﷽
ފިނި ރެއެކެވެ. ވިލާ ރޮއްޖެއްވެސް ނުވާ އުޑުގައި ރަސްކަން ކުރަމުންދިޔަ ހަނދަށް ސަނާ ކިޔަން ތިބި އެތައް ހާސް ތަރިތަކުން އުޑުމަތި ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. މެންދަމުގެ ހަމަހިމޭން ވަގުތުގައި ނަފުސުތައް ފުން ނިންޖެއްގެ ތެރެއަށް ގެނބިފައިވިއެވެ. ދިރޭ ފުރާނައެއްގެ ހިލަމެއްވެސް މަގެއްގެ މަތިން ފެންނާކަށް ނެތެވެ.
ގެއެއްގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެތެރެއިން ނުކުތީ ޒުވާން ފިރިހެނެކެވެ. ވައްކަމެއް ކުރަން އުޅޭ މީހަކު ފަދައިން އޭނާ ވަށައިގެން ހޯދައިލިއެވެ. މަޑުމަޑުން ގޭގެ ދޮރު ލައްޕައިލުމަށްފަހު، ކުރިއަށް ހިނގައިގަތެވެ. އޭނާ ގޮސް ހުއްޓުނީ، ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ހުންނަ ބްލެކް ސްޓޯން ގޭގެ ދޮރާށި ކައިރީގައެވެ. ހަފޫޓަށް ރާނާފައިވާ ވަށާފާރުގެ މަތިން އޭނާ ގޯތިތެރެއަށް ފުންމައިލީ ނުހަނު ފަސޭހައިންނެވެ.
ސިއްސައިގެން ގޮސްފައި ލަޔާލްއަށް ހޭލެވުނީ، ކޮންމެވެސް މީހަކު އޭނާގެ ގައިގައި ބީހޭ ކަހަލަ އިހުސާސެއް ކުރެވިގެންނެވެ. ކޮޓަރިތެރޭގައިވީ ކަނު އަނދިރިކަމެވެ. އެ އަނދިރިކަމަށް ލަޔާލްގެ ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. މީހެއްގެ ހިލަންވެގެން، ލަޔާލް ތެޅިގަނެފައި ބޮކި ދިއްލައިލިއެވެ.
"އުބޭދުބޭ..." ލަޔާލްގެ ހައިރާންކަން އިންތިހާއަށް ދިޔައީ ކޮޓަރި ދޮރުކައިރީ ފުރަގަސްދީގެން ހުރި އުބޭދު ފެނުމުންނެވެ. އުބޭދަކީ ލަޔާލްގެ މަންމަ އާއި އެއްބަނޑު މީހެއްގެ ދަރިއެކެވެ. ލަޔާލްއަށްވުރެ އުބޭދު ދޮށީ ހަތަރު އަހަރެވެ.
އުބޭދު ފަސްއެނބުރި ލަޔާލްއަށް ބަލައިލީ ނުރައްކާތެރި ނަޒަރަކުންނެވެ. ޖެހި ބުދެއްހެން ލަޔާލް އިނީ ގުޑިލަންވެސް ނުކެރިފައެވެ. އުބޭދު އައިގޮތަށް ލަޔާލްގެ ދަތްދޮޅީގައި ހިފައި އޮބައިލިއެވެ. ވީތަދުން ލަޔާލްގެ ދެލޯ ފެންކަޅިވިއެވެ.
"ހަނދާންކުރާތި!... އެއްވެސް މީހެއް ކައިރީ ބުނެފިއްޔާ ނަތީޖާ ވަރަށް ހިތިވާނެ..." ލަޔާލްގެ ބޮލުން ފެށިގެން ބުރަކަށީގައި އަތް ހިންގާލަމުން އުބޭދު އިންޒާރު ދިނެވެ.
އުބޭދު އަތްދަށުން ވީއްލިގަނެގެން ލަޔާލް ދުވެފައި ކޮޓަރިން ނުކުތެވެ. ލަޔާލްއަށް އެރުނީ އޭނާގެ މަންމަ ސަކީނާގެ ކުރިމައްޗަށެވެ.
