"ލަޔާ... އަހަރެން ވަރަށް ބޭނުން ލަޔާއާ ފްރެންޑް ވާން... ބަޓް އިޓްސް އަޕް ޓު ޔޫ..." ދެމީހުންގެ ދެމެދުގައިވި ހިމޭންކަން ނެތިގެންދިޔައީ ފިޒާލްގެ އަޑުންނެވެ.
********
ލަޔާލް އިނީ މޭޒުމަތީގައި އޮތް ސަމުސަލަށް ނަޒަރު ހުއްޓާލައިގެންނެވެ. ފިޒާލްއަކީ ރީތި މީހެކެވެ. ޒުވާނެކެވެ. ފިރިހެން ކުއްޖެއްގެ ގައިގައި ހުންނަން ލަޔާލްގެ ހިތް ލާޒިމުކުރާ ހުރިހާ ސިފައެއް ފިޒާލްގެ ކިބައިގައި ހުރެއެވެ. ދިގު އިސްކޮޅާއި، ހަމުގެ ކުލައެވެ. އޯގާތެރިކަމާއި، ހިތްހެޔޮކަމެވެ. އެކަމަކު، އޭނާ ކުޑަކޮށްވެސް ފިޒާލްއާއި ގަޔައެއް ނުވެއެވެ. ފިޒާލްގެ މަގުސަދަކީ ކޮބައިކަން އެނގޭތީ، އެފަދަ ގުޅުމަކަށް ފަހިވާނެ އެއްވެސް ކަމަކަށް ޖާގަދޭން ހިތް އެއްބަހެއްވެސް ނުވެއެވެ. އެކަމަކު، ލަޔާލްއަކީ އެހެން މީހުންގެ އިހުސާސްތަކާއިމެދު ނުވިސްނާ، އަމިއްލަ އެދުން އިސްކުރާނެ މީހެއް ނޫނެވެ. ފިޒާލްގެ ކުރިމަތީ ދެކޮޅު ހަދަން ނުކެރުމުން އޭނާ ބޯޖަހާލީ އެކުވެރިކަމަށް އެއްބަސްވުމުގެ ގޮތުންނެވެ.
"ވަރަށް އުފާވެއްޖެ... މިއަދު މީ އަހަރެންގެ ދިރިއުޅުމުގަ އައި އެއްމެ އުފާވެރި އެއް ދުވަސް..." ފިޒާލްގެ އަޑުގައިވި އުފާވެރިކަން ސިއްރެއް ނުވެއެވެ.
ވޭޓަރު ކާއެއްޗެހި ގެނައުމާއި ހަމައަށް ފިޒާލް އެކި ވާހަކަތައް ހިއްސާކުރިއެވެ. އޭނާ ކުރާހިތްވާ ކަންކަމާއި ކާހިތްވާ އެއްޗެއްސެވެ. އާއިލާ އާއި ބެހޭ ވާހަކަތައްވެސް ކިޔައިދިނެވެ. ހިމޭންވެފައި އިނީ ލަޔާލްއެވެ. ފިޒާލްގެ ވާހަކަތައް އަޑުއެހި ނަމަވެސް، އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް ލަޔާލް ހިއްސާއެއް ނުކުރެއެވެ.
"އޮފީހުގެ ނިއު ޖޮބަށް މާލޭ މީހަކު ކުރިމަތިލާފަ އެބައޮތް... ލަޔާއަށް އެނގޭތަ؟.." ލަޔާލްގެ ޝައުގުވެރިކަން ހޯދާނެގޮތް އެނގިގެން، ފިޒާލް އަހައިލިއެވެ.
"ނުދެކެން..." ލަޔާލް ދިނީ ކުރު ޖަވާބެކެވެ.
"ޕީއެޗްޑީ ނަގައިގެން ހުރި މީހަކު މިކަހަލަ އާދައިގެ އޮފީހަކަށް އައިސްދާނެބާއޭ މި ހިތަށް އަރަނީ..." ފިޒާލް އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. "ވެދާނެ އޭނަ ލައިކްވާ މީހަކު މިތާ ހުރީ ކަމަށް..."
********
އޮފީހުގެ އަހަރީ ދުވަސް ފާހަގަކުރާތީ، ހެނދުނޫއްސުރެ ލަޔާލް އުޅުނީ އޮފީހުގެ މަސައްކަތްތަކުގައި އަވަދިނެތިއެވެ. ސަކީނާ އެތައް ފަހަރަކު ގުޅައިގެން ލަޔާލް އޮފީހުން ނުކުތީ، އިރުއޮއްސި އަނދިރިވީ ފަހުންނެވެ.
"ލަޔާލް..."
ލަޔާލްގެ ފިޔަވަޅުތައް ހުއްޓުނީ، އޭނާގެ ނަމުން މީހަކު ގޮވާލުމުންނެވެ. އެއީ ކުރިންވެސް ލަޔާލަށް އިވިފައިވާ އަޑެކެވެ. އެއަޑުގައިވި ޖާދޫގެ ސަބަބުން ލަޔާލްއަށް ފަހަތް ބަލާލެވުނީ އިހުތިޔާރުން ބޭރުގައެވެ. ލަޔާލްއާއި ދެތިން ފޫޓް ދުރުގައި ޒުވާން ފިރިހެނަކު ހުއްޓެވެ. އަނދިރިކަމުން ކާކު ކަމެއް ވަކިކުރަން ނޭނގުނު ނަމަވެސް، އެމީހަކު ހުރީ ލަޔާލްއަށް ބަލަން ކަން އޭނާއަށް އެނގުނެވެ.
"ކާކު؟..." ލަޔާލް އަހައިލިއެވެ.
"އަހަރެންގެ ނަމަކީ އަކިއަލް..." ލަޔާލް އާއި ދިމާއަށް ހިނގައިގަންނަމުން އަކިއަލް ޖަވާބު ދިނެވެ.
އަކިއަލް އައިސް ލަޔާލްގެ ކުރިމަތީގައި ހުއްޓުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ލަޔާލްގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ހަނދުވަރުގެ ރިހި އަލި އަކިއަލްގެ އޮމާން މޫނަށް އެޅިފައިވާއިރު، ރީތިކަމުން ސަނާކިޔޭހާ ފުރިހަމައެވެ. ފިރިހެންވަންތަ ހަށިގަނޑެކެވެ. ރީތި ދެލޮލެވެ. ލަޔާލް ދުވަހަކުވެސް ނުދެކޭފަދަ ރީތި ކުލައެއްގެ ކަޅިއެކެވެ. ހަނދުވަރުގެ ރިހި އަލީގައި، އަކިއަލްގެ މަޑު ފެހިކުލައިގެ ކަޅި ދިއްލިލާފައި އިންހެން ލަޔާލަށް ހީވިއެވެ. ބަސް ހުއްޓޭވަރުގެ ފިރިހެންވަންތަކަމެއް ލިބިފައިވާ އެ ޒުވާނާއަކީ ކާކު ހެއްޔެވެ؟ ހިނިތުންވެލައިގެން ހުރިގޮތުން ލަޔާލްގެ ހިތް ދީވާނާކޮށްލިއެވެ. ޒުވާނާގެ ދެލޮލުގެ ޖާދޫގައި ލަޔާލް ހަމަ ރަގަޅަށްވެސް ޖެހުނެވެ. އެއީ އޭގެ ކުރިން ލަޔާލަށް ވީގޮތެއް ނޫނެވެ.
"އަކިއަލް؟..." ޒުވާނާ ދިއްކޮށްލި އަތުގައި ހިފައިލެވުނު ގޮތްވެސް ލަޔާލަށް ނޭނގުނެވެ.
"ދެންމެ އަހަންނަށް ގޮވިންތަ؟..." ލަޔާލްގެ ކަންފަތް ކައިރިއަށް ގުދުވެލަމުން އަކިއަލް ސުވާލުކުރިއެވެ.
"ނޫން..." ލަޔާލަށް ބުނެވުނެވެ.
ލަޔާލްގެ ގައިގައި ހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ. އަކިއަލް ކައިރިވެލުމުން އޭނާއަށް ކުރެވުނީ، އޭގެ ކުރިން ކުރެވިފައިވާ އިހުސާސެއް ނޫނެވެ. އަކިއަލްގެ ގައިން ދުވި ލުއިލުއި މީރު ސެންޓުގެ ވަހުން ލަޔާލްގެ ސިކުނޑި ތާޒާވިއެވެ.
"ކިހިނެއްވީ؟..." އަކިއަލް ދުރަށްޖެހިލިއެވެ.
އަކިއަލްގެ ހޫނު ނޭވާގެ އަސަރު އޭރުވެސް ލަޔާލްގެ ކަނދުރާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. އަކިއަލްގެ ގާތްކަމަށް ލަޔާލްގެ ހިތް އެދެވެން ފެށިއެވެ.
"ވާހަކަ ދައްކަން ބޭނުން ނުވަންޏާ ގޮސްލަނީ..." ލަޔާލް އަނގައިން ނުބުނެ ހުންނަން ފެށުމުން އަކިއަލް ފަސްއެނބުރުނެވެ.
"ނުދޭ..." ލަޔާލް ސިހިފައި، އަކިއަލްގެ އަތުގައި ހިފައިލިއެވެ.
