކަށް ނުލިބުނެވެ. ލަޔާލްގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދަތިވުމުން އަކިއަލްގެ ކޮނޑުގައި ބޯ އަޅާލިއެވެ.
"އަހަރެން އެއްބަސް..." ލަޔާލްގެ ޖަވާބު ލިބުނީ އަކިއަލް ހީކުރި ވަރަށްވުރެ އަވަހަށެވެ. "އަހަރެން ބޭނުން މަންމަމެންނާ އަކިއަލް މީޓް ކުރުވަން..."
"މިރޭގެ އުފާވެރިކަން ބަޔާންކުރާނެ ގޮތެއް ނޭނގެ... އަހަރެންގެ ހަޔާތަށް އައި ފުރަތަމަ އިންސާނަކީ ތީ..." ދެން ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިން އަކިއަލް ލަޔާލްގެ ގައިގައި ބައްދައިލިއެވެ.
އަކިއަލްގެ އެގައިގޯޅިކަމުގެ ސަބަބުން ލަޔާލްގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެއަތުގެ ތެރޭގައި ފިދާވުމަށް ބޭނުންވިއެވެ. އެއީ ލަޔާލް އެދިއެދި އިން ފުރުސަތެކެވެ. އަކިއަލްގެ ހަރަކާތްތަކަށް ލަޔާލަށް މަރުހަބާ ކިޔުނީ އަމިއްލަ ނަފުސުގެ މައްޗަށް ބާރެއް ނެތް ފަދައިންނެވެ. އޭނާގެ ކޮންމެ އަމަލަކުން، ލަޔާލަށް އެތައް އުފަލެއް ލިބެމުން ދިޔައެވެ. ހަމަ އެއާއި އެއްވަރަށް އަމިއްލަ ނަފުސު ހުއްޓުވަން ލަޔާލްގެ ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ.
އަކިއަލްގެ ތޫނު ނަޒަރު ލަޔާލްގެ މޫނުން ވަކި ނުވެއެވެ. އޭނާ ލަޔާލްގެ އޮމާން މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ލަޔާލްގެ މޫނަށް އަކިއަލްގެ ހޫނު ނޭވާގެ އިހުސާސް ކުރެވިގެން ދިޔުމާއިއެކު، ދެލޯ މަރާލިއެވެ. އަކިއަލްގެ ކޮންމެ އެދުމަކަށް ވިޔަސް ފުރަގަސް ނުދޭނަމޭ ބުނާ ފަދައިންނެވެ. ކުރެވެން އުޅެނީ ކިހާ ވަރެއްގެ ކަމެއްކަން އެނގުނު ނަމަވެސް، އަމިއްލަ ނަފުސު ހުއްޓުވާނެ ހިތްވަރެއް ލަޔާލަކަށް ނުލިބުނެވެ.
"ސޮރީ..." އަކިއަލް ލަޔާލާއި، ކުޑަކޮށް ދުރަށްޖެހިލިއެވެ. ހަމަ އެ ސިކުންތުގައި އޭނާ ތެދުވެ، ލަޔާލަށް ފުރަގަސްދިނެވެ.
އަކިއަލްގެ އެއަމަލުން ނަގަންވީ މާނައެއް ނޭނގިފައި ލަޔާލް އިނެވެ. އޭނާ ތެދުވެ، ފުރަގަހުން އަކިއަލްގެ ގައިގައި ބައްދާލިއެވެ. އަކިއަލް ގެއްލޭކަށް އޭނާ ބޭނުމެއް ނުވިއެވެ.
"ލަޔާލްއަށް ދެރަގޮތެއް ހަދާކަށް އަހަރެން ބޭނުމެއް ނޫން..." އަކިއަލް ދޫކޮށްލީ ފުން ނޭވާއެކެވެ.
"އައި ލަވް ޔޫ..." ލަޔާލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
"ލޫ...." ލަޔާލްގެ ނަމުން ދުވަހަކު ވެސް މީހަކު ނުގޮވާހާ ލޯބިން އަކިއަލް ގޮވާލިއެވެ.
"ހޫމްމް.." ލަޔާލް ހުރީ ދެލޯ މަރާލައިގެންނެވެ.
އެފަދަ ފިނި މާހައުލެއްގައި އަކިއަލްގެ ކައިރިން ދުރަށް ދާން ލަޔާލް ބޭނުމެއް ނުވިއެވެ. އަކިއަލްގެ ހަށިގަނޑުގެ ހޫނުކަމުން ލިބެމުންދިޔަ އަރާމުން ލަޔާލް ހުރީ ދެލޯ ހުޅުވާލަންވެސް ބޭނުންނުވެފައެވެ.
