މަސައްކަތްތެރިންގެ އެންމެ އަސާސީ ހައްގަކީ ވަޒީފާގެ ކަށަވަރުކަން ކަމުގައި ވީނަމަވެސް އެކަން ކަށަވަރު ކޮށްދިނުމުގައި މިއަދު ރާއްޖެ އޮތީ މީހެ 30ހަކަށް އަހަރު ކުރީގެ ހާލަތުގައި ކަމަށް އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ނާޒިމް ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރާއިރު، މިހާރު ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ހޯދުމުގެ ވާހަކަ އަލުން ދައްކަން ޖެހިފައިވާ ކަމަށެވެ.
މަސައްކަތްތެރިންގެ އެންމެ އަސާސީ ހައްގަކީ ވަޒީފާގެ ކަށަވަރުކަން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް މިއަދު، މީގެ 30ހަކަށް އަހަރު ކުރިން އުޅުނުހެން ސަރުކާރާ ދެކޮޅަށް ޚިޔާލެއް ފާޅުކޮށްފިނަމަ، ވަޒީފާއިން ވަކި ކުރާ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ފާޓީއަށް ސޮއި ނުކޮށް، ވަޒީފާގައި ހުރުމަކީ މިއަދު މުސްތަހީލު ކަމެއް. ސަރުކާރަށް މަރުހަބާ ކިޔާ ޓްވީޓް ކުރުން ވަޒީފާގެ ބަޔާނުގައި ހިމަނާފައި. ވަޒީފާގެ ރައްކާތެރިކަމަކީ މިހާރު މިއީ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ކަމަކީ ހަމަހަމަ ކަމާއެކު އުޖޫރަ ލިބުމުގެ ހައްގާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގު ކަމަށެެވެ. ނަމަވެސް މިއަދު، ރައީސްގެ އިޚުތިޔާރުގައި ވަޒީފާ ދޭ، ޕާޓީ އެކްޓިވިސްޓުންނަށް ބޮޑެތި މުސާރާއާއި، ސިޔާސީ މަގާމުތައް ދެމުންދާ ކަމަށް ނާޒިމް ތުހުމަތުކުރެއްވިއެވެ. އެއަށް ވުރެ ބޮޑެތި މަސައްކަތް ކުރާ، ތައުލީމީ އަދި ފަންނީ މީހުންނަށް ދެމުންދަނީ އެއާ އަޅާބަލާއިރު ކުޑަ މުސާރައެއް ކަން ނާޒިމް ފާހަގަކުރެއްވިއެވެ.
އަދާކުރާ މަސައްކަތައް އެކަށީގެންވާ މުސާރައެއް ލިބެންޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އެގޮތުން، ކިޔަވައިގެން ތިބި މީހުންނަށް، ގައުމުގައި ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މުސާރައާ ވަސީލަތްތައް ލިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެނަސް އެއީ ވޯޓު ހޯދުމަށް ދޭ ރިޝްވަތަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެކަން ކުރަންވާނީ ޕްލޭނެއް ކުރެވިގެން ކަމަށާއި ދިރިއުޅުން ތަކުލީފަކަށްވާ ވަރަށް ރައްޔިތުން އަތުން ފައިސާ ނަގައިގެން ނޫން ކަމަށެވެ.
