ޚިދުމަތް ހޯދާ ފަރާތްތަކާ މުއާމަލާތް ކުރުމުގައި ސާދާ އަދި ދެފުށް ފެންނަ ގޮތްތައް ޚިޔާރުކޮށް، މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވެއްޖެއެވެ.
ސިވިލް ސާވިސް ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ނާސިޙް ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނީ ގޮތުން ވަކި ޚިދުމަތެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަތާ މިވީ 15 އަހަރު ދުވަހުފެ ތެރޭގައި ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި، ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ދުވަހުން ދުވަހަށް ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން، މީގެ ކުރިން އިދާރާތަކަށް ގޮސް ރައްޔިތުން ހޯދި ބައެއް ޚިދުމަތްތައް މީހާރު ގޭގައި ތިބިގެން އޮންލައިން ވިއުގަތައް މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން، ބަދަލުވަމުން ދާ ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް ވެސް ތަފާތުވެ ބަދަލުވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން ބަލާއިރު، ކޮމްޕިއުޓަރާއި އައިސީޓީގެ ހުނަރުތަކަކީ ހުރިހާ މުވައްޒަފުން ވެސް ދަސްކޮށް އަށަގެންނެވުމަށް ކޮންމެހެން ލާޒިމް ހުނަރުތަކަކަށް ވެފައިވާ ކަމަށް ނާސިޙް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިވިލް ސާވިސްއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް މުއައްސަސާ ކަމަށެވެ. އެހެންކަމުން، ޚިދުމަތް ހޯދާ ފަރާތްތަކާ މުއާމަލާތް ކުރުމުގައި ސާފު، ސާދާ އަދި ދެފުށް ފެންނަ ގޮތްތައް ޚިޔާރުކޮށް، މައްސަލަ ހައްލުކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސީއެސްސީގެ އެންމެ މުހިއްމު އެއް އަމާޒަކީ ފެންވަރު ރަނގަޅު ޚިދުމަތެއް، އަވަސްމިނެއްގައި ރައްޔިތުންނަށް ފޯރުވައިދިނުން ކަމަށް ނާސިޙް ވިދާޅުވިއެވެ. އެހެންކަމުން، ވަޒީފާގެ މާހައުލުގައި، ދޭދޭ މުވައްޒަފުންގެ ދެމެދުގައި މި ނަޒަރިއްޔަތުން މުއާމަލާތް ކުރެވިގެން ދިއުމަކީ ސީއެސްސީގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާއިރު، ކޮންމެ އިދާރާއެއްގެ ސާވިސް ޗާޓަރުގައި ބަޔާންކުރާ ޚިދުމަތްތައް، އެ ބަޔާންކުރާ މިންވަރަށް އަދި އެ ފެންވަރަށް ކަނޑައެޅިފައިވާ މުއްދަތުގައި ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި، ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި އެކަކު އަނެކަކަށް އެހީތެރިވެދިނުމާ ގުޅިގެން މަސައްކަތް ކުރުމުގެ ސަގާފަތެއް އަށަގެންނެވުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އާ އަޒުމްތަކެއް ކަނޑައަޅައި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދު އަލީ ސުލޫކީ މިންގަނޑުގައި ހިފަހައްޓަކައިގެން އިހުލާސްތެރިކަމާ އެކު ޚިދުމަތް ކުރުމަށް ވެސް ނާސިޙް އިލްތިމާސް ކުރެއްވިއެވެ. އަދި، ސިވިލް ސާވިސް އަކީ ޔައްޔިތުން ބަލައިގަންނަ، އިތުބާރު ކުރާ ޚިދުމަތަކަށް ހެދުމަށް ސަމާލުކަން ދިނުމަކީ ވެސް ނުހަނު މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.