އެއީ ދުވަހަކުވެސް ލަޔާލް އުޅުނުގޮތެއް ނޫނެވެ. ކުރަން ބޭނުންވި ކަމެއްވެސް ނޫނެވެ. އަކިއަލްއަކީ އޭނާ ދަންނަ މީހެއް ނޫނެވެ. ދެމީހުން ބައްދަލުވިތާ އަދި ފަސް މިނެޓުވެސް ނުވެއެވެ. އެކަމަކު، އަކިއަލްއާއި ވަކިވާން ލަޔާލްގެ ޒަމީރު ދެކޮޅު ހަދަމުން ދަނީއެވެ. އަކިއަލް މަޑުމަޑުން ހީލިއެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވީ އުފާވެރިކަން ހެއްޔެވެ؟
"ދެން ދޭ ގެއަށް... މިގަޑީ މިތާ ހުރުން އެހާ ރައްކާތެރިއެއް ނޫން..." އަކިއަލްގެ އަޑުގައި ދުރުގޮތެއް ނެތެވެ.
"ދެން ކޮންއިރަކުން ބައްދަލުވާނީ؟..." އަކިއަލް ހިނގައިގަތުމުން، ލަޔާލް އަހައިލިއެވެ.
"ދުނިޔޭގަ ތިބިއްޔާ ބައްދަލުވެސް ވާނެ... އަހަންނަކީ ތި ހީކުރާހާ ފަސޭހައިން ގެއްލޭނެ މީހެއް ނޫން..." އަކިއަލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.
އޭނާ ގޮސް ލޮލުގެ ކޮޅަށް އޮބާލަންދެން ލަޔާލް ބަލަން ހުއްޓެވެ. އަކިއަލް ދިޔައީ ލަޔާލްގެ ހިތުގެ ހަމަޖެހުން ނަގާލާފައެވެ. ފޫހިގޮތަކަށް ބިންމަތީ ފައިން ޖަހާލުމަށްފަހު، ގެޔަށްދިޔުމަށް ލަޔާލް ހިނގައިގަތެވެ. އެތައް ދުވަހަކަށްފަހު، ގަޔާވާ މީހަކާއި ބައްދަލުވީއިރު، އެއީ ކޮންތާކުން އައި ކާކު ކަމެއްވެސް އޭނާއަށް ނޭނގުނެވެ.
"އަކިއަލް... ވާއު..." އަކިއަލްގެ ހިޔާލީ ތަސްވީރު ހިތުގައި ކުރަހަމުން ލަޔާލް ހިނގަމުން ދިޔައެވެ. އެ މަންޒަރު ބަލަން އަކިއަލް ހިނިތުންވެގެން ހުރިކަމެއް ލަޔާލްއަކަށް ނޭނގުނެވެ.
********
އެރެއަށްފަހު ލަޔާލްގެ ހިތުގެ ހަމަޖެހުން ގެއްލުނެވެ. އަކިއަލްގެ ނަން އޭނާގެ ހިތުގެ އަޑީގައި ފަވާލެވިފައިވީ ފޮހެނުލެވޭނެ މިންވަރަށެވެ. އެންމެ ފެނިލުމަކުންވެސް މީހަކަށް ހިތްދެވިދާނެއޭ ބުނާ އަޑު ލަޔާލް އަހައެވެ. އެކަމަކު، އެބަހުގެ ތެދުކަން އޭނާއަށް އިހުސާސްވީ، އެކަން ތަޖުރިބާކުރަން ޖެހުމުންނެވެ. އެރޭގެ ފަހުން އަކިއަލް ނުފެންނާތީ، ލަޔާލް މާޔޫސްވާން ފެށިއެވެ. ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވިއެވެ. އަކިއަލްގެ އިންތިޒާރުގައި ވަގުތުތައް ގުނަން ފެށުނީ ކީއްވެ ކަމެއް ހުދު އޭނާއަށްވެސް ނޭނގުނެވެ. އަކިއަލް ދިޔައީ ވައުދެއް ވެފައެއް ނޫނެވެ. ވީއިރު، އިންތިޒާރު ކުރުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
********
އޮފީހުގެ އަހަރީ ޖަލްސާއަށް ލަޔާލް ދިޔައީ ވަރަށް ރީތިވެލައިގެންނެވެ. ދުވަހަކުވެސް މޭކަޕް ނުކުރާވަރަށް މޭކަޕްކޮށް އިސްތަށިގަނޑު ވެސް ފަންކޮށްލައިގެންނެވެ. ލަޔާލްގެ އިސްތަށިގަނޑު އޮންނަނީ ބުޅިކޮށެވެ. ތަފާތުކޮށްލުމުގެ ގޮތުން އެރޭ އޭނާ އިސްތަށިގަނޑު ފަންކުރީއެވެ. ހާމައަށް އިސްތަށިގަނޑު ދޫކޮށްލުމުގެ ބަދަލުގައި މެރޫން ކުލައިގެ ފްލާވާ ބޭންޑެއް އެޅިއެވެ. ލަޔާލް ލައިގެން ހުރި މެރޫންކުލައިގެ ދިގު ހެދުމާއި ގުޅުވާލުމުގެ ގޮތުންނެވެ.