"ކައިވެންޏަށް އެއްބަސްވީއިރު އަހަރެން މީ ކާކުތޯ، ކޮންތާކުން އައިމީހެއްތޯ ވެސް ބަލާކަށް ބޭނުމެއް ނުވޭތަ؟..." އަކިއަލްގެ އަޑުގައިވީ މަޑުމޮޅިކަމެވެ.
"އަހަރެން ބޭނުމެއް ނޫން މާޒީ އެނގޭކަށް... އަކިއަލްގެ ބެކްގްރައުންޑް އެނގޭކަށްވެސް ބޭނުމެއް ނޫން... އަހަންނަށް ވަފާތެރިވީމަ އެނިމުނީ..." ލަޔާލް އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.
"އެކަމަކު..." އަކިއަލް އެއްޗެއް ބުނަން އުޅުނެވެ.
"ދެން ކޮންއިރަކުން އަހަރެމެން މެރީކުރާނީ؟... އައި ކާންޓް ވެއިޓް..." ލަޔާލް ވާހަކަ ދެއްކީ ކެތްތެރިކަން ކުޑަ ރާގަކަށެވެ.
"އަހަރެންގެ އާއިލާ އެއް ނެތް... މި ކައިވެނި...." އަކިއަލް ހުއްޓައިލިއެވެ. ފަސްއެނބުރި ލަޔާލަށް ބަލައިލީ އެއްޗެއް ޔަގީންކޮށްލާ ފަދައިންނެވެ.
"ކިހިނެއްވީ؟..." ލަޔާލްގެ މޫނުން ފެނުނީ ހާސްކަމެވެ.
"އަހަރެން ދައްކާ ކޮންމެ ތަނެއްގަ އުޅެވިދާނެތަ... އަހަރެން މީ... ލޫ..." އަކިއަލް އަށް ވާހަކަ ދައްކަން އުނދަގޫވުމުން ހުއްޓާލިއެވެ.
"އަހަރެންގެ މައިންބަފައިން ކައިރީ ދެމީހުންނަށްވެސް އުޅެވޭނެ... އެހެން ނޫނަސް އަހަރެން ބޭނުމެއް ނޫން މަންމަމެން ދޫކޮށްލާފަ ދާކަށް.... އަހަރެންގެ ގެއަކީ ހަމަ އަކިއަލްގެވެސް ގެ ކަމުގަ ބަލާ..." މަންމަމެން ދޫކޮށްލާފައި، އެހެން ތަނަކަށް ދިރިއުޅެން ދާން ލަޔާލް ދެކޮޅު ހެދިއެވެ.
އަކިއަލްގެ ގެނައި ކުއްލި ހަރަކާތާއިއެކު ލަޔާލްގެ އަތުގައި ހިފައި ދަމައިލިއެވެ. ލަޔާލްގެ މޫނު ގޮސް ޖެހުނީ، އަކިއަލްގެ ތަނަވަސް މޭގައެވެ. އަކިއަލް ލައިގެން ހުރި ގަމީހު މޭމަތިން ދެ ގޮށް ނައްޓާލާފައި އޮތުމުން، ލަޔާލްގެ ނޭފަތް އެއްވެސް ހުރަހެއްނެތި އަކިއަލްގެ މޭގައި ބީހިލިއެވެ.
"ތީ މިހާރު ހަމައެކަނި އަހަރެންގެ ހައްގެއް.... ދެން އަހަރެން އަބަދުވެސް ހުންނާނީ ލޫގެ މީހެއްގެ ގޮތުގަ..." ލަޔާލްގެ ގައިގައި ބާރަށް ބައްދާލައިގެން ހުރެ އަކިއަލް ބުނެލީ ނުހަނު ލޯބިންނެވެ.
"އަކިއަލް އުޅޭގޮތުން ހީވަނީ ދެންމެ އަހަރެމެންގެ ކައިވެނި ކުރެވުނީހެން..." ލަޔާލަށް ވީ މަޖާ ކަމަކަށެވެ.
ލަޔާލްއަށް ކުރެވުނީ އުފާވެރި އިހުސާސެކެވެ. އަކިއަލްގެ ބަސްތަކުން އޭނާ ހަމަ ރަނގަޅަށްވެސް ދީވާނާކޮށްލައިފިއެވެ. އަކިއަލް ވީ އޭނާ ބޭނުންވި ކަހަލަ ބައިވެރިއަކަށެވެ. ލަޔާލްގެ އިތުބާރު އޭނާ ހޯދައިފިއެވެ. ލަޔާލްއަށް އަކިއަލްގެ ކަނދުރާގައި ދެއަތް ވަށާލެވުނެވެ. އަކިއަލްގެ ގައިން ދުވަމުންދިޔަ އާދަޔާ ޚިލާފު މީރުވަހުން އޭނާގެ ހިއްސުތައް ހޭލައްވަން ނެގީ މަދު ސިކުންތުކޮޅެކެވެ.
