ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ހދ. ނޮޅިވަރަމް -- ފޮޓޯ/ ޓްރިޕް އެޑްވައިޒާ

ހދ. ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއެކު އިއްޔެ ހައްޔަރުކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި, ނާއިޒް އިބްރާހިމް ހައްޔަރު ކުރީ ކުޅުދުއްފުށިން ނޮޅިވަރަމަށް ގޮސް ހުއްޓާ އެ ރަށު ބަނދަރު މަތިންނެވެ.

ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާ މިއަދު "ސަން"އަށް ވިދާޅުވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންނާ ހަވާލާދީ ޔޫސުފް ވިދާޅުވީ އޭނާ ހައްޔަރުކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

"ތުހުމަތުކުރެވޭ އޭނައަށް އަބަދުވެސް. ކިތަންމެ ދުވަހެއް ތުހުމަތު ކުރެވެނީ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

އިތުރަށް ޔޫސުފް ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް އޭނާގެ އާއިލާ އާއި ރައްޓެހިން ވެސް އޭނާއަށް ނަސޭހަތްތެރިވެފައިވާކަަމަށް ވިދާޅުވިއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް މީގެ ކުރިން ހައްޔަރު ނުކުރެވުނީ އެއްވެސް ހެއްކެތް ނެތުމުން ކަމަށް ވެސް ޔޫސުފް ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް ހިތާމަކުރާ ކަމެއް، މި ރަށުގައި ގޮތެއް ފޮތެއް ނެތް މީހުންނަށްވުރެ ވެސް ބޮޑަށް ކިޔަވައިގެން ޒަވާޖީ ހަޔާތެއް ފަށައިގެން ރަނގަޅު ވަޒީފާގައި އުޅޭ މީސްމީހުން މި މަޅީގައި ޖެހޭތީ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

އިސްލާމް ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާތާ 10 ވަރަކަށް އަހަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް