އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަސް ތެރޭގައި އާސަންދައަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގެ 80 އިންސައްތަ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މުޅި އަހަރަށް ދައުލަތިގެ ބަޖެޓުގައި އާސަންދައަށް ހިމަނާފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. އެ އަދަދުން މިހާތަނަށް 800 މިލިއަން ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ހުސްވި އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް ޖުމްލަ 807 މިލިއަން ޚަރަދުކޮށްފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓުވަނީ އަހަރު ދެބައި ނުވަނީސް މުޅީން ހުސްވެފައެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދައަށް ވަނީ 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ގާތްގަޑަކަށް 45 އިންސައްތައިގެ ކުރިއެރުމެކެވެ.
އެގޮތުން، މިދިޔަ އަހަރުގެ ބަޖެޓުގައި އާސަންދައަށް 730.9 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްދީފައެވެ.
އެ ބަޖެޓާއެކު މިދިޔަ އަހަރު އާސަންދަ ބަޖެޓަށް ދައުލަތުން 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އަހަރު ނިމުނުއިރު އާސަންދައަށް ކުރި ޚަރަދު 1.8 ބިލިއަނަށް އަރައެވެ.
އާސަންދައިގެ ޚަރަދު މިހާބޮޑުވެފައިވާއިރު، ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ސަބްސިޑީ ކުޑަކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ވޯލްޑް ބޭންކުން ލަފާދީފައިވެއެވެ.