ކުއްލިއަކަށް ލަޔާލްގެ ފޯނު ރިންގްވާން ފެށިއެވެ. ލަޔާލް ސިހިފައި އަކިއަލް އާއި ދުރަށްޖެހުނެވެ. އިސްކްރީނަށް އަރާފައި އޮތީ ފިޒާލްގެ ނަމެވެ. އަހަރީ ޖަލްސާގެ މަތިން ލަޔާލް ހަނދާންވީ ދެނެވެ.
"އޯހް ނޯ.... އައި ހޭވް ޓު ގޯ... ސޮރީ..." ލަޔާލް އެނބުރި ދާން ހިނގައިގަތެވެ.
އަހަރީ ޖަލްސާ ތައާރަފުކުރަން ޖެހެނީ ލަޔާލަށެވެ. އަކިއަލް އާއިއެކު ހުރެވުމުން ވަގުތުތައް ހިނގާދިޔަ ގޮތްވެސް ލަޔާލަށް ނޭނގުނެވެ.
ދުވެފައިކަހަލަ ގޮތަކަށް ޖަލްސާ އޮތް ސަރަހައްދަށް ދިޔަ ލަޔާލްގެ އިންތިޒާރުގައި ފިޒާލް މަޑުކޮށްލައިގެން ހުއްޓެވެ. މާބާރަށް ދުވުމުގެ ސަބަބުން ލަޔާލް ހުރީ ހަމަ ރަގަޅަށްވެސް މާނޭވާ ލެވިފައެވެ. ލަޔާލް ހުރިގޮތުން ފިޒާލް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ލަޔާލްގެ ފައިން ފެށިގެން މޫނަށް އޭނާ ނަޒަރު ހިންގައިލިއެވެ.
"ކޮންތާކު އުޅެފަ ތި އައީ؟..." ލަޔާލްގެ އިސްތަށިގަނޑުގައި ހަރުލާފައި އޮތް ފަތްކޮޅެއް ނަގައިދެމުން ފިޒާލް އަހައިއެވެ.
"ތޭންކްސް..." ފިޒާލް ކުރި ސުވާލަށް ޖަވާބު ދިނުން ލަޔާލަކަށް މުހިއްމެއް ނުވިއެވެ.
********
އަހަރީ ޖަލްސާ ނިމުނީ މެންދަމުން އަލިވެ އެކެއްވެސް ޖެހި ފަހުންނެވެ. ލަޔާލް ހުރީ ބޮލުގައި ރިއްސާވަރުން، ގެއަށް ދެވޭލެއް ލަސްވެފައެވެ. މުޅި ދުވަހު އެހާ ބުރަކޮށް އުޅުމުން، ވަރުބަލިވެ ނިދިވެސް އައިސްފައެވެ. ލަޔާލް ނުކުތްއިރު، ފިޒާލް ސައިކަލު އިސްޓާޓު ކުރަނީއެވެ.
"ޑްރޮޕް ކޮށްލަދީފާނަން..." ސައިކަލުގެ ބަރުގޮނު އަޅާލަމުން ފިޒާލް ބުނެލިއެވެ.
ގެއަށްދާން ބޭނުންވެފައި ހުރިވަރުން ފިޒާލްގެ ސައިކަލު ފަހަތަށް އަރަން ލަޔާލް އެއްބަސްވިއެވެ. އެއީ ފިޒާލަށް ލިބުނު ފެހި ސިގުނަލެކެވެ. ލަޔާލްގެ އެ އަމަލުން ފިޒާލްގެ ހިތުގައި އޮތް އުއްމީދު އައުވިއެވެ. ލަޔާލަށް އޭނާ ގަދަރު ކުރެއެވެ. ހިތުގެ ހާލު ވަންހަނާކޮށްގެން ހުއްޓަސް، ލަޔާލްގެ ކުރިމަތީގައި އެކަން ސިއްރު ނުވާނޭކަން އޭނާއަށް އެނގެއެވެ.
"ގުޑް ނައިޓް..." ލަޔާލްގެ ގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލަމުން ފިޒާލް ބުނެލިއެވެ.
"ތޭންކްސް..." ލަޔާލް ޝުކުރު އަދާކުރިއެވެ.
"ތިނޫން ވާހަކައެއް ބުނެފާނަންތަ؟..." ލަޔާލް އަބަދު ޝުކުރު އަދާކުރާތީ، ފިޒާލް ދެރަވިއެވެ. "މިއަދު ކިތައް ފަހަރު ޝުކުރު އަދާކޮށްފިން؟..."
(ނުނިމޭ)