މޫސުން ގޯސްވެ، އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭވެރި، ގުގުރާނެ ކަމަށް ލަފާކުރެވޭތީ އައްޑުއަށް މިރޭ 08:30އިން 11:30އަށް ޔެލޯ އެލާޓް ނެރެފައެވެ.
އޭގެ އިތުރުން، އެ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅަށް، މޫސުން ގޯސްވެ، މިރޭ 08:30އިން މެންދަމު 01:30އަށް ވައިޓް އެލާޓް ވެސް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މެދުރާއްޖެތެރެއާ ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާ ކަމަށެވެ.
ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަކަށް ކަމަށް ވެސް އި އިދާރާއިން ލަފާކުރެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
އެ އިދާރާއިން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރެއެވެ.