އައިޔޫއެމްއިން ދެވަނަ ސެމިސްޓާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އިސްލާމިކް ޔުނިވަސީޓި އޮފް މޯލްޑްވިސް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން މި އަހަރުގެ ދެވަނަ ސެމެސްޓާ އަށް ވަނުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައިޔޫއެމް އިން މި ފަހަރު އިއުލާން ކުރީ ޖުމްލަ 60 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތެވެ.

އެގޮތުން ދެވަނަ ސެމެސްޓާއަށް ވަނުމަށް އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓާސް ލެވެލްގެ 16 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ކޯހަކާއި، ބެޗްލާސް ލެވެލްގެ 13 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ ދެ ކޯހެއް އަދި ޑިޕްލޮމާގެ ނުވަ ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 19 ކޯހެއް ހިމެނެއެވެ.

މި އަންނަ ސެމެސްޓާއަށް ހުޅުވާލެވުނު ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ތައުލީމު، ގާނޫނު، ފައިނޭންސް، އެކައުންޓިން، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖާނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.

މި ކޯސްތައް މި އަންނަ ސެމެސްޓާގައި ވެސް ތަފާތު ރަށްތަކުގައި ހިންގުމަށް އައިޔޫއެމް އިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފުވައްމުލަކު ސިޓީ، ލ. ފޮނަދޫ، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އައިޔޫއެމްގެ ލާނިންގ ސެންޓަރުގައި ކޯސްތައް ކުރިއަށްދާނެއެވެ.

މި ކޯސްތަކުގެ ތެރެއިން ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް ސަތޭކަ އިންސަތަ ޓިއުޝަންފީ ހިލޭ ކޯސްތަކެކެވެ.

މާލެއިން އައިޔޫއެމްގެ ފޯމާއެކު ތަކެތި ހުށަހަޅާނަމަ، އެޔުނިވާސިޓީގެ ރިސެޕްޝަނަށް ހުށަހެޅޭނެއެވެ. އަދި ލ. ފޮނަދޫނަމަ އެރަށުގެ ކުރީގެ ސިރާޖުއްދީން ޕްރީ ސްކޫލަށް، ފުވައްމުލަކު ސިޓީ ނަމަ، އެރަށުގެ ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީގެ އިމާރާތް، ޅ. ނައިފަރުނަމަ އެރަށުގެ ކުރީގެ ނޫރާނީ ޕްރީ ސްކޫލް، ހދ. ހަނިމާދޫގެ އައިޔޫއެމް ލާނިން ސެންޓަރު އަދި އައްޑޫ ސިޓީ މީދޫ ނަމަ، އެރަށުގެ ޝަމްސުއްދީން ލާނިން ސެންޓަރަށް ހުށަހެޅޭނެއެވެ.

އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށެހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން [email protected] އަށް އީމެއިލްކޮށް، ވެބްސައިޓުން ނަމަ، ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށެހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

އައިޔޫއެމް އިން ބުނީ އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި، އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަޞްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ޔުނިވަރސިޓީއަށް ހުށަހަޅަންވާނެ ކަމަށެވެ.

އައިޔޫއެމް އިން ބުނީ މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މި އަންނަ ޖޫން މަހުގެ 30ގެ 13:00 ގެ ކުރިން އެ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކޯސްތަަކޭބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ޔުނިވާސޓީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 3022120 އަދި 7923247 އަށް ގުޅުމުން މައުލޫމާތު ލިބޭނެއެވެ.

comment ކޮމެންޓް