"ދަރިފުޅާ!... ކިހިނެއްވީ؟..." ސަކީނާ ހާސްވެފައި ލަޔާލް އައި ދިމާއަށް ނަޒަރު ހިންގައިލިއެވެ.
ސަކީނާގެ ދެލޯ ބޮޑުވީ، ލަޔާލްގެ ފަހަތުން އެ ކޮޓަރިން ނުކުތް އުބޭދު ފެނުމުންނެވެ. ލަޔާލް އޭނާގެ މަންމަގެ ފުރަގަހަށް ވަދެ ފިލީ ކުޑަ ކުއްޖަކު ފަދައިންނެވެ. އުމުރުން ސައްބީސް އަހަރު ފުރިފައި ވިޔަސް މައިމީހާގެ ހިމާޔަތާއި ރައްކާތެރިކަމަކީ ދަރިޔަކަށް ލިބޭނެ އެއްމެ ބޮޑު އެއް ނިޢުމަތެވެ.
"އުބޭދު... މިދަންވަރު ލަޔާލްގެ ކޮޓަރީގަ ކީއްކުރަނީ؟..." ސަކީނާގެ މޫނުން ފެނުނީ ހިތްހަމަނުޖެހުމުގެ އަސަރެވެ.
އުބޭދު އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. ސަކީނާގެ ކެތްތެރިކަން ކޮޅުންލިއެވެ. ލަޔާލްއަކީ އޭނާ ނުހަނު ލޯބިން ބަލާ ބޮޑުކުރާ ދަރިއެކެވެ. އެ ނޫނީ އެމީހުންގެ އިތުރު ކުއްޖަކުވެސް ނުހުރެއެވެ.
"ކީއްހޭ ތިކުރަނީ؟..." ސަކީނާ އެދިޔަ ބާރުމިނުގައި އުބޭދުގެ ގަމީހުގައި ހިފައިގަންނަމުން ހަޅޭއްލަވައިގަތެވެ.
ދުވަހަކުވެސް ސަކީނާ އެފަދަ ރުޅިއެއް އައިސްފައި ހުއްޓައެއް ލަޔާލްއަށް ފެނިފައެއް ނުވެއެވެ. އިސާހިތަކު ލަޔާލްގެ ދެލޯ ކަރުނުން ފުރުނެވެ.
"ހަމަ މިހާރު ނުކުމޭ މިގެއިން... ނުކުންނާށޭ..." ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން ސަކީނާ އަމުރުކުރިއެވެ.
އުބޭދު ނިކުމެގެން ދިޔައީ ލަޔާލް އާއި ދިމާއަށް ފާޑަކަށް ބަލައިލާފައެވެ. އެ ބެލުމުގައި ހުރި ނުރައްކާތެރި ގޮތަކުން، ލަޔާލްގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ.
"ދަރިފުޅާ!... މަންމަ އަބަދުވެސް ބުނަމެއްނު ދޮރު ތަޅުލައިގެން އޮންނާށޭ... އަވަހަށް ދޭ ގޮސް އޮށޯވޭ... މިހާރު އެއޮއް ތިނެއް ޖަހަނީ... ދެން އުބޭދަކަށް ނުކެރޭނެ މިގެއަށް ވަންނާކަށް..." ލަޔާލްގެ ބުރަކަށީގައި ފިރުމާލަމުން ސަކީނާ ވާހަކަ ދެއްކީ، ވަރަށް ލޯބިންނެވެ.
ކޮޓަރިއަށް ވަންނަން ގޮސްފައިވެސް ލަޔާލްގެ ހިޔާލު ބަދަލުވިއެވެ. އެފަދަ ކަމެއް ވެފައިވަނިކޮށް، އެކަނި ނިދާކަށް ލަޔާލްއަކަށް ނުކެރުނެވެ. މަންމަގެ ކޮޓަރިއަށް ވަންނަން ދިޔަ ލަޔާލްގެ ފިޔަވަޅުތައް މަޑުޖެހުނީ އެތެރެއިން އޭނާގެ މަންމަމެން ވާހަކަ ދައްކާ އަޑު އިވުމުންނެވެ.
