ތ. ކަނޑޫދޫގެ ނަރުދަމާ މަސައްކަތް ނުނިމި ލަސްވާތީ އެ ރަށު ރައްޔިތުންނާއި ކައުންސިލުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ރީހާން "ސަން"އަށް ވިދާޅުވީ އެ މަސައްކަތް މިހާރު ހަވާލުކޮށްފައި އޮންނަތާ ހަތަރު އަހަރުވެފައިވާކަމަށެވެ.
ނަމަވެސް މަސައްކަތް ކުރިއަަށްދަނީ ވަރަށް ލަސް ދުވެއްޔެއްގައިކަމަށް ރީހާން ފާހަގަކުރެއްވިއެވެ.
"އެއީ ދެން ރައްޔިތުންގެ ކަންބޮޑުވުމަކީ. ވަރަށް ލަސް މަސައްކަތް ކުރިއަށްދާ ވަރު. މަސައްކަތް ނުކުރަނީއެއް ނޫން. އެކަމު މިހާރު ހުއްޓިފައި އޮންނަތާ ވެއްޖެ ފުދޭ ވަރަކަށް ދުވަސް،" ރީހާން ވިދާޅުވިއެވެ.
އެގޮތުން އޭނާ ވިދާޅުވީ އެއްގޮތަކަށް ވެސް މަސައްކަތް ކުރިއަށް ނުދާތާ މިހާރު ގާތްގަނޑަކަށް ދެ މަސްވެފައިވާކަމަށެވެ. މަސައްކަތް ހުއްޓިފައި އޮތީ މަގުތަކުގައި ހޮޅި ވަޅުލައި ޖަންކްޝަންތައް ހެދުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ.
"އަދި ނަރުދަމާގެ މަސައްކަތް ނިމި ގޭގެއަށް ގުޅައިދެވޭ ވަރެއް ނުވޭ. ދެން މިހެން ލަސްވާނަމަ މިއީ ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަން ޖެހޭނެކަމެއް،" ރީހާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށުގެ ރައްޔިތުން އެދެނީ ވީހާ ވެސް އަވަހަކަށް އެ މަސައްކަތް ނިމި ނަރުދަމާގެ ބޭނުން ހިފެން ފެށޭނެ ދުވަހަކަށް ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން 2019 ވަނަ އަހަރުގެ ޖޫން މަހު އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ސަރުކާރުގެ 'އައިލްސް' ވެބްސައިޓުގައިވާ ގޮތުން ކަނޑޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމޭނެކަމަށް އެންމެ ފުރަތަމަ ލަފާކޮށްފައި އޮތީ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް ފަހުން އެ ތާރީޚު ވަނީ މިދިޔަ އަހަރުގެ ޖުލައި މަހަށް ބަދަލުކޮށްފައެވެ.
މި މަސައްކަތަށް 19 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. އެއީ ސަރުކާރުގެ ބަޖެޓާއި ހިލޭ އެހީގެ ތެރެއިންނެވެ.
މަޝްރޫއުގެ ތެރެއިން ރަށުގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބަހައްޓައި، ސީ އައުޓް ފޯލް އެޅުމާއި، އިދާރީ އޮފީސް ޤާއިމުކުރުން ހިމެނެއެވެ. އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.