އަހަރީ ޖަލްސާ އޮތީ، ކައުންސިލް އިދާރާގެ ގޯތިތެރޭގައެވެ. ދުރުދުރުގައި މޭޒުތައް ޖަހާފައިވާއިރު، ޖަލްސާގައި ބައިވެރިވުމަށް އަތޮޅުގެ އެހެން ކައުންސިލްތަކުންވެސް މެހެމާނުން އައިސް ތިއްބެވެ. ކައުންސިލް އިދާރާ ހުންނަނީ ރަށުގެ އަތިރިމަތީގައެވެ. އިދާރާގެ ބޭރު ފެންނަން އޮންނަނީ ޖަންގައްޔެއް ފަދައިންނެވެ. ގޯތިތެރޭގައި ދިއްލާފައިވާ ބޮކިތަކުގެ ފަނޑު އަލި ފިޔަވާ އިތުރު އަލިކަމެއް، އިދާރާގެ ބޭރުން ފެންނާކަށް ނެތެވެ.
ލަޔާލް ފެނުމުން، ފިޒާލް ހުރީ ކަޅި ޖަހާވެސްނުލައި ބަލާށެވެ.
"ވާއު.. ޔޫ ލުކް ޑިފަރެންޓް... އެމޭޒިންގް... ވަރަށް ލޯބި..." ފިޒާލްގެ ތައުރީފުގެ ބަސްތަކުން ލަޔާލް އުފަލެއް ނުވިއެވެ.
ފިޒާލްއަކީ ބުނަން ބޭނުންވާ އެއްޗެއް ހިތުގައި ފޮރުވައިގެން ހުންނާނެ މީހެއް ނޫނެވެ. އެކަމުން އުނދަގޫވަނީ ލަޔާލް އަށެވެ.
"އެންމެން ހަމަވީތަ؟..." ލަޔާލް މައުޟޫއު ބަދަލުކޮށްލިއެވެ.
"ނުވޭ ކަންނޭނގެ... އިށީންނަމާ..." ފިޒާލް ހުރީ ލަޔާލްގެ ކައިރީގައި ވިއްދާފައެވެ. ހީވަނީ ލަޔާލް ގެއްލިދާނެތީ އުޅޭހެންނެވެ.
ލަޔާލް އިށީންނަން ހިނގައިގަތް ވަގުތު، އިދާރާގެ ބޭރުގައި ހުރި މީހަކު ފެނި، ހުއްޓުން އެރިއެވެ. އެމީހަކު ހުރީ، ގަހެއްގައި ލައްވެލައިގެން ލަޔާލަށް ބަލާށެވެ. ފަނޑު އަލިކަމުގައިވެސް އެއީ ކާކުކަން އޭނާއަށް އެނގުނެވެ.
"އަކިއަލް؟..." ލަޔާލްއަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ.
ނޭނގޭ ބާރަކުން ލަޔާލްގެ މިސްރާބު ބަދަލުކޮށްލިއެވެ. އަކިއަލް އާއި ދިމާއަށް އޭނާ ހިނގައިގަތެވެ. އަކިއަލް ވެސް އެނބުރި ހިނގައިގަތެވެ.
"ދަނީތަ؟..." ފިޒާލްއަށް ލަޔާލް ފެނުނީ އިދާރާއިން ނުކުންނަނިކޮށެވެ. އޭނާގެ އަޑު ލަޔާލާއި ހަމައަށް ފޯރާގޮތެއް ނުވިއެވެ.
"ވެއިޓް..." ބޮޑު ހެދުމަކާއި އެކީ ހިނގުންވީ، ލަޔާލްއަށް ކުރަން އުނދަގޫވި ކަމަކަށެވެ.
ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަ އަކިއަލް ހުއްޓޭކަށް ނޫޅުނެވެ. މީހުން ތިބި ހިސާބާއި ތަންކޮޅެއް ދުރަށް ދެވުމުން، ލަޔާލް އަކިއަލްގެ ނަމުން ގޮވާލިއެވެ. އަކިއަލް ވަގުތުން ހުއްޓުނެވެ.
(ނުނިމޭ)