ކޮވިޑު-19 އަށް ޓެސްޓް ކުރުމަށް ހަދާ ޕީސީއާރު ޓެސްޓުތަކަށް އަމިއްލަ ކްލިނިކުތަކަށް އާސަންދަ ދޭން ފަށާފައިވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ.
އާސަންދައިގެ މީޑިއާ އޮފިޝަލު އާސިޔާ ޞާލިހު މިރޭ "ސަން"އަށް ވިދާޅުވީ އަމިއްލަ ކްލިނިކްތަކަށާއި ލެބްތަކަށް ކޮވިޑު ޓެސްޓު ކުރުމަށް ޕީސީއާރު ޓެސްޓު ހަދަން އާސަންދަ ދޭން މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ވަރަށް ފަހުން ބޭއްވި އާސަންދަ ކޮމިޓީ ބައްދަލުވުމެއްގައި ކަމަށެވެ.
"އާސަންދައިން ޕީސީއާރު ޓެސްޓު ހަދަން އެދޭ ފަރާތްތަކަށް ހުއްދަ ދޭ،" އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ކޮވިޑު ޓެސްޓް ހަދަން ޕީސީއާރު ޓެސްޓަށް އާސަންދަ ދެނީ ހަމަ އެކަނި ސަރުކާރު ތަންތަނަށް، ޑޮކްޓަރުގެ ރިފަރެންސް ލެޓާ އޮންނަ ކަމުގައިވާނަމައެވެ.
އާސަންދައިން އަމިއްލަ ތަންތަނަށް ޕީސީއާރު ޓެސްޓަށް އާސަންދަ ދޭން ނިންމާފައިވާއިރު، އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަސް ތެރޭގައި އާސަންދައަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގެ 80 އިންސައްތަ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެފައިވައެވެ.
މުޅި އަހަރަށް ދައުލަތިގެ ބަޖެޓުގައި އާސަންދައަށް ހިމަނާފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. އެ އަދަދުން މިހާތަނަށް 800 މިލިއަން ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ހުސްވި އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް ޖުމްލަ 807 މިލިއަން ޚަރަދުކޮށްފައިވެއެވެ.