"ލާރި ހޯދާނެ ގޮތުގެ ޕްލޭނެއް ނެތި، ޚަޒާނާގައި ހުރި ލާރިކޮޅު ބަހާލައިގެނެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު، ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން، މިއަދު ފަންނީ މަސައްކަތްތެރިން އަޅުދާސް ކުރެވިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ފޮރިން ސާވިސްއަކީ މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގެ ފޮރިން ސާވިސް ގާނޫނު އެކުލަވާލެވުނީ ސިޔާސީ ނުފޫޒުތަކުން ޚާރިޖީ ސިޔާސަތު އެކަހެރި ކުރުމާއެކު ފޮރިން ސާވިސްގެ މުވައްޒަފުން ފަންނީ ބަޔަކަށް ހެދުމަށް ކަމަށެވެ. ޚާރިޖީ ދާއިރާއަކީ ރާއްޖޭގައި މީހުން ބިނާ ކުރުމުގައި އެންމެ ގިނަ ކާމިޔާބީ ހާސިލުކުރި އެއް ދާއިރާ ނަމަވެސް، މިއަދު އެމްބަސީތަކަކީ ޕާޓީގެ މީހުންގެ ވަޒީފާއާއި ވިސާ ހޯދައިދޭން ހުރި ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިފައިންނާ ފުލުހުންގެ ޚިދުމަތަށް ބަލާލި ނަމަވެސް ފެންނަނީ ހަމަ މިފަދަ ހިތާމަވެރި މަންޒަރުތަކެއް ކަމަށެވެ. އެގޮތުން، ސަރުކާރުތަކާ ޕާޓީތަކުގެ ޒާތީ އަދި ނުރައްކާތެރި ސިޔާސީ ފިކުރުތަކުގެތެރެއަށް ސިފައިން ވަދެގެންދާތަން ފެނުމަކީ ބަލަން އުނދަގޫ މަންޒަރެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުން، މިއަދު ފެންނަމުން ދަނީ ސިޔާސީ ނިންމުންތައް ދިފާއުކުރުން، ސިފައިންގެ ވަޒީފާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ހަމަޖައްސަމުން ދާތަން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
"މިހެންގޮސް، ދުނިޔޭގެ އެންމެ މޮޅެތި މިލިޓަރީ އެކަޑެމީތަކުން ތައުމީލު ހާސިލު ކޮށްގެން ތިބި، މިލިޓަރީ އޮފިސަރުންނަކީ އަމިއްލައަށް ލަދުން އިސްޖަހާލަން ޖެހޭ ބަޔަކަށް ވަނީ ހަދާފައި. މިހެން ކަންކަން ހިނގާނަމަ، ސިފައިންގެ މީހުން ކުރި ހުވާގެ މަތީގައި ގައުމީ ޚިދުމަތުގައި ދެމިތިބޭނީ ކިހިނެއްތޯ؟" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސިވިލް ސާވަންޓުނަށް ރައްކާތެރި ކަމާއެކު ޚިދުމަތް ކުރުމުގެ ފުރުސަތުތައް ލިބެންޖެހޭ ކަމަށެވެ. އަދި ކޮންމެ ޕާޓިއެއްގެ ކޮންމެ މީހަކަށް ވެސް ވަޒީފާގައި ހަމަހަމަ ކަމާއެކު ރައްކާތެރިކަން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވަނީ އެހެންކަމުން، ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކޮށްދެއްވާ، ހަމަހަމަ ކަމާ، ރައްކާތެރިކަމާއެކު ވަޒީފާ އަދާކުރެވޭ ގޮތެއް ފަހި ކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި ވޯޓާ ދިމާކޮށް ދިވެހި މަސައްކަތްތެރިންގެ ނާޖާއިޒު ފައިދާ ނުނެގުމަށް ވެސް އެނާ ގޮވާލެއްވިއެވެ.
ނާޒިމް ވިދާޅުވީ ގާނޫނާ ގަވާއިދުތައް ތަންފީޒުކުރައްވައި، ރޫޅެމުންދާ ގައުމުގެ ހިންގުމުގެ ދާއިރާ ހަމަޔަކަށް އެޅުއްވުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ފަންނީ މީހުންގެ މުސާރަތައް ކުޑަކަމަށް ނާޒިމް ވިދާޅުވިޔަސް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ މުސާރަ ބޮޑުކޮށްފައެވެ. އެގޮތުން ކުރިން ލިބެމުން އައި މުސާރައަށް ވުރެ އެތައް ގުނައަކަށް ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ވަނީ ބޮޑުވެފައެވެ.