"ނަސީބެއްނު މަށަށް ނިކުމެވުނުކަން... އެހެން ނޫނީ މަގޭ ދަރީގެ ދުވަސް ދިޔައީސް..." ސަކީނާގެ އަޑުގައި އޭރުވެސް ނުރުހުމުގެ އަސަރު ވިއެވެ.
"ސަކީނާ ރޭގަ ގެ ތަޅުނުލާ ހުރީމައޭ އެ ވަދެވުނީ..." ބާރީ ބުންޏެވެ.
"ތަޅުނުލާ ހުއްޓަސް ވަންނާކަށް ނުޖެހޭނެ... އެވައްތަރަށް ނޫޅެ މީހަކާ އިންނަންވީނު..." ސަކީނާގެ ރުޅި ފިންޏެއް ނުވިއެވެ.
"އަހަންނަށް ތިކަން އެނގެއޭ ސަކީ... އަހަރެން ކޮންމެހެން ސަކީ ކުށްވެރިކުރާކަށް ނޫން..." ބާރީއަށް އޭނާގެ ޖުމުލަ ފުރިހަމަ ކުރާނެ ވަގުތެއް ސަކީނާ ނުދިނެވެ.
"ތަޅުލާފައޭ ހުންނާނީ... އަހަންނަކީ ކޮންމެ ރެއަކު ނިދަމުން ހުރިހާ ތަނެއް ރަނގަޅަށް ތަޅުލެވިފަ ހުރިތޯ ބަލާ މީހެއް... އަހަންނަކަށް ނޭނގެ ތަޅުލާފަ ހުއްޓާ، އެ އުބޭދަށް މިގެއަށް ވަދެވުނީ ކިހިނެއް ކަމެއް..." ސަކީނާ ދޫކޮށްލީ ފުން ނޭވާއެކެވެ.
"ކުޑަދޮރުން ވަދެފަ ހުރީ... ދެން އާދޭ އޮށޯންނަން... އަހަރެން މިއައީ ހުރިހާ ތަނެއް ތަޅުލާފަ... މާދަމާ ތި މައްސަލަ ފުލުހުންނަށް ހުށަހަޅާނީ..." ބާރީ އެންމެ އިސްކަމެއް ދިނީ ސަކީނާ ހަމައަކަށް އެޅުވުމަށެވެ.
"ބާރީ ތިއުޅެނީ އެމަންޖެ ފަލީހަތްކުރާނެ ގޮތެއް ނޭނގިގެންތަ؟... މީ ފާޑެއްގެ ރަށެއް... މުޅި ރަށަށް އެމަންޖެ ބަދުނާމުވާނެ... އޭރުން އިންނާނެ މީހަކުވެސް ނުވާނެ..." ސަކީނާ ނުރުހުން ފާޅުކުރިއެވެ.
ލަޔާލް އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ. ނިދީގެ ކަންފުޅެއްވެސް އޭނާގެ ދެލޮލުގައި ނުވެއެވެ. ވެދިޔަ ކަންތަކުގެ ސަބަބުން އޭނާގެ ސިކުނޑި ވަނީ ހައިޖާނުގަނޑެއްގެ ތެރޭގައެވެ. ސަކީނާ ބުނިހެން އެކަން މީހުންނަށް އެނގިއްޖެނަމަ، އޭނާއަށް އެހެން މީހުންނާއި ކުރިމަތިލާން އުނދަގޫވާނެއެވެ. އެކަމަކު، ކުށް ވަންހަނާކޮށްގެން ތިބުމަކީ ހައްލެއް ނޫނެވެ. އެއީ މައްސަލަ އިތުރަށް ގޯސްވުމަށް ހުޅުވައިލެވޭ ދޮރެކެވެ. އެކަން ލަޔާލްއަށް ވިސްނުނުނަމައެވެ.
ލަޔާލް ގޮސް ހުއްޓުނީ ކުޑަދޮރުގެ ކައިރީގައެވެ. އޭނާގެ ކޮޓަރި ހުންނަނީ ގޭގެ ތިންވަނަ ފަންގިފިލާގައިކަމުން، ކުޑަދޮރުން ގޯތިތެރެއާއި މަގުމަތި ރީތިކޮށް ފެންނަން އޮވެއެވެ. އެއިން ހިސާބަކުންވެސް މީހަކު ފެންނާކަށް ނެތެވެ. މުޅި ސަރަހައްދު އޮތީ އަމާންކޮށެވެ. ލަޔާލް ކުޑަދޮރު ހުޅުވައިލިއެވެ. ޖެހުނީ ފިނި ރޯޅިއެކެވެ. ލަޔާލްގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ދެއަތުން ހަށިގަނޑުގައި ހުރަސްކޮށްލަމުން އޭނާ ދެލޯ މަރާލިއެވެ. ސިކުނޑީގެ ހައިޖާނުގަނޑަށް އަރާމެއް ދިނުމުގެ ގޮތުންނެވެ.
"ލަޔާލް!..."
ޖެހުނު ވައިރޯޅިއާއިއެކު، ލަޔާލްގެ ކަންފަތްދަށުގައި ގުގުމައިލީ، ކޮންމެވެސް މީހަކު ގޮވާލި އަޑެވެ. ކުޑަކޮށް ސިހިފައި އޭނާ ލޯހުޅުވާލިއެވެ. މީހެއްގެ ހިލަމެއް ނެތެވެ. ގޯތިތެރޭގައި ހައްދާފައިވާ ފިނިފެންމާ ގަސްތައް ވަޔާއި ހެލިލިހެން ލަޔާލްއަށް ހީވިއެވެ. އޭނާ އަވަހަށް ކުޑަދޮރު ލައްޕާފައި ގޮސް އެނދުގައި އޮށޯތެވެ.
*********
އެހެން ދުވަސް ދުވަހާއި ޚިލާފަށް ލަޔާލްއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ނަމާދުކޮށްލައިގެން ބަދިގެފަރާތަށް ދިޔައިރު ސަކީނާ ހުރީ ސައި ހަދާފައެވެ.
"ދަރިފުޅާ... އަވަހަށް އާދޭ ސައިބޯން..." ލަޔާލް ފެނުމުން ކުރަންހުރި މަސައްކަތްތައް ހުއްޓާލާފައި ސަކީނާ ފެށީ ސައި ގިރާށެވެ.
"މަންމާ!..." ލަޔާލް ސަކީނާގެ އަތުގައި ހިފެހެއްޓިއެވެ. "ރޭގެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނައްޗޭ..."
"ދަރިފުޅަށް ދެރަވާނެ ގޮތަކަށް މަންމަ އެއްވެސް ކަމެއް ނުކުރާނަން..." ސަކީނާ ލަޔާލްގެ ބޮލުގައި ފިރުމައިލިއެވެ.
********
ކައުންސިލް އިދާރާގެ ތެރެއަށް ވަދެގެންދިޔަ ލަޔާލް އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ގަޑިޖެހެން ބަރާބަރު މިނެޓަކަށް ވީއެވެ. ލަޔާލްއަށް އޮފީހަށް ވަދެވުނީ ފިޒާލް އާއި އެކީގައި ކަހަލަ ގޮތަކަށެވެ. ދެމީހުން މަސައްކަތް ކުރަނީ ދެ ސެކްސަނުގެ ވެރިންގެ ގޮތުގައެވެ. ފިޒާލްގެ ކަތި ބެލުންތަކުގެ ސަބަބުން އުނދަގޫވި ނަމަވެސް ފިޒާލްގެ ފަރާތުން ދުވަހަކު ވެސް ލަޔާލް ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ފެނިފައި ނުވެއެވެ.
"ގުޑް މޯނިންގް ލަޔާ... ޔޫ ފަސްޓް..." ކާޑު މެޝިން ދައްކައިލަމުން ފިޒާލް ހިނިތުންވެލިއެވެ.
