ސިއްހީ ދާއިރާގައި ޚިދުމަތްކުރާ ދިވެހިންގެ އަދަދު ދެން އިތުރުވާނެ: ނަސީމް

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ ބެހޭގޮތުން ހެލްތު މިނިސްޓަރު ނަސީމް ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ/ރައީސް އޮފީސް

ސިއްހީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ގެނައި ހެޔޮ ބަދަލާއެކު މި ދާއިރާއަށް ޚިދުމަތްކުރުމަށް ޝައުގުވެރިވާނެ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ހެލްތު މިނިސްޓަރު އަޙުމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ، ސިއްހީ ދާއިރާއަކީ މިހާރުވެސް ވަރަށް ގިނަ ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވާ ދާއިރާއެއްކަމަށެވެ.

އެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުވާންޖެހޭކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ، ހަތަރު އަހަރާއި ބައިގެ ތެރޭގައި މި ގެނެވުނު ހެޔޮ ބަދަލަކީ ވަރަށް ބުރަ މަސައްކަތުން ގެނައި ބަދަލެއް ކަމަށެވެ. އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިއަދު މި ގެނައި ހެޔޮބަދަލަކީ ރައީސް އެކަމަށްޓަކައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާކަމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ބޮޑުކުރި މުސާރައިގެ މަންފާ މުވައްޒަފުންނަށް ލިބޭނޭ ގޮތް ހައްދަވައިދެއްވުން. ހުރިހާ ސްޓޭކް ހޯލްޑާސްއިން މިކަންކަން ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ނަސީމް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވާ މުވައްޒަފުންގެ ބިދޭސީން ނުހިމެނޭ ކަމަށެވެ. އަދި އާ ފްރޭމްވޯކްގެ ދަށުން މުސާރަ ބޮޑުވާނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ.

ފައިޒަލް ވިދާޅުވީ، ސިއްޚީ ދާއިރާގެ މުސާރައަށް ސަރުކާރުން ބަދަލު ގެނެސްފައިވަނީ ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރާނެ ދިވެހި ޑޮކްޓަރުން އުފައްދަން އިސްކަން ދީގެން ކަމަށެވެ. އަދި، ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިކަމަށް ފާހަގަކުރެވިފައިވާ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން އެފަދަ ފަންނުތަކަށް ނިސްބަތުން ރަނގަޅު މުސާރަތައް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް