ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު ހުޅުވައި، ޖެންޑާގެ މަސައްކަތްތަކަށް ބަދަލުތަކެއް

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --- ސަން ފައިލް ފޮޓޯ

މާލެ ސަރަޙައްދުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު" ގެ ނަމުގައި މަރުކަޒެއް ހުޅުވައި، ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެންނަވައި، އެކަން އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. އެ ދެންނެވުމުގެ ދަށުން، ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު މިއަދު އުފައްދަވައި ރައީސް ޞާލިޙު ވަނީ އެ ތަނަކީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއް ކަމުގައި ހަމަޖައްސަވައިފައެވެ.

ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒުގެ މައިގަނޑު މަސައްކަތްތަކަކީ، މާލެ ސަރަޙައްދުން ވަގުތީ ގޮތުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމާއި، ވިލިނގިލީގައި ދިރިއުޅޭ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ހިންގުމެވެ.

ރައީސް މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި "އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް" ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް މިއަދުން ފެށިގެން އިތުރުކުރެއްވުން ހިމެނެއެވެ. އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • މުޖުތަމަޢުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހިކޮށްދިނުމާއި، އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިންތިޒާމުތައް ހަމަޖައްސައިދިނުން.
  • އިސްރަށްވެހިންނަށް ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުން.
  • އިސްރަށްވެހިން ރަނގަޅު ޞިއްޙަތެއްގައި ދެމިތިބުމަށާއި ދުޅަހެޔޮ، ދޮށީ އުމުރަކަށް ތައްޔާރުވުމަށް ހޭލުންތެރިކުރުމަށާއި، ބަލިތަކުން ރައްކާތެރިވެ ދުޅަހެޔޮކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުން.
  • އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ފޯރުކޮށްދޭ އާންމު ޚިދުމަތްތައް ހޯދުމުގައި ބޭނުންވާ އެހީތެރިކަން އިސްރަށްވެހިންނަށް ފޯރުކޮށްދިނުން.

ރައީސް އޮފީހުން ބުނީ، އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ޖެންޑާ މިނިސްޓްރީގެ މަސައްކަތްތަކުގެ ލިސްޓަށް އިތުރުކުރީ، މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ އިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި އިސްރަށްވެހިންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި އިސްރަށްވެހިން ރަނގަޅު ސިއްހަތެއްގައި ދެމިތިބުމަށް ޕްރޮގުރާމުތައް ރާވައި ހިންގުމަށާއި، އިސްރަށްވެހިން ޝާމިލުވެ އުޅެވޭ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މަރުކަޒުތައް ގާއިމު ކުރުމަށް ކަމަށެވެ.

މީގެ އިތުރުން، ރައީސް ޞާލިޙު ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ "ކުޑަކުދިންގެ ހިޔާ" އާއި "އަމާން ހިޔާ" އާއި "ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު"އިން ކުރަމުން ދިޔަ މަސައްކަތްތައް ކުރުމަށް އެހެނިހެން އިންތިޒާމުތައް ހަމަޖައްސަވައިފައިވާތީ، އެ ތަންތަން މިއަދުން ފެށިގެން އުވާލައްވާފައެވެ.

މި ބަދަލުތައް ގެނެސްފައި ވަނީ، ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

comment ކޮމެންޓް