"ތޭންކްސް..." ހިނިތުންވުމެއް ރައްދުކުރަމުން ލަޔާލް އަވަހަށް ފިޒާލްގެ ކުރިމަތިން ދިޔުމަށް އަވަސްވެގަތެވެ.
"ލަޔާ... ބްރޭކް ގަޑީ މަށާ އެކީ ތާކަށް ދެވިދާނެތަ؟..." ލަޔާލްގެ މޫނަށް ވެރިވާ އަސަރުތަކަށް ފަރުވާތެރިވެހުރެ، ފިޒާލް ސުވާލުކުރިއެވެ.
"ކޮންތާކަށް؟..." ލަޔާލްގެ އަޑުގައި ޝައުގުވެރިކަމެއް ނެތެވެ.
"ކިޔުވީ ރެސްޓޯރެންޓަށް..." ފިޒާލް ހިނިތުންވެލިއެވެ.
"އޯކޭ..." ލަޔާލް ޖަވާބު ދިނީ ހިތާއި ދެކޮޅަށެވެ. ފިޒާލް ފުރަތަމަ ފަހަރަށް ކަމަކު އެދުމުން، ލަޔާލްއަށް އެ އެދުން ބޮލާލައި ޖަހަން ނުކެރުނީއެވެ.
********
އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ގިނަކަމުން ލަޔާލްއަށް ބްރޭކަށް ދިއުމަށް ނުކުމެވުނީ، ބާރަގަޑި ބައިވާން އުޅެނިކޮށެވެ. ފިޒާލް އާއިއެކު ރެސްޓޯރެންޓަށް ދާންޖެހޭކަން ލަޔާލްގެ ހަނދާނުގައި ނެތެވެ. އޭނާ ނުކުތްއިރު، ފިޒާލް އިންތިޒާރުގައި ހުއްޓެވެ. ލަޔާލް ފެނުމާއިއެކު އެތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އެ މޫނުން ފެންނަން ހުރީ، އުއްމީދު ނުކުރާ ކަހަލަ ކަމެއްވުމުން ލިބޭފަދަ އުފާވެރިކަމެކެވެ.
"ތޭންކްސް..." ކިޔުވީ ރެސްޓޯރަންޓްގެ ހިތްގައިމު މާހައުލުގައި ހަމަޖެހިލެވުމާއިއެކު ފިޒާލް އިސްވެ ސުކުރު އަދާކުރިއެވެ.
"ފޯ ވަޓް؟..." ސަބަބު އެނގުނަސް، ނޭނގޭކަމަށް ހަދަމުން ލަޔާލް އަހައިލިއެވެ.
"އަހަރެންގެ އެދުމަށް މިތަނަށް އައީމަ... އުއްމީދެއް ނުކުރަން ލަޔާ އަންނާނެ ކަމަކަށް..." ފިޒާލް ޖަވާބު ދެމުން ވޭޓަރަށް އިޝާރާތްކޮށްލިއެވެ.
"ގްރީން ސެލެޑެއް..." ވޭޓަރު އައިސް އޯޑަރު ނެގުމުން ލަޔާލް ބުނެލިއެވެ.
"ހާދަ ކުޑަގޮތެއް؟... ޑްރިންކްސް؟..." ފިޒާލް ލަޔާލްގެ އަތަށް މެނޫ ދިނެވެ.
"ނޫނޭ... މިގަޑީ އެހާ ބަނޑުހައެއް ނުވޭ..." ލަޔާލް އިނީ ވާހަކަ ދައްކަން އުނދަގޫވެފައެވެ.
"ލަޔާ... އަހަރެން ވަރަށް ބޭނުން ލަޔާއާ ފްރެންޑް ވާން... ބަޓް އިޓްސް އަޕް ޓު ޔޫ..." ދެމީހުންގެ ދެމެދުގައިވި ހިމޭންކަން ނެތިގެންދިޔައީ ފިޒާލްގެ އަޑުންނެވެ.
(ނުނިމޭ)